އަޅުގަނޑު ޕީޕީއެމްގައި ހުންނަން ތިމަރަފުށީ ރައްޔިތުން ބޭނުމެއް ނުވޭ: މެމްބަރު ޝަރީފު

ޕީޕީއެމްގައި ހުރުމަށް ތިމަރަފުށީ ރައްޔިތުން ބޭނުން ނުވާ ކަމަށް އެދައިރާގެ މެމްބަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ޕާޓީ ބަދަލު ކުރުމާއި ބެހޭ ގޮތުން ރޭ ތިމަރަފުށީ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމަށްފަހު ސީއެންއެމަށް މައުލޫމާތު ދެއްވަމުން ޝަރީފު ވިދާޅުވީ 100 އަށް ވުރެ ގިނައިން މީހުން ބައިވެރިވި ރޭގެ ބައްދަލުވުމުގައި އޭނާ ޕީޕީއެމްގައި ހުރުމާ މެދު ހުރިހާ އެންމެން ވެސް ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވާ ކަމަށެވެ.
ޝަރީފުވަނީ މީގެ ކުރިން ގުރައިދޫއާއި ގާދިއްފުށީ މީހުންނާއި ވެސް ބައްދަލު ކުރައްވާފައެވެ.
"ގުރައިދޫ މީހުން ބޭނުމެއް ނުވޭ އެއްވެސް ޕާޓީއަކާއި ގުޅޭކަށް، ގާދިއްފުށީ މީހުން ބޭނުންވަނީ އެމީހުންނަށް ކަންތައްތައް ކޮށްދޭނެ ބަޔަކާއި ގުޅުމަށް،" ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ ޕީޕީއެމް ދޫކޮށް އެހެން ޕާޓީއަކަށްދާ ނަމަ ވަޑައިގަންނަވާނީ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދަށް ނުވަތަ ޖުމްހޫރީ ޕާޓީއަށް ކަމަށެވެ. އަދި އެގޮތަށް ރައްޔިތުންނަށް ވެސް ރޭ ދަންނަވާފައިވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.
"ވަރަށް ތަފްސީލުކޮށް އަޅުގަނޑު ކިޔާ ދިނިން ކަންތައްތައް ހުރި، ގޮތް އަދި ޕީޕީއެމްގައި ހުރެގެން ތަރައްގީއަށް މަސައްކަތް ކުރެވެން ނެތް ވާހަކަ ވެސް. އެހެންވެ ތިމަރަފުށީ ރައްޔިތުންނެއް ބޭނުމެއް ނުވި އަޅުގަނޑު ޕީޕީއެމްގައި ހުންނާކަށް. އަޅުގަނޑު ޕީޕީއެމްގައި ހުރެގެން ތަރައްގީ ކުރުމުގެ އެއްވެސް ކަމެއް ނުކުރެވޭނެކަން އެގިއްޖެ. ރައީސް ވަހީދު ވިދާޅުވެފައި އޮތީ، ސެޕްޓެމްބަރު ހާ ތަނުގައި މަތިންދާ ބޯޓު ޖެއްސޭ ވަރަށް ތަރައްގީ ކޮށްދެއްވާނަމޭ އެއާރޕޯޓު،" ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ ތިމަރަފުށީގެ ތަރައްގީއަށް ޕްރެޝަރ ކުރަން ޖެހޭ ވަރަށް ޕީޕިއެމުން ޕްރެޝަރ ނުކުރާކަން ގަބޫލު ކުރައްވާ ކަމަށެވެ. ޝަރީފު ވިދާޅުވީ ތިމަރަފުށި އެއާރޕޯޓުގެ މަސައްކަތް އިހަށް މަޑުޖައްސާލާފައި ބޭއްވުމަށް ޕީޕިއެމްގެ އިސްފަރާތަކުން ދެންނެވި ކަމަށް ސީދާ ރައީސް ވިދާޅުވެފައިވާ ކަމަށެވެ.
"ޣައްސާނު ކުރިމަތި ލެއްވި ފަހަރު ވެސް ތިމަރަފުށިން ވޯޓު ނުލިބިގެން ނުހޮވުނީ. މިފަހަރު އަޅުގަނޑު ލައިގެން ޕީޕިއެމަށް ގޮނޑި ގެނެސްދިނުމުގައި ތިމަރަފުށި ރައްޔިތުން ވެސް މަސައްކަތް ކުރި، އެހެންވީމާ އެރަށުގެ ކަންކަމަށް ވެސް ޕީޕިއެމުން މަސައްކަތް ކޮށްދޭން ޖެހޭނެ،" ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ އޭނާ ޕާޓީ ބަދަލު ކުރާ ވާހަކަ ދެއްކި ހިސާބުން ހުރިހާ ދިމާލަކުން ވެސް އޭނާއަށް ހުށަހެޅުންތައް އައިސްފައިވާ ކަމަށެވެ. އަދި އޭނާ ޕާޓީ ބަދަލު ކުރުމާއި މެދު މާލެ ގޮސް ޕީޖީ ލީޑަރު އަބުދުﷲ ޔާމީނާއި ބައްދަލު ކުރުމަށްފަހު ގޮތެއް ނިންމާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ