ސްޓެލްކޯގެ ދަށަށް ގެނައި ފެނަކައިގެ ބްރާންޗުތަކުން މުވައްޒަފުން ވަކިކުރަން ފަށައިފި

ފެނަކައިގެ ހިދުމަތް ދެމުންދިޔަ ރަށްތަކުގެ ތެރެއިން ސްޓެލްކޯގެ ދަށަށް ހިދުމަތްތައް ބަދަލުކޮށްފައިވާ ރަށްރަށުން މުވައްޒަފުން ވަކިކުރަން ފަށައިފި އެވެ. 
އަދަދު އަށް އެނގިފައިވާ ގޮތުގައި ފެނަކައިގެ ދަށުން ހިންގަމުންދިޔަ ޅ. އަތޮޅުގެ ރަށްތަކުގެ އޮޕަރޭޝަން ސްޓެލްކޯގެ ދަަށަށް މިދިޔަ އެޕްރީލް މަހު ބަދަލުކުރުމާ ގުޅިގެން، އެ ރަށްތަކަށް ސްޓެލްކޯއިން ޒިޔާރަތްކޮށް މުވައްޒަފުންނަށް ވަޒީފާއިން ވަކިވި ކަމުގެ ލިޔުން ހަވާލުކުރަން ވަނީ ފަށާފަ އެވެ. 
ވަޒީފާއިން ވަކިކުރުމުގެ ލިޔުންތައް ފެނަކަ މެދުވެރިކޮށް ސްޓެލްކޯއިން ފޮނުވަމުންދާއިރު، އެ ލިޔުމުގައި ބުނެފައިވަނީ ސްޓެލްކޯއަށް މުވައްޒަފުން ނެގުމަށް އެ ކުންފުނިން ކުރިއަށްގެންދިޔަ ސްކްރީނިން ޕްރޮސެސްއިން ހޮވިފައިވާ މުވައްޒަފުންގެ ތެރޭގައި އެ މުވައްޒަފުން ނުހިމެނޭ ކަމަށެވެ. 
މި ޕްރޮސެސްގެ ތެރެއިން މިހާތަނަށް ޅ. ކުރެންދޫއިން ފަސް މުވައްޒަފަކު ވަނީ ވަކިކޮށްފަ އެވެ. އޭގެ ތެރެއިން ދެ މުވައްޒަފުންނަކީ އެ ކުންފުންޏަށް ފަސް އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންކަން ފާހަގަކުރެވެ އެވެ. 
މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދަނީ އެއް މަސް ދުވަހުގެ ނޯޓިސްއަށްވާ ފައިސާ ދިނުމަށްފަހު އެވެ. 
މައުލޫމާތު ލިބިފައިވާ ގޮތުގައި މުވައްޒަފުން ވަކިކުރުމުގައި އެ މުވައްޒަފަކު ނިސްބަތްވާ ޕާޓީއަކަށް ރިއާޔަތްކުރެ އެވެ. އެގޮތުން ޕީއެންސީއަށް ނިސްބަތްވާ މުވައްޒަފުން ވަކިކުރުމަށްފަހު، އަލުން އަނބުރާ ވަޒީފާ ދީފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. 
ފެނަކައިން ޔޫޓިލިޓީ ހިދުމަތް ދެމުންދިޔަ ބ. އަތޮޅުން ފެށިގެން މ. އަތޮޅުގެ ރަށްތައް ސްޓެލްކޯގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ. އެއާއެކު 25 ރަށުގެ ހިދުމަތް ދިނުމަށް ސްޓެލްކޯއިން ހަވާލުވެފައިވާއިރު، އެ ހުރިހާ ރަށްތަކުން މުވައްޒަފުން ވަކިކުރާނެ ކަމަށް ބެލެވެ އެވެ. 
ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ކަމަށް ބުނެ ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ) ތަކުން 33 ޕަސަންޓު މުވައްޒަފުން ތިން މަސް ތެރޭގައި ވަކިކުރަން ޕީސީބީން ވަނީ އެސްއޯއީތަކަށް އަންގާފަ އެވެ. އެއާއެކު މުވައްޒަފުން ވަކިކުރުމުގެ މަސައްކަތްތައް ކުންފުނިތަކުން ވަނީ ފަށައިފަ އެވެ.
މިކަމާ ގުޅިގެން އެމްޑީޕީން ބުނީ އެސްއޯއީތަކުން ޖުމްލަ 14،733 މުވައްޒަފުން ކަނޑާލަން ޖެހޭނެ ކަމަށާއި އޭގެ ސަބަބުން 50،000 މީހުންނަށް އަސަރުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ