ދައުލަތުގެ ބަޖެޓުން ސަބްސިޑީއަށް ކުރާ ހޭދަ، މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު %86 އިތުރުވެ، 3.1 ބިލިއަން ރުފިޔާއަށް އަރާފައިވަނީ ތެލާއި ކަރަންޓުގެ އަގުބޮޑުވިޔަނުދީ ހިފެހެއްޓުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެނގުން މުހިންމު - އެމެރިކާ އަދި އިޒްރޭލުން މިދިޔަ ފެބްރުއަރީގައި އީރާނަށް ހަމަލާދިނުމުން ފެށުނު ހަނގުރާމަ އަދިވެސް ކުރިއަށް އެބަދެ އެވެ. އެހެންވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ، ތެލުގެ ސަޕްލައިއަށް ވެސް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފަ އެވެ.
ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ މި މަހުގެ 16އާ ހަމައަށް ބަޖެޓަށް ލިބުނު އާމްދަނީ އަދި ހަރަދު ދައްކުވައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓް އާންމުކޮށްފަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން:
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 23 ބިލިއަން ރުފިޔާއަށް އަރާފައި؛ މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 21.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.9 ބިލިއަން ރުފިޔާ ނުވަތަ %9ގެ އިތުރުވުމެއް
ޖުމްލަ ހަރަދު ހުރީ 24.5 ބިލިއަން ރުފިޔާގައި؛ މިއީ މިދިޔަ އަހަރުގެ 20.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.2 ބިލިއަން ރުފިޔާ ނުވަތަ %21ގެ އިތުރުވުމެއް
މީގެ ތެރެއިން ސަބްސިޑީއަށް ކުރާ ޚަރަދުތަކާއި ޕޭ ހާމަނައިޒޭޝަން ގެ ސަބަބުން މުސާރައަށް ކުރާ ހަރަދުތައް އިތުރުވެފައިވާތީ ހިނގަމުންދާ ހަރަދު ނުވަތަ ރިކަރަންޓް އެކްސްޕެންޑިޗާ %20.8 އިތުރުވެ، 21.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކެޕިޓަލް ހަރަދުތައް ވަނީ %22.1 އިތުރުވެ، 3.2 ބިލިއަން ރުފިޔާއަށް އަރާފައި
ތަފްސީލް - ފިނޭންސް މިނިސްޓްރީން ބުނީ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ސަބްސިޑީއަށް 1.7 ބިލިއަން ރުފިޔާ ހަރަދުކުރިއިރު، މި އަހަރުގެ އެހާތަނަށް ސަބްސިޑީއަށް 3.1 ބިލިއަން ރުފިޔާއަށް ހޭދަކޮށްފައިވާ ކަމަށެވެ. މިއީ %86ގެ އިތުރުވުމެކެވެ.
ސަބްސިޑީގެ ހޭދަ މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ، މިނިސްޓްރީން ބުނި ގޮތުގައި، ތެލާއި ކަރަންޓުގެ ސަބްސިޑީއަށް ކުރި ހަރަދު ބޮޑުތަނުން އިތުރުވުމެވެ. އެގޮތުން:
ތެލުގެ ސަބްސިޑީ - މިދިޔަ އަހަރު ހޭދަކުރީ 702.1 މިލިއަން ރުފިޔާ؛ މި އަހަރު 1.8 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މި އަހަރު ސަބްސިޑީގެ ގޮތުގައި އެންމެ ބޮޑު ހޭދައެއް ކުރި ދާއިރާ
ކަރަންޓުގެ ސަބްސިޑީ - މިދިޔަ އަހަރު ހޭދަކުރީ 341.3 މިލިއަން ރުފިޔާ؛ މި އަހަރު ވަނީ 626.7 މިލިއަން ރުފިޔާއަށް އިތުރުވެފައި
ކުނި މެނޭޖްކުރުމުގެ ސަބްސިޑީ - މިދިޔަ އަހަރު ހޭދަކުރީ 341.3 މިލިއަން ރުފިޔާ؛ މި އަހަރު ވަނީ 626.7 މިލިއަން ރުފިޔާއަށް އިތުރުވެފައި
ދަތުރުފަތުރުގެ ސަބްސިޑީ - މިދިޔަ އަހަރު ހޭދަކުރީ 128.5 މިލިއަން ރުފިޔާ؛ މި އަހަރު ވަނީ 201.6 މިލިއަން ރުފިޔާއަށް އިތުރުވެފައި
ކާބޯތަކެތީގެ ސަބްސިޑީ - މިދިޔަ އަހަރު ހޭދަކުރީ 199.4 މިލިއަން ރުފިޔާ؛ މި އަހަރު ވަނީ 243.9 މިލިއަން ރުފިޔާއަށް އިތުރުވެފައި
އެ ދާއިރާތަކުން ހޭދަ އިތުރުވި ނަމަވެސް، މަސްވެރިކަމުގެ ސަބްސިޑީއަށް ކުރި ހަރަދު ވަނީ 207.4 މިލިއަން ރުފިޔާ އިން 83.1 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. އަދި ނަރުދަމާގެ ހިދުމަތުގެ ސަބްސިޑީއަށް ކުރި 67.8 މިލިއަން ރުފިޔާގެ ހޭދައަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ.
ސަބްސިޑީ ހަރަދު %86 އިތުރު؛ އެންމެ ބޮޑު ހޭދައެއް ތެލާއި ކަރަންޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ