އަހުމަދު އަމިއްލަ އަށް ހެދި ގަޑި ސްކޫލަށް ވެއްދުމުން ހައްޔަރުކޮށްފި! އޮބާމާގެ ލޯތްބާއި ސަޕޯޓް ދަރިވަރަށް
ވޮޝިންޓަން (ސެޕްޓެމްބަރު 17) - އެމެރިކާގެ ޓެކްސަސްގެ އުމުރުން 14 އަހަރުގެ މުސްލިމް ދަރިވަރު އަހުމަދު މުހައްމަދު އަމިއްލަ އަށް ގޭގައި ގަޑިއެއް ހަދައި، ސްކޫލަށް އެ ގެންދިޔައީ އޭނާގެ ޓީޗަރު ހައިރާންކޮށްލާށެވެ؛ އެކަމަކު އެއީ ބޮމެއް ކަމަށް ހީކޮށް ފުލުހުންނަށް ގުޅުމުން އެ ކުއްޖާ ވަގުތުން ހައްޔަރުކުރީ އެވެ. އެވަރުގެ ކުއްޖަކު ކުރި އެހާ ތަފާތު މަސައްކަތަކާ ގުޅިގެން ހައްޔަރުކުރުމުން އެމެރިކާގެ އާންމުންގެ ފާޑުކިއުން ވަނީ އިންތިހާ އަށް ގޮސްފަ އެވެ. އޭގެ އިތުރުން ރައީސް ބަރަކް އޮބާމާ އާއި ފޭސްބުކްގެ ބާނީ މާކް ޒުކަބާގުން ފެށިގެން ނާސާގެ ސައިންސްވެރިން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ. އަދި އޭނާގެ ހުނަރަށް ތައުރީފު ވެސް ދަނީ އޮހެމުންނެވެ. "ސަޅި ގަޑިއެއް، އަހުމަދު. ވައިޓް ހައުސް އަށް އެ ގެންނަން ބޭނުންތަ؟ އަހުމަދު ކަހަލަ ގިނަ ކުދިންތަކެއްގެ ޝައުގުވެރިކަން ސައިންސަށް ޖައްސަން އެބަ ޖެހޭ. އެމެރިކާ އެހާ ތަފާތީ އެހެންވެ،" ޓްވިޓާގައި އޮބާމާ ލިއުއްވި އެވެ. ވައިޓް ހައުސް އަށް ޒިޔާރަތްކުރަން އޮބާމާ މިހާރު ވަނީ އަހުމަދަށް ދައުވަތު ވެސް ދެއްވައިފަ އެވެ. ގަޑި ހެދީ ހައިރާންކޮށްލަން ޓެކްސަސްގެ އާވިންގައި ހުންނަ މެކްއާތާ ހައި ސްކޫލްގެ ދަރިވަރު އަމިއްލަ އަށް ހެދި ގަޑި ގެންދިއުމުން ސްކޫލްގެ ބައެއް މުވައްޒަފުން ބިރުގަނެ، ފުލުހުންނަށް ރިޕޯޓްކުރީ އެއީ ބޮމެއް ކަމަށް ހީކޮށެވެ. އެކަމަކު އަހުމަދު ބުނި ގޮތުގައި އޭނާގެ އެ ގަޑިއަކީ ބިރެއް ކަމަށް އޭނާގެ އެއް ޓީޗަރަށް ހީވުމުން "ވަރަށް ދެރަވި" އެވެ. އަހުމަދު އަމިއްލަ އަށް ހެދި ގަޑި: ސްކޫލްގެ އަންހެން ޓީޗަރަކަށް ހީވީ އެއީ ބޮމެކޭ "އަހަރެން އެ ގަޑި ހެދީ ޓީޗަރަކު ހައިރާންކޮށްލަން. އެކަމަކު އެ ފެނިފައި އޭނާ ބިރުގަތީ. ވަރަށް ދެރަވި އެގޮތަށް ވިސްނުނީތީ." ނޫސްވެރިންނާ ބައްދަލުކޮށް އަހުމަދު ބުނީ ސްކޫލް ބަދަލުކުރަން އޭނާ މިހާރު ބޭނުންވާ ކަމަށެވެ. ގޭގައި ހެދި ގަޑި އޭނާ އެންމެ ފުރަތަމަ ދެއްކީ ސައިންސް ޓީޗަރަށެވެ. އެ ޓީޗަރު އޭނާ އަށް މަރުހަބާ ކިޔާފައިވެ އެވެ. އެކަމަކު "އެހެން ޓީޗަރުންނަށް އެ ނުދައްކަން" އޭނާ އެދުނު ކަމަށް އަހުމަދު ބުންޏެވެ. ކަން ދިމާކުރީ މުޅިން ތަފާތު ގޮތަކަށެވެ. ކްލާހުގައި އިންދާ ގަޑި ހިނގާ އަޑު އިވުމުން އަންހެން ޓީޗަރަކު ކަންބޮޑުވީ އެވެ. "އޭނާ އަށް ހީވީ އެއީ ބޮމެކޭ،" އަހުމަދު ބުންޏެވެ. ދެން އޭނާ ސްކޫލުން ނެރެ ސީނިއަ ޓީޗަރުންނާއި ހަތަރު ފުލުހުން ސުވާލުކުރަން ފެށީ އެވެ. އެންމެ ފަހުން ހައްޔަރުކުރީ އެވެ. ސްކޫލުން ނެރުނު ބަޔާނެއްގައި ބުނީ ޝައްކުކުރެވޭ ކަހަލަ އެއްޗެއް ފެނިއްޖެ ނަމަ ވަގުތުން އަންގަން މުވައްޒަފުންނާއި ދަރިވަރުންގެ ކިބައިން އަބަދުވެސް އެދޭ ކަމަށެވެ. އަހުމަދުގެ ބައްޕަ މުހައްމަދު އަލްހަސަން މުހައްމަދު އަބަދުވެސް އޭނާގެ ދަރިފުޅަށް ތައުރީފްކުރެ އެވެ. އޭނާ ބުނި ގޮތުގައި ގޭގައި ހުރި ކޮންމެ އެއްޗެއް ހަދާލުމަކީ އެ ކުއްޖާ އަށް އެއްވެސް ކަމެއް ނޫނެވެ. އޭގެ ތެރޭގައި ބައްޕަގެ ފޯނާއި ކޮމްޕިއުޓަރު ވެސް ހިމެނެ އެވެ. "އެއީ ވަރަށް ސުމާޓު، ވިސްނުން ތޫނު ކުއްޖެއް،" ސޫދާނުން އެމެރިކާ އަށް ހިޖުރަކުރި މުހައްމަދު ބުންޏެވެ. ކުއްޖާ ގެންދިޔައީ ބިޑި އަޅުވައިގެން، މުސްލިމަކަށް ވީމާ ބާ؟ ފުލުހުން އަހުމަދު ގެންދިޔައީ ބިޑި އަޅުވައިގެންނެވެ. އަދި އޭނާގެ އިނގިލީގެ ނިޝާން ވެސް ނެގި އެވެ. އޭނާ ދޫކޮށްލީ އެއްވެސް ބިރެއް ނެތް ކަމަށް ފުލުހުންނަށް ޔަގީންވުމުންނެވެ. އަހުމަދުގެ އާއިލާ އިން ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ މުސްލިމަކަށް ވާތީ އެވެ. އެކަމަކު ފުލުހުން ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ. އަހުމަދު ބިޑި އަޅުވާފައި: އޭނާ މިހާރު ބޭނުންވަނީ ސްކޫލް ބަދަލުކުރަން "މުސްލިމް މުޖުތަމައުއާ އެކު އަހަރެމެންގެ އޮންނަ ގުޅުން އަބަދުވެސް ވަރަށް ރަނގަޅު،" ސްކޫލް ހުރި ސަރަހައްދުގެ ޕޮލިސް ޑިޕާޓްމަންޓްގެ ޗީފް ލަރީ ބޮއިޑް ވިދާޅުވި އެވެ. "މިކަހަލަ ކަންތައްތަކުގެ ސަބަބުން ގޮންޖެހުންތައް ދިމާވޭ. އަހަރެމެން ބޭނުންވަނީ ކުރިއަށް ދާނެ ގޮތް ދަސްކުރަން އަދި މި ކަން ވެސް ރަނގަޅު ގޮތަކަށް ނަގަން." ޒުކަބާގުގެ ދައުވަތު އަހުމަދަށް ނާސާގެ ސައިންސްވެރިންނާއި ޒުކަބާގު ވަނީ އެހާ އުފެއްދުންތެރި ކުއްޖަކު އެގޮތަށް ހައްޔަރުކުރީ ކީއްވެގެންތޯ ސުވާލުކުރައްވާފަ އެވެ. ފޭސްބުކްގެ ބާނީ އަދި ސީއީއޯ ޒުކަބާގު މިހާރު ވަނީ އަހުމަދާ ބައްދަލުކުރަން އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިމަގު ބިނާވެފައި އޮތީ އަހުމަދު ކަހަލަ ކުދިންގެ މައްޗަށެވެ. "އެކަހަލަ އެއްޗެއް އުފެއްދޭ ކަހަލަ ހުނަރާއި ޝައުގުވެރިކަން ދެއްކުމުން ތައުރީފްކުރަންވީ، ހައްޔަރެއް ނޫން ކުރަންވީކީ،" ޒުކަބާގުގެ ފޭސްބުކް ޕޭޖްގައި ލިއެފައިވެ އެވެ. "އަހުމަދު، ފޭސްބުކަށް ޒިޔާރަތްކުރަން ބޭނުން ނަމަ އަހަރެން މިހިރީ ބައްދަލުކުރަން ތައްޔާރަށް."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ