ކުރިއަށް އޮތް ދުވަސްތަކަކީ ޤައުމު ސިޔާސީ ގޮތުން ހަލަބޮލިވެގެންދާނެ ދުވަސްތަކަކަށް ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ކޮންމެ ހަފްތާއަކު ބްރާސްފަތި ދުވަހު ބާއްވާ ފުލުހުންގެ "ތާޒްޑޭ ފޯރަމް" މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކުރިއަށްއޮތް ދުވަސްތަކުގައި ޤައުމު ހަލަބޮލިވި ނަމަވެސް ޤައުމުގެ ސުލްހަ މަސަލަސްކަން ނަގާލަން އެއްވެސް ފަރާތަކަށް ފުރުޞަތުދީގެން ނުވާނެކަމުގައެވެ. އަދި 2013 ގެ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ފުލުހުން ހިކުމަތްތެރިކަމާއެކު ޤައުމުގެ އަމަން އަމާންކަން ބަލަހައްޓައި ދިނުމަށްވެސް ރައީސް އެދިވަޑައިގެންނެވިއެވެ.
އަދި ފާއިތުވި 10 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ދިވެހި ފުލުހުން މަސައްކަތްކޮށްފައިވަނީ ވަރަށް އުނދަގޫ ދަތި ހާލަތެއްގައި ގިނަގުނަ ގޮންޖެހުންތަކާއެކު ކަމަށާއި ޑިމޮކްރެސީއަށް މީހުން އަހުލުވެރިވަމުން ދިޔަވަރަކަށް ކަންކަން ފަސޭހަވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ޑިމޮކްރަސީގެ ކުރީކޮޅު ދުނިޔޭގެ ގިނަ ޤައުމުތަކުން ތަޖުރިބާކޮށްފައިވާނެ ދުވަސްތަކެއް ކަމަށާއި، ފުލުހުންވެސް ކެތްތެރިކަމާއި ޕްރޮފެޝަނަލް ކަމާއެކު ފުލުހުންގެ ވާޖިބު އަދާކުރަމުން ގެންދިއުމަށްވެސް ރައީސް އެދިވަޑައިގެންނެވިއެވެ.
ރައީސް ވިދާޅުވީ ދޮގު މަޢުލޫމާތުތައްވެސް އެއީ ތެދު ކަމަށް މީހުންނަށް ވިސްނައިދެވިއްޖެނަމަ އެއީ ތެދު މަޢުލޫމާތެއް ކަމުގައި ބަލައިގަންނަކަމަށާއި މިގޮތުން ދިވެހި މުޖުތަމަޢުގައިވެސް އެއްވެސް އަސްލެއް ނެތް ވާހަކަތައް ޤަބޫލުކުރާ ގިނަބަޔަކު އުޅޭކަމުގައެވެ.
އަދި ފުލުހުންނާމެދު ކަނޑައެޅިގެން ހަޤީޤަތާއި ޚިލާފު ވާހަކަ ދައްކައި، ފުލުހުންގެ އަގުވައްޓާލަން މަގުމަތީގައާއި މީޑިއާތަކުގެ ބޭނުން ހިފައިގެން މަސައްކަތްކުރާ ބަޔަކުވެސް މުޖުތަމަޢުގައި ތިބެދާނެކަން ޤަބޫލުކުރަންޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް ޑިމޮކްރެޓިކް އުސޫލަކީ އެފަދަ ދޮގު މަޢުލޫމާތު ފަތުރާ ފަރާތްތަކުގެ އަޑު ކަނޑުވާލުން ނޫންކަމަށާއި އެއަޑުތަކަށްވުރެ ބާރަށް އެފަދަ ވާހަކަތަކަށް ރައްދުދީ ހަޤީޤަތް ހާމަކޮށްދިނުންކަމަށް ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބާއި ދިމާކޮށް ޤައުމު ހަލަބޮލިވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ