އިންޑިޔާގެ ފޮރިން ސެކްރެޓަރީއާ ގާސިމް ބައްދަލު ކުރައްވައިފި

މިހާރު ރާއްޖެވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން ސެކްރެޓަރީ ސުޖާތާ ސިންގް އާއި ޖުމުހޫރީޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް މިއަދު ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު އިންޑިއަން ހައިކޮމިޝަންގަ އެވެ.
މި ބައްދަލުވުމަށްފަހު ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރިޔާސީ ކެނޑިޑޭޓް ގާސިމް ވިދާޅުވީ އެ ބައްދަލު ކުރެއްވުމަކީ، ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން ބައްދަލުކޮށްލެއްވި ރަހުމަތްތެރި ކަމުގެ ބައްދަލުވުމެއް ކަމަށެވެ. އަދި އެބައްދަލުވުމުގައި ރާއްޖެއަށް މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ވާހަކަތަކާއި، ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާގުޅޭ ވާހަކަތައް ދެކެވުނު ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
" އަޅުގަނޑު ދެންނެވިން ފޮރިން ސެކެޓްރީއަށް އަޅުގަނޑުމެން މިތިބީ ހޮނިހިރު ދުވަހު އިންތިހާބު ބޭއްވުމަށް ދޭންޖެހޭ އެއްބާރުލުން ދޭން ކަމަށް. އަދި ވޯޓާސް ލިސްޓް ރަނގަޅަށް އޮތިޔާ އަޅުގަނޑަކަށް ނުފެނޭ އެކަން ނުކުރެވޭނެ ކަމަކަށް،" ޤާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، ރިޔާސީ އިންތިހާބާގުޅޭ ވާހަކަތަކުގެ އިތުރުން މިހާރު އިންޑިއާ ސަރުކާރުގެ ބައެއް ޕޮލިސީތައް ހުރިގޮތުން، ރާއްޖެއިން އިންޑިޔާއަށް ބޭސް ފަރުވާއަށްދާ މީހުންނަށް ވިސާ ލިބުމުގައި ހުރި ދަތިތައް ހައްލު ކޮށްދެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ.
އިންޑިއާގެ ފޮރިން ސެކެޓްރީ އާއި ގާސިމް އިބުރާހިމް މިއަދު ބައްދަލު ކުރެއްވީ އެކަމަނާގެ އެދިވަޑައިގަތުމަކަށް ކަމަށް ވެސް ޖުމުހޫރީ ގުޅުމުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ