ދައުލަތުގެ މުދަލަށް ގެއްލުން ނުވާ ގޮތަށް ކަންކަން އިންތިޒާމުކުރަން ޕީއެންސީއަށް އަންގައިފި

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ޖުލައި 11، ގައި ބޭއްވި އެތެރޭގެ އިންތިހާބުގައި ހުޅުމާލެ އުތުރު ދާއިރާގެ ވޯޓު ފޮށި ބެހެއްޓި ކާމިލު ދީދީ ސްކޫލުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ދައުލަތުގެ މުދަލަށް ގެއްލުން ނުވާ ގޮތަށް ކަންކަން އިންތިޒާމުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ޕާޓީއަށް އަންގައިފި އެވެ. 
އީސީގެ ތަރުޖަމާނު ހަސަން ޒަކަރިއްޔާ ވިދާޅުވީ ކާމިލު ދީދީ ސްކޫލަށް ލިބުނު ގެއްލުމަށް ޕީއެންސީން ޒިންމާވެ، ގެއްލުމުގެ ބަދަލު ދޭން އެއްބަސްވުމުން އެ ޕާޓީއަށް އެކަމާ ގުޅިގެން މިވަގުތު ފިޔަވަޅެއް އަޅަން ވިސްނާފައި ނުވާ ކަމަށެވެ.
MU STORE
MU STORE
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
"އެކަމަކު އެމީހުންނަށް އީސީގެ މެންބަރުންގެ ސައިޑުން ލީޑާޝިޕަށް އަންގާފައިވާނެ ކުރިއަށް އޮތްތާގައި އެކަހަލަ ކަންކަން ކުރާއިރުގައި ރައްކާތެރިކަން އިސްކޮށްގެން، އެކަހަލަ ކަމެއް ތަކުރާރު ނުވާނެ، ދައުލަތުގެ މުދަލަށް ގެއްލުން ނުވާ ގޮތަށް ކަންކަން އިންތިޒާމުކުރަން ގޮތަށް،" ޒަކަރިއްޔާ ވިދާޅުވި އެވެ. 
މީގެ ކުރިން އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު "އަދަދު" އަށް ވިދާޅުވި ގޮތުގައި އެ ސްކޫލުގެ އެއް ދޮރުފަތުގެ ބިއްލޫރި އާއި ސައުންޑް ސިސްޓަމަށް ލިބުނު ގެއްލުމަށް ޕީއެންސީން ޒިންމާ ނަގައި، ބަދަލު ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. 
ޕީއެންސީ މެންބަރުން ކާމިލު ދީދީ ސްކޫލުގައި ހަމަނުޖެހުން ހިނގައި މާރާމާރީ ހިންގި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، މައްސަލައާ ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ހަމަނުޖެހުމުގެ ތެރެއިން ކާމިލު ދީދީ ސްކޫލުގައި ހަރަކާތްތެރިވި ޕީއެންސީގެ އުމުރުން ދުވަސްވީ މެންބަރަކަށް ވަނީ ޕެނިކް އެޓޭކެއް ޖެހިފަ އެވެ. އަދި ވަރަށް ގިނަ އެހެން މެންބަރުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ.
މާރާމާރީގައި ބައިވެރިވި ބައެއް ފަރާތްތަކުން ވަނީ ފުލުހުންގެ ގަޔަށް އަތްލައި، ފުލުހުން ކޮށްޕައި، އަމުރަށް ނުކިޔަންތެރިވެ، ވާޖިބު އަދާކުރަން ހުރަސްއަޅައިފަ އެވެ. އެ މަންޒަރު ފެންނަ ކިތަންމެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. 
މާރާމާރީގައި ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޝަރީފް (ހުސެއިންބެ) ގެ ދަރިކަލުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވެ އެވެ. އަދި ރައީސް އޮފީހުގެ ބައެއް މުވައްޒަފުންނާއި ރައީސް މުހައްމަދު މުއިއްޒުގެ ސިޔާސީ މުވައްޒަފުން އެ މާރާމާރީގައި ބައިވެރިވި އެވެ.
މާރާމާރީ ހިންގީ މެންބަރު ހުސެއިންބެ ފޮނުވި ގްރޫޕަކުން ކަމަށް ޕީއެންސީގެ ބައެއް މެންބަރުން ތުހުމަތު ކުރެ އެވެ. އެކަމަކު ހުސެއިންބެ އެކަމަށް އިންކާރު ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ