'އެއަރ ކާގޯ ޗައިނާ' ފެއާގައި އެމްއޭސީއެލްއިން ބައިވެރިވެއްޖެ

ޗައިނާގެ ޝަންހާއީގައި ބޭއްވި "އެއަރ ކާގޯ ޗައިނާ 2026" ފެއާގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިވެރިވެ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކާގޯ ޚިދުމަތްތަކަށް ލިބެމުންދާ ކުރިއެރުންތައް ދައްކާލައިފިއެވެ.
މި ފެއާގައި އިންޑިއާ ކަނޑުގެ މުހިންމު ޓްރާންސްޝިޕްމަންޓް މަރުކަޒަކަށް ވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އޮތް ފުރުސަތުތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި ފެއަރގެ ހަވާސާގައި އެމްއޭސީއެލުން ވަނީ ދުނިޔޭގެ އެކި އެއަރލައިންތަކާއި، މުދާ އުފުލާ ކުންފުނިތަކުގެ އިތުރުން ލޮޖިސްޓިކްސް ދާއިރާގެ އިސް ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވިފައިވަނީ އޭޝިއާގެ މާކެޓްތަކާ އޮތް ގުޅުން ވަރުގަދަކުރުމަށާއި، ރާއްޖެއަށް އަންނަ ފްރައިޓަރ ފްލައިޓްތައް އިތުރުކުރުމުގެ އިތުރުން ޔޫރަޕާއި، އުތުރު އެމެރިކާ އަދި ސީ.އައި.އެސް ސަރަހައްދަށް އޮންނަ ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމުގެ މައްޗަށެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކާގޯ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެއަރޕޯޓުން ވަނީ 36,367 ޓަނުގެ ކާގޯ ހޭންޑްލްކޮށްފައެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 5 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރެއިން ޓްރާންސްޝިޕްމަންޓް ކާގޯގެ ގޮތުގައި 7,982 ޓަނު އުފުލާފައިވާއިރު، މިއީ 15 އިންސައްތައިގެ އިތުރުވުމެކެވެ. އަދި 12 ޖުލައި 2026 ގައި އެއް ދުވަހެއްގެ ތެރޭގައި 140 ޓަނުގެ ޓްރާންސްޝިޕްމަންޓް ކާގޯ ހޭންޑްލްކޮށް، އެއަރޕޯޓުގެ ތާރީޚުގައި އާ ރެކޯޑެއް ވަނީ ގާއިމުކޮށްފައެވެ.
ފްރައިޓަރ އޮޕަރޭޝަންތަކަށް ވެސް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން އެމްއޭސީއެލުން ފާހަގަކުރެއެވެ. އެގޮތުން 358 ފްލައިޓެއްގައި 2,925 ޓަނުގެ މުދާ އުފުލާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 174 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. ރާއްޖެއަށް ޓްރާންސްޝިޕްމަންޓް މުދާ އެންމެ ގިނައިން އެތެރެވި ގައުމުތަކުގެ ތެރެއިން ދެވަނަ ލިބެނީ ޗައިނާއަށެވެ. މި ލިސްޓުގެ އެއްވަނައިގައި ސްރީލަންކާ އޮތްއިރު، ރާއްޖެ މެދުވެރިކޮށް އެންމެ ގިނަ މުދާ ފޮނުވާފައިވަނީ އެމެރިކާއަށެވެ.
އެމްއޭސީއެލުން ބުނިގޮތުގައި 2024 ވަނަ އަހަރު ފެށި "ސީ-ޓޫ-އެއަރ" ޚިދުމަތަކީ މި ދާއިރާ ކުރިއެރުވުމަށް އެހީތެރިވެދޭ މުހިންމު ވަސީލަތެކެވެ. މިހާތަނަށް 17 އެއަރލައިނަކާ ގުޅިގެން 5,000 ޓަނަށްވުރެ ގިނަ ކާގޯ ވަނީ އުފުލާފައެވެ. މީގެ ތެރޭގައި ކޮލަމްބޯ، މުމްބާއީ، ޑާކާ އަދި ޓުޓިކޮރިން ފަދަ ސަރަހައްދީ ބަނދަރުތަކުން އަންނަ މުދާ، ރާއްޖެ މެދުވެރިކޮށް ބައިނަލްއަގުވާމީ މަންޒިލްތަކަށް ފޮނުވުން ހިމެނެއެވެ.
އެ ކުންފުނިން ލަފާކުރާ ގޮތުގައި 2026 އަދި 2027 ވަނަ އަހަރުގެ ފިނި މޫސުމާ ދިމާކޮށް އެއަރލައިންތަކުގެ ޖާގަ އިތުރުވެ، ޔޫރަޕްގެ އާ މަންޒިލްތަކަށް ދަތުރުތައް ފެށިގެންދާނެއެވެ. މި ކުރިއެރުންތަކާއެކު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ޓްރާންސްޝިޕްމަންޓް މަރުކަޒަކަށް ވެގެންދާނެ ކަމަށް އެމްއޭސީއެލުން ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ