އީރާނު ހަނގުރާމައަށް މިހާތަނަށް 37.5 ބިލިއަން ޑޮލަރު ހޭދަވެއްޖެ: އެމެރިކާ
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް މިހާތަނަށް 37.5 ބިލިއަން ޑޮލަރު ހޭދަވެފައިވާ ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވެއްޖެއެވެ. ހެގްސެތު މި އަދަދު ކަށަވަރުކޮށްދެއްވީ، އީރާނާއެކު އެމެރިކާއިން ކުރާ ހަނގުރާމައަށް ގާތްގަނޑަކަށް 70 ބިލިއަން ޑޮލަރު ހިމެނޭ ގޮތަށް އެމެރިކާގެ ޑިފެންސް ބަޖެޓަށް 1.5 ޓްރިލިއަން ޑޮލަރު ހޯދުމަށް އެދުނު މައްސަލައާ ގުޅިގެން އަންގާރަ ދުވަހު ބޭއްވި ސެނެޓްގެ އެޕްރޮޕްރިއޭޝަން ކޮމިޓީގެ އަޑުއެހުމެއްގައި އޭނާއާއި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޑޭން ކޭންއާ ސުވާލުކުރުމުންނެވެ. ނަމަވެސް މިއީ އެހެން އަންދާޒާތަކަށް ވުރެ މާ ދަށް އަދަދެކެވެ. ޚާއްޞަކޮށް އެމެރިކާގެ ކޮންސިއުމަރުންނަށް ކުރިމަތިވާ ނޮކް-އޮން ޚަރަދުތައް ހިމެނޭ އަންދާޒާތަކަށް ވުރެ މި އަދަދު މާ ދަށެވެ. މިސާލަކަށް މޫޑީސް އެނަލިޓިކްސްއިން ވަނީ އެމެރިކާގެ ހަކަތައިގެ އަގު ބޮޑުވުން ފަދަ ކަންތައްތަކުގެ ސަބަބުން ހަނގުރާމައިގެ އެތެރޭގެ ޚަރަދު 150 ބިލިއަން ޑޮލަރާ ހަމައަށް އަރާނެ ކަމަށް ލަފާކޮށްފައެވެ. "މިއަދުގެ ނިޔަލަށް އަޅުގަނޑުމެންނަށް ލިބިފައިވާ އަންދާޒާއަކީ 37.5 ބިލިއަން ޑޮލަރު،" ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރު ޑިކް ޑާބިން ސުވާލުކުރެއްވުމުން ހެގްސެތު ވިދާޅުވިއެވެ. ހެގްސެތު އިތުރަށް ވިދާޅުވީ އެ ޚަރަދުތަކުގެ ތެރޭގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދިގުދެމިގެންދާ ބައެއް އޮޕަރޭޝަންތަކާއި މެއިންޓެނަންސް ޚަރަދުތައް ހިމެނޭ ކަމަށެވެ. އެންމެ ފަހުން ނެރުނު އަންދާޒާއަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި މީގެ ކުރިން މެއި މަހު ޢާންމުކޮށްފައިވާ 29 ބިލިއަން ޑޮލަރަށް ވުރެ ގާތްގަނޑަކަށް އަށް ބިލިއަން ޑޮލަރު އިތުރު އަދަދެކެވެ. ހެގްސެތު ވަނީ އެމެރިކާއާއި އިސްރާއީލުން ފެބްރުއަރީ 28 ވަނަ ދުވަހު ފެށި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ހަތިޔާރު ސްޓޮކްޕައިލަށް ކުރިމަތިވި ދަތިތަކަށް ވެސް އިޝާރާތްކުރައްވާފައެވެ. އޭނާ ވިދާޅުވީ ފައިސާ ބޭނުންވަނީ ޕްރޮޑަކްޝަން ލައިންތައް ފުޅާކޮށް، ހަތިޔާރު ގެނައުން އަވަސްކުރުމަށެވެ. ހަނގުރާމައިގެ ތެރޭގައި ކުރިއަށް އޮތް ބަޖެޓުގެ ދަތިކަމާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައިވާއިރު، ހެގްސެތު ވިދާޅުވީ ބޭނުންވާ ބަޖެޓް ނުލިބޭނަމަ، ކުރިއަށް އޮތްތަނުގައި ތަމްރީނުތައް މަދުކުރަންޖެހޭނެ ކަމަށެވެ. ޖޫން 17 ވަނަ ދުވަހު އެމެރިކާއާއި އީރާނުން ހަނގުރާމަ ހުއްޓާލަން ވި އެއްބަސްވުމާ ޚިލާފުވެ ހަމަލާ ބަދަލުކުރަމުންދާއިރު، ހަނގުރާމަ މިހާރު ވަނީ އިތުރަށް ވަރުގަދަވެފައެވެ. މިދިޔަ ހަފުތާގެ ތެރޭގައި ޓްރަމްޕް ވަނީ އީރާނުގެ ހަކަތަ އުފައްދާ ކާރުޚާނާތަކާއި ބްރިޖުތަކަށް އަމާޒުކޮށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އީރާނުގެ ޚަރްގް އައިލެންޑް އަތުލުމަށް އެއްގަމު މަގުން ސިފައިން ފޮނުވާނެ ކަމަށާއި އަދި ޕިކަކްސް މައުންޓްގެ ނަމުން މަޝްހޫރު ބިމުއަޑީގައި ހުރި ނިއުކްލިއަރއާ ގުޅުންހުރި ތަނަކަށް ބޮން އަޅާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. މިހާތަނަށް ހަމަލާތައް ދީފައިވަނީ އީރާނުން ހަނގުރާމައިގައި ބާރުފޯރުވާ މުހިންމު ޕޮއިންޓް ކަމަށްވާ ހުރްމުޒް ކަނޑުއޮޅިއަށް ނުފޫޒު ފޯރުވުމަށް ބޭނުންކުރާ ތަންތަނަށެވެ. މީގެ އިތުރުން އީރާނުން ވަނީ އެ ސަރަޙައްދުގައި ހުރި އެމެރިކާގެ ތަންތަނަށް ހަމަލާދެމުންދާނެ ކަމަށް ބުނެފައެވެ. އެންމެ ފަހުން ދިން ހަމަލާތަކުގައި ކުވޭތުގެ ޑީސެލިނޭޝަން ޕްލާންޓްތަކާއި އިންޖީނުގެތަކުގައި އަލިފާން ރޯވުމުގެ އިތުރުން ބަޙްރައިންއާއި އުރުދުންގެ އެހެން ތަންތަނުގައި ވެސް ވަނީ އަލިފާން ރޯވެފައެވެ. އީރާނުގެ ތާއީދު އޮންނަ ޔަމަނުގެ ހޫޘީން ވަނީ ސަޢުދީ ޢަރަބިއްޔާގެ ކަނޑުމަގުތައް ބަންދުކޮށްފައިވާކަން އިޢުލާނުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ