މިހާ ބިންދަތި އިރު ކައުންސިލުން މި ހުރިހާ ޕާކުތަކާއި މައިޒާންތަކެއް މި ހަދަނީ ކީއްވެ؟

ކައުންސިލުން ވަރަށް މުހިއްމު އަހައްމިއްޔަތުކަމެއް ދީގެން ރަށުގައި މިފަހުން ވަރަށް ގިނަ ޕާކުތަކާއި މައިޒާންތަކެއް ހަދައި ހުޅުވައިފިއެވެ. ގަލަދުންޕާކާއި، ބޮޑަވަކި އަތިރި ސަރަހައްދާއި ރަށްމަތިފަންނާއި ބޯޒިޔާރަތާއި އަދި ވެސް އެތަކެއް ސަރަހައްދުތަކެއް، ގިނަ ބޭނުންތަކެއް ހިފޭނޭ ވަސީލަތްތަކާއެކު ތަރައްޤީކޮށްފިއެވެ. އެހެންނަމަވެސް މިފަދަ ކޮންމެ ޕާކެއް އަދި މައިޒާނެއް ހުޅުވުމާ ގުޅިގެން އެންމެ ގިނައިން ދެކެވޭ އެއް ވާހަކައަކީ، ކައުންސިލުން ކުރާ ހަމަ އެކަނި ކަމަކީ ޕާކުތަކާއި މައިޒާންތައް ހެދުން ކަމެވެ. އޭގެ ބަދަލުގައި ރަށުގައި ދިރިއުޅޭ މީހުންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަށް ހައްލެއް ލިބޭނީ އެތަންތަނުގައި ގެދޮރުވެރިކަމަށް ހައްލުލިބޭ ފަދަ ޕްރޮޖެކްޓުތައް ހިންގައިގެންކަމަށް ބުނެ ގިނަ ހިޔާލުތައް މީސްމީޑިއާގެ މަންސަތަކަށް ބަންޑުންވެއެވެ.
ތެދެކެވެ. ގެދޮވެރިކަމުގެ ދަތިކަމަކީ ކުޅުދުއްފުށްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ރަށުން ގޯތި ދޫނުކުރާތާ ވިއްސަކަށް އަހަރު ވެފައިވާއިރު، އެތަކެއް އާއިލާތަކެއް އެއް ގެއެއްގައި ތޮއްޖެހިގެން ދިރިއުޅެން ޖެހިފައިވުމުން އާއިލީ ގިނަ މައްސަލަތަކެއްގެ ތެރޭގައި 'ދިރިތެޅެމުން' ދާ އެތައް ބައެއް އެބައުޅެއެވެ. އެހެންކަމުން ގިނަ ފައިސާތަކެއް ޚަރަދުކޮށްގެން ޕާކުތަކާއި މައިޒާންތައް މިހަދަނީ ކޮން ވިސްނުމެއްގައި ހެއްޔެވެ؟
ތަރައްގީއަކީ މާލެ ފަދަ ކޮންކްރީޓް ޖަލެއް ނޫން!
ރާއްޖެއިން ލިބެން ހުރި އެންމެ ގިނަ ޚިދުމަތްތައް ލިބެންހުރީ ފުރަ މާލެއިން ކަމުގައި ވީނަމަވެސް، ރާއްޖޭގެ ކުދިބޮޑު އެންމެން ވެސް ގަބޫލުކުރާނެ ފަދައިން މާލެއަކީ ތޮއްޖެހިފައިވާ ދަތި ޖަލެކެވެ. އެއްވެސް ދުރުރާސްތާ ވިސްނުމެއް ނެތި ކައްޗަށް އެޅުނު ބިންގާގެ ސަބަބުން މާލޭގައި އުޅޭ ރައްޔިތުންނަށް ނޭވާލެވޭވަރު ކުރާނެ ގޮތެއް ވެސް އެ އުޅެނީ ނޭނގިގެންނެވެ. އެ ކުޑަ ބިންކޮޅު އުސް އިމާރާތްތަކުން ފުރި ބާރު ވެފައިވާއިރު، ދުއްވާ އެއްޗެހި ޕާކުކުރާނެ ޖާގައެއް، ހިނގާބިނގާވެ އުޅޭނެ ޖާގައެއް ނެތެވެ. ފިނިކޮށްލަން މަޑުކޮށްލާނޭ ތަނެއް ނޫނީ ގަހެއް ދަށުގައި ހިތްހަމަ ޖެހިލައިގެން އިނދެވޭނޭ ތަނެއް ނެތެވެ. މިކަމުން އިބުރަތް ހާސިލުކުރުމަކީ ކުޅުދުއްފުށީގެ ރައްޔިތުންނަށް އޮތް ވާޖިބެކެވެ.
ސިޓީ ކައުންސިލުން ތަރައްގީކުރި 'ބޯޒިޔާރާތް'. ކޮންމެ ދުވަހަކުވެސް މިތަންތަން ގިނަ ބަޔަކު ބޭނުންކުރެވޭ--ފޮޓޯ: ސިޓީ ކައުންސިލް
ގުދުރަތީ މާހައުލަކީ ޝިފާއެއް
އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ގިނަ ވަގުތުތަކެއް އިމާރާތްތަކުގެ އެތެރޭގައ ހޭދަކުރުމަށް މި ވަނީ މަޖުބޫރުކޮށްފައެވެ. ދިރާސާތަކުން ދައްކާގޮތުގައި ތަރައްގީވެފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން %90 އަށް ވުރެ ގިނަ ވަގުތު ހޭދަކުރަނީ ގޭތެރެ އާއި އޮފީސްތަކާއި އިސްކޫލުތައް ހިމެނޭހެން އިމާރާތްތަކުގެ އެތެރޭގައެވެ. އިންޓަނެޓާއި ސްމާޓްފޯނާއި އަދި ވެސް ޑިޖިޓަލް ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ސަބަބުން ގުދުރަތީ މާހައުލުގައި އަހަރެމެން ހޭދަކުރާ ވަގުތުތައް މި ވަނީ އަދި ވަކީން ބޮޑަށް މަދުވެފައެވެ. އެޔާ އެކު ކުރިން މަދު ޖިސްމާނީ އަދި ނަފުސާނީ މައްސަލަތައް ރިޕޯޓުކުރާ ވަރު ވަނީ އިތުރުވެފައެވެ.
ދިރާސާތަކުން ދައްކާގޮތުގައި ގަސްގަހާގެހި ގިނަ ހިތްފަސޭހަ މާހައުލެއްގައި ކުޑަ ވަގުތުކޮޅަކަށް ހިނގާލުމަކީ ވެސް އަހަރެމެންގެ ހަށިގަނޑުގައި ނުތަނަވަސްކަން ނުވަތަ ސްޓްރެސް އުފައްދާ މައިގަނޑު ހޯރމޯން ކަމުގައިވާ ކޯޓިސޯލްގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ. މީގެ އިތުރުން ލޭގެ ޕްރެޝަރު ދަށްކުރުމަށާއި، ކަންކަމަށް ސަމާލުކަން ދެވޭ މިންވަރު އިތުރުކުރުމަށާއި، މޫޑު ރަނގަޅުކުރުމުގެ އިތުރުން އެންޒައިޓީ އާއި ޑިޕްރެޝަން އިން އަރައިގަތުމަށް ވެސް ގުދުރަތީ މާހައުލުން އެހީތެރިވެދެއެވެ. ގާތްގަނޑަކަށް އެއް މިލިއަނެއްހާ މީހުން ބައިވެރިކޮށްގެން 2019 ވަނަ އަހަރު ޑެންމާކުގައި ހަދާފައި ދިރާސާއަކުން ދެއްކިގޮތުގައި ގުދުރަތީ ފެހިކަން ކުޑަ ނުވަތަ މަދު މާހައުލުތަކުގައި ބޮޑުވާ ކުދިންނަށް ދިރިއުޅުމުގެ ފަހުގެ މަރުހަލާތަކުގައި ނަފްސާނީ ބަލިތައް ތަހައްމަލުކުރަން ޖެހުމުގެ ފުރުސަތު، ގުދުރަތީ ފެހިކަން ގަދަ މާހައުލުތަކުގައި ބޮޑުވާ ކުދިންނާ އަޅާބަލާއިރު %55 އިތުރެވެ. އެހެންކަމުން ގުދުރަތީ މާހައުލުތަކަކީ އަހަރެމެންގެ ދުޅަހެޔޮކަމާ ނުހަނު ބޮޑަށް ގުޅިފައިވާ ބައެކެވެ.
ހަމަހިމޭންކަމާއެކު އިށީނދެލައިގެން އިނުމުގެ މުހިއްމުކަން
ޕާކުތަކުގެ ހަމައެކަނި ބޭނުމަކީ ދުވެ ސަކަރާތްޖެހުން އެކަންޏެއް ނޫނެވެ. އެކަމަކު، އިށީނދެލެވޭގޮތަށް ހަދާފައި ހުންނަ ގޮނޑިތަކާއި ހިޔާވާގޮތަށް ހުންނަ 'ހަޓު' ތަކުގެ ސަބަބުން ޕާކުތަކާއި މައިޒާންތަކަކީ ހަމަހިމޭންކަމާއެކު ވަގުތުކޮޅެއް ހޭދަކޮށްލެވޭ ތަނަކަށްވެއެވެ. ގިނަ އިރު ހިނގާބިނގާވެ އުޅެން އުނދަގޫ އުމުރުން ދުވަސް ވީ މީހުންނަށް ވެސް ހިތްފަސޭހަ މާހައުލެއްގައި 'ފިނދުޖައްސާލައިގެން' ތިބެ، ކުދިން ކުޅޭތަނާއި ދުވަސްވީ ރަހުމަތްތެރިންނާ ވާހަކަ ދައްކާލާނޭ ފުރުސަތު ލިބިގެން ދެއެވެ. ގިނަ ގޭގެއަކީ މިހާރު މެދުގޯއްޗެއް ވެސް ނޯންނަ ގޭގޭ ކަމުން، މީހުން ހޭލަމޭލަވާ ތަނެއްގައި ހަވީރުގެ ވަގުތުތަކުގައި ނަމަވެސް ހިތްފަސޭހަކޮށްލަން އިށީނދެވޭނެ ތަންތަން ހުރުމަކީ އުމުރުން ދުވަސްވުމާއެކު ކުރިމަތިވާ އެކަނިވެރިކަމުން ދުރުވުމަށް އެހީތެރިވާނޭ ކަމެކެވެ. މީގެ އިތުރުން ބުރަ ދުވަހަކަށް ފަހު އަމިއްލަ ނަފުސަށް ވަގުތުކޮޅެއް ދީގެން ހަމަހިމޭންކަމާއެކު ގުދުރަތީ ވެއްޓަށް ނަޒަރުހިންގާލަން އިނުމަކީ ސިއްހީ ގޮތުން އެތަކެއް ފައިދާތަކެއް ލިބޭކަމެކެވެ.
ގަލަދުން ޕާރކް
ރަށްމަތިފަންނު
ފިނި ސިޓީ - ދުޅަހެޔޮ ސިޓީ
ކޮންމެ މަގެއްގައި ވެސް ތާރު އަޅައި ނޫނީ ގައު އަތުރައިގެން ހޫނު ރަށްތަކެއް ތަރައްގީކުރަމުން ދާއިރު، ރަށް ފިނިކުރުމުގައި ފެހިކަން އެކުލެވޭ ޕާކުތަކާއި މައިޒާންތައް ވަރަށް މުހިއްމު ދައުރެއް އަދާކުރެއެވެ. ގަސްގަހާގެހިން ހިޔާފޯރުކޮށްދިނުމުގެ އިތުރުން ވައިގެ ތެތްކަން އިތުރުކޮށްދިނުމުގެ ތެރެއިން އިހުސާސްކުރެވޭ ފިނިހޫނުމިން ވަރަށް ބޮޑަށް ދަށްކޮށްދެއެވެ. މީގެ އިތުރުން ކޮންމެ ގަހަކީ ވެސް ވައި ސާފުކޮށްދޭ ގުދުރަތީ ފުރޭނިތަކެވެ. އެގޮތުން ވައިގެ ތެރޭގައި ހުންނަ ސިއްހަތަށް ގެއްލުންދޭ ކުދިކުދި ހިރަފުހާއި ދުމުގެ މާއްދާތަކާއި އަދި PM2.5 އަދި PM10 ފަދަ ނުރައްކާތެރި މާއްދާތައް ގަސްގަހާގެހީގެ ފަތްތަކުގައި ހިފަހައްޓައިދެއެވެ. އަދި ނައިޓްރޯޖެން ޑައިއޮކްސައިޑް އާއި ސަލްފަރ ޑައިއޮކްސައިޑްގެ އިތުރުން އޯޒޯން ފަދަ ވިހަ ގޭސްތައް ގަސްތަކަށް ދަމައިގަނެއެވެ. އަދި ގަސްގަހުން ކާނާ އުފެއްދުމުގެ ތެރެއިން ކާބަންޑައިއޮކްސައިޑް ދަމައިގަނެ، އޮކްސިޖަން ބޭރުކޮށްދިނުމުގެ ތެރެއިން ގަސްގަހާގެހި ހުންނަ ސަރަހައްދުތަކަކީ ނޭވާލާން ފަސޭހަ ސަރަހައްދުތަކަކަށް ހަދައިދެއެވެ. އެހެންކަމުން ވައި ވިސަޑުވުން ކުޑަކުރުމަށް ފެހިކަން އެކުލެވޭ ޕާކުތަކާއި މާއިޒާންތަކަކީ ނުހަނު މުހިއްމު ރޯލެއް އަދާކުރާ ތަންތަނެވެ.
ޕެންޝަން އޮފީހާއި ސިޓީ ކައުންސިލާ ގުޅިގެން ތަރައްގީކުރި އިސްރަށްވެހިންގެ ޕާރކް--ކޭއޯފޮޓޯ
ޕެންޝަން އޮފީހާއި ސިޓީ ކައުންސިލާ ގުޅިގެން ތަރައްގީކުރި އިސްރަށްވެހިންގެ ޕާރކް--ކޭއޯފޮޓޯ
މުޖުތަމައުގެ ގުޅުންތައް ބަދަހިކޮށް އެކުވެރިކަން އާލާކޮށްދޭ
މާޒީއާ އަޅައިބަލާ އިރު ދޭދޭ މީހުންގެ ދެމެދުގައި އޮންނަ ގުޅުންތައް މިދަނީ ކުޑަވަމުންނެވެ. ފިރިހެންވެރިންނަށް ހިޔާލު ބަދަލުކޮށްލައި، މުނިފޫހި ފިލުވާލަން ތިބެލާނެ ހޮޅުއަށިތަކެއް މިހާރު ނެތެވެ. ކުޑަކުދިންނަށް ގޭދޮށުގައި ފުޓުބޯޅަ އާއި ކޮރޭގެ ނޫނީ ސައްލި ކުޅެން ދުވެއުޅޭނެ އަމާން މަގުތަކެއް މިހާރަކު ނެތެވެ. އަންހެންވެރިންނަށް ވެސް ފޫހިފިލުވާލައި އެކުގައި ރޯނުވަށާލަން ނަމަވެސް ތިބެވޭނޭ ތަނެއްނެތެވެ.
އެހެންކަމުން ޕާކުތަކާއި މައިޒާންތަކަކީ ހީނަރުވަމުން މިދާ އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް އޮތް ޒަމާނީ ހައްލެވެ. ތަރައްގީކުރެވެމުން ދާތަން މި ފެންނަނީ ހަމައެކަނި ޕާކުތަކެއް މައިޒާންތަކެއް އެކަންޏެއްނޫނެވެ. އެއީ ދުވަސްވީ ރަހުމަތްތެރިންނާ ބައްދަލުކޮށްލައި ހިތްއުފާކޮށްލުމަށް ލިބޭ ފުރުސަތެކެވެ. އެއީ ހުސްވަގުތުތަކުގައި ތިންހަމަ ނޫނީ ރާޒުވާގަނޑެއް ޖަހައިލުމަށް ނޫނީ އޮށްވަޅުގޮނޑި ނަމަވެސް ކުޅެލުމަށް އެއްވެލެވޭނޭ މައިޒާންތަކެވެ. އެއީ ހަވީރާއި ރޭގަނޑުގެ ފިނި ވައިރޯޅި ތެރޭ، ހޫނު ސިޔާސީ އޮލަ ވާހަކަތައް ދައްކާލައި ސިކުނޑީގައި ހިނގާ ހައިޖާނުތައް ރަމަތަކުރުވާނޭ މައިތިރިތަކެކެވެ. އެއީ އެކުގައި ރީތިހުތުރާއި ކޮރޭގެ އާއި ޕަޗަސްކުޅެން ދުވެއުޅޭނޭ އަމާން ހިޔާވަހިތަކެކެވެ. އަދި ހަމަ އެހެންމެ އެއީ މާމާ ކާފަ ދަރީންނާއެކު ހީނސަމާސާކޮށްލަން ތިބޭނޭ ބަގީޗާތަކެއް ވެސް މެއެވެ.
އެހެންކަމުން ކައުންސިލުން އިސްނަގައިގެން ރަށުގައި ގާއިމު މިކުރެވެނީ 'ހެޔޮ-ތަރައްގީ'ގެ ބިންގާތަކެކެވެ. ރަށުގެ އާބާދީ އިތުރުވަމުން ދާއިރު، އަދި ވެސް މިފަދަ ގިނަ ފެހި ސަރަހައްދުތައް ތަރުތީބު ހަމައަކުން އިތުރުކުރެވެން ޖެހެއެވެ. އަދި ހަމައެހެންމެ ޅަކުދީންނާއި ޒުވާނުން އަދި އިސްރަށްވެހިންނަށް އަމާޒުކޮށްގެން ދުޅަހެޔޮ ދިރިއުޅުމަކަށާއި ވިޔަފާއި އާއި މުނިފޫހިފިލުވުން ފަދަ މުހިއްމު ބަހާތަކާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުންތައް ވެސް މިފަދަ ތަންތަނުގައި އިންތިޒާމުކޮށް، އިޖުތިމާއީ ހަރުގެ ތަކަކަށް މިފަދަ މައިޒާންތަކާއި ޕާކުތައް ހެދުމަށް ކައުންސިލާއި ހޮސްޕިޓަލާއި އަދި ކުލަބު ޖަމްއިއްޔާތަކުން ވެސް އަމާޒުހިފަން ޖެހެއެވެ. އަދި ހަމަ އެހެންމެ މިފަދަ ތަންތަނަށް ގެއްލުންނުދީ ސާފުކޮށް ބޭއްވުމަށާއި މި ތަންތަނުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަހަރެމެން އެންމެން ވެސް މަސައްކަތްކުރާން ޖެހެއެވެ.
ބޮޑަވަކި އަތިރި
ގަލަދުން ޕާރކް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ