800 މިލިއަން ޑޮލަރު ހޯދާ ބަޔަކަށް 90 ޕަސެންޓް، ބާކީ ސަދަގާތަށް ދޭން ޔާމީން ގޮވާލައިފި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ ފައިސާ ހޯދާ ބަޔަކަށް އޭގެ ތެރެއިން 90 ޕަސެންޓް ދިނުމަށާއި ބާކީ 10 ޕަސެންޓް ސަދަގާތަށް ދިނުމަށް އޭނާ މިރޭ ގޮވާލައްވައިފި އެވެ. ދިޓީވީގެ "ހަބަރު ތެރެއިން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ 800 މިލިއަން ޑޮލަރުގެ ތުހުމަތު އެންމެ ފުރަތަމަ އަޅުވަމުން ގެންދެވީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އޭނާގެ މައްޗަށް ކަމަށެވެ. މައުމޫންގެ މައްޗަށް އެ ތުހުމަތު ކުރެވެމުން ދިޔައީ އެމަނިކުފާނު މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައިގަންނަވާނެ ކަން ޔަގީން ނުވާތީ ކަމަށް ޔާމީން ވިދާޅުވި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރިޔާސީ ކޮމިޝަނެއް އުފައްދަވައި އެ ކޮމިޝަނުން 800 މިލިއަން ޑޮލަރުގެ މައްސަލަ ތަހުގީގު ކުރި ނަމަވެސް ނަތީޖާއެއް ނުނެރެވުނު ކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ އެއީ ހަގީގަތާ ކިރިޔާ ވެސް ގުޅުމެއް އޮތް މައްސަލައެއް ނަމަ އެމްޑީޕީ ސަރުކާރުގައި އޭނާ އަށް އަދަބު ދޭނެ ކަމަށެވެ. ނަމަވެސް، ޔާމީން ވިދާޅުވީ ކޮޅެއް މެދެއް ނެތް މައްސަލައެއްގައި ކޮޅެއް މެދެއް ނޯންނާނެ ކަމަށެވެ. "މި ރިޔާސީ އިންތިޚާބުގައި ވެސް ރައީސް ނަޝީދަށް އެގިވަޑައިގަންނަވާނެ އެމަނިކުފާނާ އެންމެ ކައިރިން ވާދަކުރައްވާނެ، ނޫނިއްޔާ އެމަނިކުފާނު ބީޓް ކުރަންޏާ ބީޓް ކުރާނެ މީހަކީ ޔާމީން ކަން. އެމަނިކުފާނު ބޭނުންފުޅެއް ނުވާނެ އަޅުގަނޑަށް މިފުރުސަތު އޮންނާކަށް. އެހެންވީމާ ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ހުރިހާ ފުރުސަތެއްގައި އެކަން ކުރައްވައިފަ ވަނީ،" ޔާމީން ވިދާޅުވި އެވެ. މުލަކު ދާއިރާގެ މެމްބަރު ވިދާޅުވި ގޮތުގައި އޭނާ އެދިވަޑައިގަންނަވަނީ 800 މިލިއަން ޑޮލަރުގެ ވާހަކަ "ގިނައިން ދެއްކެވު"މެވެ. އަދި އެ މައްސަލަ ތަހުގީގުކޮށް، އެކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމަށް އޭނާ ގޮވާލެއްވި އެވެ. "ރައީސް ނަޝީދަށް ވަރަށް ދަތިފުޅުވޭ ރައީސް ނަޝީދުގެ ކެންޑިޑެސީ ބާތިލްކުރުމަށް ލޯޔަރު ވައްޑޭ ސުޕްރީމް ކޯޓަށް ވަޑައިގެން މަސައްކަތްކުރައްވާތީ. އަޅުގަނޑަށް އެއްވެސް ދައްޗެއް ނުވޭ 800 މިލިއަން ޑޮލަރުގެ ވާހަކަ ދެއްކީމަ. މިއީ ދެ ރިޔާސީ ކެންޑިޑޭޓުންގެ މެދުގައި ހުރި ތަފާތަކީ،" ޔާމީން ވިދާޅުވި އެވެ. އަންނަ ހޮނިހިރު ދުވަހު އަލުން ބާއްވާ އިންތިޚާބުގެ މައްޗަށް އަލިއަޅުވާލައްވަމުން ޔާމީން ވިދާޅުވީ ދީނާއި ގައުމަށްޓަކައި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަަމަކީ ނަޝީދަށް ވެރިކަމަށް ނުގެނައުން ކަމަށާއި ވެރިކަމުގައި ހުންނަވާނެ ބޭފުޅަކާ މެދު ވިސްނަން ޖެހޭނީ އެއިގެ ފަހުން ކަމަށެވެ. ނަޝީދުގެ ވެރިކަން ބަދަލުވުމުގެ ފަހުން އުފެދިގެން އައި އިއްތިހާދުގެ ހުރިހާ ލީޑަރުންނަށް ވެސް ގަބޫލުކުރެވުނު ކަމަކީ ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ފުރުސަތު ނުދެއްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދީނާއި ގައުމަށްޓަކައި ކަންތައް ކުރާ ވާހަކައަކީ ހުރިހާ ސިޔާސީ ލީޑަރުން ވެސް ދައްކަވާ ވާހަކައެއް ކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ އެ ވާހަކަ ދައްކަވަނީ ހަގީގީ އިމްތިހާނާ ހަމައަށް އަންނަން ދެން ކަމަށެވެ. އެގޮތުން، އެމްޑީޕީ އާ އިދިކޮޅު ޕާޓީތައް ގުޅިގެން އެއް ކެންޑިޑޭޓެއް ނެރުމުގެ ކަންތައް ކުރިއަށްދިޔަ ގޮތާ މެދު ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް ދައްކަވާ ވާހަކައަކީ ވަރަށް ނުރައްކާތެރި ވާހަކައެއް ކަމަށް އޭނާ ވިދާޅުވި އެވެ. "އެމަނިކުފާނު އެ ވިދާޅުވަނީ އެމަނިކުފާނަށް ތާއީދުކުރައްވާ 60 ޕަސެންޓް މީހުން ޔާމީނަށް ވޯޓެއް ނުދޭނެ އޭ. އެހެންވީމާ އެމަނިކުފާނަށް މި ވިދާޅުވެވެނީ އެމަނިކުފާނު މަސައްކަތެއް ނުކުރައްވާނަމޭ އެ މީހުންގެ ތާއީދު ޔާމީނަށް ހޯދައިދޭކަށް. އޭގެ ނަތީޖާއަކަށް ވެގެން ދާނީ އެމަނިކުފާނުގެ ވާހަކަފުޅުތަކުން ދޭހަވާ ގޮތުގަ، އެ 60 ޕަސެންޓް މީހުންނަކީ އެމްޑީޕީ އަށް ވޯޓު ދޭނެ މީހުންނޭ،" ޔާމީން ވިދާޅުވި އެވެ. ނަމަވެސް، ޔާމީން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންގެ ވާހަތައް އެގޮތަށް ހުރި ނަމަވެސް އެ ގުޅުމުގައި ހިމެނޭ އަދާލަތު ޕާޓީ އާއި އުމަރު ނަސީރު ފަދަ ބޭފުޅުން ދެވަނަ ބުރުގައި ނަޝީދަށް ތާއީދު ނުކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެއް ކެންޑިޑޭޓަކު ނެރުމުގެ މަސައްކަތުގައި ދޫނުދިނީ ޕީޕީއެމުން ނޫން ކަމަށާއި ނަމަވެސް ޖުމްހޫރީ ޕާޓީން ހުށަހެޅި ކަންތައްތަކަކީ ޕީޕީއެމްގެ އަސާސީ ގަވާއިދުގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އިލެކްޝަންސް ކޮމިޝަނަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ ދާއިމީ އެޑްރެސްގައި ވޯޓް ލާން ބޭނުންވާ މީހުންގެ ނަން އެހެން ތަންތަނުގައި ރެޖިސްޓްރީކޮށްފައި އެބަހުރި ކަމަށާއި ޑޭޓާބޭސްގައި ހުރި ނަންތަކަކަށް ބަދަލު އަންނަންވީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި ރީރެޖިސްޓްރޭޝަންގައި ފާހަގަކުރެވޭ މައްސަލަތަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކޮމިޝަނުން ހުޅުވާލައިފައިވީ ނަމަވެސް އީދު ބަންދު ކަމުން ގިނަ ރަށްރަށުގެ ކައުންސިލް އޮފީސްތައް ވެސް ބަންދު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޔާމީން ވިދާޅުވީ އެކަމުގެ ސަބަބުން ރަށްރަށުގައި މިވަގުތު ތިބި މީހުންނަށް ޝަކުވާ ހުށަހެޅޭނެ ގޮތެއް ނެތް ކަމަށެވެ. "އަޅުގަނޑުމެންނަށް ބަލައިލަން މި ލިބެނީ ރީރެޖިސްޓްރީ ކުރި ހުރިހާ ވޯޓަކާއި ދާއިމީ އެޑްރެހުގައި ވޯޓު ލާ މީހުންނާ އެކު 240،000 މީހުންގެ ލިސްޓް އެއްކޮށް. އަޅުގަނޑުމެންނަށް ދަފުތަރު އެއްކޮށް ބަލަން ލިބޭއިރު ގާތްގަނޑަކަށް މިލިބެނީ 18 ގަޑި އިރު ނުވަތަ 12 ގަޑިއިރު. އަޅުގަނޑުމެންނަށް ނުލިބޭ 24 ގަޑިއިރު ވެސް،" ވޯޓާސް ލިސްޓު އެކުލަވާލާ ނިމޭ ވަރަކުން އާއްމުކުރަން ޖެހޭ ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ. ޔާމީން ވިދާޅުވި ގޮތުގައި އިނގިލީގެ ނިޝާން ސައްހަކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެއްވެސް މަސައްކަތެއް ކުރާ ތަނެއް ނުފެނެ އެވެ. އަދި ކޮމިޝަން ޒިންމާދާރުކުރުމަށް އަޑުއުފުލާ ފަރާތްތަކަށް ރައްދު ދީ ބަޔާން ނެރުމަކީ ދައުލަތުގެ މިނިވަން މުއައްސަސާއެއްގެ ހައިސިއްޔަތުން މި ދަނޑިވަޅުގައި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިލެކްޝަންސް ކޮމިޝަނާ މެދު ނުތަނަވަސް ކަމެއް އުޅުނު ނަމަވެސް ޕީޕީއެމުން އެދެނީ ހުރިހާ ކަމެއް ރަނގަޅުކޮށް ހޮނިހިރުދުވަހު އިންތިޚާބުގައި ބޭއްވުން ކަމަށެވެ. އޭނާ ވިދާޅުވީ އިންތިޚާބު ފަސްކުރުމަށް ޕީޕީއެމުން މަސައްކަތްކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް އެ ޕާޓީން ބޭނުން ވަނީ ވީހާ ވެސް އަވަހަށް މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވުން ކަމަށެވެ. "އަޅުގަނޑުމެން އެންމެން، ޕީޕީއެމުން ވެސް، ޖުމްހޫރީ ޕާޓީން ވެސް، ރައީސް ވަހީދު ޕާޓީން ވެސް އަދި ހަމަ އެމްޑީޕީން ވެސް އެދެނީ ރައްޔިތުން އެދޭ ގޮތަށް ނޮވެމްބަރު 11ގައި މިފެށޭ ރިޔާސީ އާ ދައުރަކީ އާ ރައީސެއްގެ ދައުރަކަށް ވެގެން ދިޔުން. އަޅުގަނޑުމެން ބޭނުމެއް ނުވޭ 11 ނޮވެމްބަރުގެ ފަހުން މިކަން ދިގު ދެމިގެން ދާ ކަށް،" އޭނާ ވިދާޅުވި އެވެ. ނަމަވެސް، ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގައިޑްލައިންތައް ފުރިހަމަކޮށް، ހޮނިހިރުދުވަހު އިންތިޚާބު ބޭއްވިދާނެތޯ ނުވަތަ ނޫންތޯ ނިންމާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ އިންތިޚާބު ބޭއްވުމުގެ ކުރިން މިހާރު ކުރިމަތިވަމުންދާ މައްސަލަތައް ހައްލުކުރަން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ