ވޯލްޑް ކަޕް 2038 ގެ މުބާރާތް ވެސް އެމެރިކާގައި ބޭއްވުމަށް މަގުފަހިވާގޮތަށް އިންތިޒާމުތައް ހަމަޖައްސަން ފީފާއިން މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތު އަމާޒުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެ ރޭ ނިންމާލި ނިމިދިޔަ ވޯލްޑް ކަޕް ފައިނަލު މެޗުގެ ޕްރޮމޯޝަންގައި ފޮކްސް ނިއުސް އަށް ދިން އިންޓަވިއުގައި އެމެރިކާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ އެމެރިކާގައި އަލުން ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ހޯދަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރަން ޖެހޭނީ އޭނާ މަގާމު ހުއްޓައިކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
"އަހަރެމެން އަލުން މިކަން ކުރަންޖެހޭ. އަދި އަހަރެން މަގާމުގައި ހުއްޓައި މިކަން ކުރަން ޖެހޭނެ. ޖިއާނީ [އިންފަންޓީނޯ] އަށް މި ވާހަކަ އިވޭތަ؟،" ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބޭއްވި ވޯލްޑް ކަޕްގައި ފީފާ އަށް ވަނީ މިހާތަނަށް ނުލިބޭ ވަރުގެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ. މި ވޯލްޑް ކަޕުން އެ އިދާރާ އަށް ފަސް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެކަމަށް އަންދާޒާ ކުރެވިފައިވެ އެވެ. މެޗުތަކުގެ ޓިކެޓާއި ބްރޮޑްކާސްޓިން ރައިޓްސް ވެސް ފީފާއިން ވިއްކީ އެހެން ފަހަރުތަކަށް ވުރެ އަގުބޮޑުކޮށެވެ.
އެމެރިކާގެ އިނގިރޭސި ކޮމިޔުނިޓީ އަށް ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް، ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ޕްރޯ ޓީވީ ނެޓްވޯކެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ފޮކްސް ޓީވީ ނެޓްވޯކްގެ "ފޮކްސް ސްޕޯޓްސް" އަށް ދިނީ އެއްވެސް ބިޑަކާ ނުލަ އެވެ.
އެމެރިކާގެ މާކެޓުން ލިބުނު ބޮޑު ޑިމާންޑާ އެކު، ދިގު މުއްދަތެއް ނުނަގައި އަނެއްކާވެސް އެ ގައުމުގައި ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ދޭން ފީފާއިން ބޭނުންވެ އެވެ.
"ފީފާއިން ބޭނުންވާނީ ވީ އެންމެ އަވަހަކަށްވެސް އެނބުރި މިތަނަށް އަންނަން." ވޯލްޑް ކަޕްގައި އެމެރިކާގެ ސެކްޓާގައި މަސައްކަތް ކުރި ފީފާގެ ހޮސްޕިޓަލިޓީ ޕާޓްނަރެއްގެ އިސް ވެރިޔަކު ވިދާޅުވި އެވެ.
އެއްވެސް ގައުމަކަށް 12 އަހަރުތެރޭ ދެފަހަރަށް ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތެއް ލިބިފައެއް ނުވެ އެވެ. އެކަމަކު ފީފާގެ ގަވާއިދުތަކަށް މިފަހުން ގެނެސްފައިވާ ބަދަލުތަކާއި މުބާރާތް ބިޑަށް ހުޅުވާލުމުގެ ގަވާއިދުތަކަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން، 12 އަހަރުގެ ތޭރޭގައި ވެސް އެއް ގައުމެއްގައި ދެ ފަހަރަށް ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ލިބުމަކީ ފަސޭހައިން ކުރެވެން އޮތް ކަމެކެވެ.
އެމެރިކާ އަށް އެ ފުރުސަތު ފަސޭހައިން ފަހިވެދާނެކަމަށް، ބެލެވޭ އަނެއް ސަބަބަކީ އަންނަ ވޯލްޑް ކަޕް، އެއްފަހަރާ ތިން ބައްރެއްގައި ބާއްވަން ފީފާއިން ނިންމާފައިވުމެވެ.
ވޯލްޑް ކަޕް ބޭއްވުމުގެ މަރުހަލާގައި ފީފާއިން އާންމު ގޮތެއްގައި އަމަލުކުރާ އުސޫލަކީ ބައްރުތައް ދައުރުވަމުންދާ ފޯމެޓަށް ބިޑް ދިނުމުގެ އުސޫލެވެ. އެއް އަހަރު ޔޫރަޕްގެ ގައުމެއްގައި ވޯލްޑް ކަޕް ބާއްވާނަމަ، އޭގެ ހަތަރު އަހަރު ފަހުން އޭޝިއާގެ ގައުމަކަށް ފުރުސަތު ދިނުމެވެ. އެއަށް ފަހު އުތުރު އެމެރިކާ އަދި އެފްރިކާ ބައްރަށް ފުރުސަތު ދިނުމެވެ. އަނެއްކާވެސް އޭގެ ފަހުން އަލުން ދައުރު ފަށަން ދެކުނު އެމެރިކާ އަށެވެ.
ދެން ވޯލްޑް ކަޕް ބާއްވަން ހަމަޖެހިފައިވާ އަހަރު، 2030 ގައި ވޯލްޑް ކަޕް ބާއްވާނީ ދެކުނު އެމެރިކާ ޔޫރަޕް އަދި އެފްރިކާ ބައްރުގައި ކަމަށްވާތީ، އަށް އަހަރު ފަހުން އަލުން އުތުރު އެމެރިކާ އަށް ފުރުސަތު ލިބޭނެ އެވެ.
ވޯލްޑް ކަޕް ބާއްވަން ފެށިތާ 100 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރަން ކަމަށް ބުނެ، ފީފާއިން ވަނީ ސްޕެއިން އާއި ޕޯޗުގަލް އަދި މޮރޮކޯ ގުޅިގެން ބާއްވަން ހަމަޖެހިފައިވާ އެ މުބާރަތަށް ދެކުނު އެމެރިކާގެ އުރުގުއޭ އާއި އާޖެންޓީނާ އަދި ޕެރަގުއޭ ވެސް ވައްދައިފަ އެވެ. އެުރުގުއޭ އެ ލިސްޓަށް ވެއްދީ އަލަތު ވޯލްޑް ކަޕް 1930 ގައި އެ ގައުމުގައި ބާއްވާފައިވުމުން، އެކަން ފާހަގަ ކުރުމަށެވެ.
އެކަމަކު ފީފާގެ ރައީސް އިންފަންޓީނޯގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ އެ ބަދަލު ފީފާއިން ގެނައީ 2034 ގެ މުބާރާތް ސައުދީ އަރަބިއާ އަށް ދިނުމަށް މަގުފަހި ކުރުމުގެ ގޮތުން ކަމަށެވެ.
ފީފާއިން 2034 ގެ ވޯލްޑް ކަޕް ބިޑް އޮކްޓޯބަރު 2024 ގައި ހުޅުވާލީ ކުއްލިއަކަށެވެ. އާންމު އުސޫލުން އަމަލުކުރާ މުއްދަތަށް ވުރެ ވެސް މާ ކުރިން، ހުޅުވާލުމުން ބައެއް ގައުމުތަކަށް ލިބުނީ ޝޮކެކެވެ.
އޭގެ 25 ދުވަސް ފަހުން އިންފަންޓީނޯ ވަނީ ވޯލްޑް ކަޕް 2034 ގެ މުބާރާތް ސައުދީގައި ބާއްވަން ނިންމިންކަން އިއުލާންކޮށްފަ އެވެ. އަދި އޭގެ ދެ މަސްދުވަސް ފަހުން، އޮންލައިންކޮށް ބޭއްވި ކޮންގްރެސްއެއްގައި ސައުދީގެ ބިޑަށް ފީފާގެ މެންބަރު އެސޯސިއޭޝަންތަކުން ވޯޓް ދިނެވެ.
ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައި ހުއްޓަސް، އަންނަ އަހަރު ބާއްވާ އިންތިހާބުގައި ކުރިއަށް ހަތަރު އަހަރަށް އިންފަންޓީނޯ އަނެއްވެސް ހޮވޭނެކަމަށް ބެލެވެ އެވެ. އޭޝިއާ އާއި އެފްރިކާ އަދި ދެކުނު އެމެރިކާ އާއި އުތުރު އެމެރިކާގެ ގިނަ ގައުމުތަކުން އޭނާ އަށް ތާއީދުކުރާކަން ހާމަކޮށްފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ދެން ހުންނެވީ އިންފަންޓީނޯގެ މިހާރުގެ އެންމެ ގާތް އެކުވެރިޔާ އެމެރިކާގެ ރައީސް ޓްރަމްޕެވެ.
އެމެރިކާގެ ރައީސްކަން ތިންވަނަ ދައުރަކަށް ކުރައްވަން ވެސް ޓްރަމްޕް ބޭނުންވާކަމުގެ ވާހަކަތައް އެމެރިކާގެ ސޯޝަލް ޕްލެޓްފޯމްތަކުގައި ދައުރުވެ އެވެ.
އެކަމަކު އެ ގައުމުގެ ގާނޫނުއަސާސީ ބަދަލުކޮށްގެން ތިންވަނަ ދައުރެއް ހޯއްދަވަން ޓްރަމްޕް އުޅުއްވަފާނެކަމަކަށް ސިޔާސީ އެނަލިސްޓުން ނުދެކެ އެވެ. މިހާރު ފުރއްވަމުން ގެންދަވާ އޭނާގެ ދެވަނަ ދައުރު ޖެނުއަރީ 2029 ގައި ހަމަވާނެ އެވެ.
ދެ ދައުރަށް ވުރެ އިތުރަށް އެމެރިކާގައި އެކަކަށް ރައީސްކަން ކުރުމުގެ ފުރުސަތު ގާނޫނުއަސާސީއަކުން ނުދެ އެވެ.
ދެން އޮތީ ޓްރަމްޕް ކުރައްވާ އުއްމީދެވެ. އިންފަންޓީނޯ އާއި ޓްރަމްޕްގެ ގުޅުން އޮތީ ބަދަހިކޮށެވެ.
އޭނާ މަގާމުގައި ހުއްޓައި 2038 ގެ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު އެމެރިކާ އަށް ހޯއްދަވައި ދެއްވަން ޓްރަމްޕް ކުރައްވާ އުއްމީދަށް، އިންފަންޓީނޯ އެހީވެ ވަޑައިގަންނަވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
ޓްރަމްޕްގެ ދައުރު ނިމުމުގެ ކުރިން 2038 ގެ ވޯލްޑް ކަޕް ބާއްވަން ބިޑް ހުށަހެޅުމުގެ މަރުހަލާތައް ފީފާއިން އަވަސްކޮށް ދީފާނެ އެވެ. އޭރު ޓްރަމްޕް ބޭނުންފުޅުވާ ގޮތަށް ކަންކަން ވީ އެވެ.
އުތުރު އެމެރިކާއިން، އެމެރިކާއާ ވާދަކުރެވޭނެ ވަރުގެ ބިޑެއް ހުށަހެޅުމުގެ ގާބިލުކަން އެންމެ ބޮޑު އެއް ގައުމަކީ، ތިން ފަހަރު ވޯލްޑް ކަޕް ބޭއްވި ހަމައެކަނި ގައުމު މެކްސިކޯ އެވެ.
އެކަމަކު 2031 ގެ އަންހެނުންގެ ވޯލްޑް ކަޕް ބޭއްވުމުގެ ބިޑަށް މެކްސިކޯ ވަންނާތީ، ފިރިހެނުންގެ ވޯލްޑް ކަޕް ބޭއްވުމުގެ ބިޑަށް އެ ގައުމަށް ކުރިމައްޗެއް ނުލެވޭނެ އެވެ. އެހެންކަމުން އެމެރިކާއިން ފަސޭހަކަމާ އެކު އެކަނިމާއެކަނި ވޯލްޑް ކަޕް ބިޑް ކުރުމުގެ ފުރުސަތު ލިބުނީ އެވެ.
ޓްރަމްޕްގެ ހުވެެފެންތައް ވެސް ހަގީގަތަކަށް ވާނެ އެވެ. މަގާމުން ވަކިވެ ވަޑައިގެންނެވުމުގެ ކުރިން ވޯލްޑް ކަޕް ބާއްވައި، އިތުރު ވޯލްޑް ކަޕެއްގެ ފުރުސަތު އެމެރިކާ އަށް ހޯއްދަވައި ދެވުނީ އެވެ.
"(އެމެރިކާއިން ވޯލްޑް ކަޕަށް ލިބުނު) އަދަދުތަކަށް ބަލާއިރު. އަހަރެމެން ވަގުތުން އަލުން މުބާރާތަށް [އެމެރިކާގައި ވޯލްޑް ކަޕް ބާއްވަން] އެދޭނަން،" ފޮކްސްގެ އިންޓަވިއުގައި ޓްރަމްޕް ވިދާޅުވި އެވެ.
2038 ގެ ވޯލްޑް ކަޕް ވެސް އެމެރިކާގައި ބާއްވަން، ޓްރަމްޕާއި އިންފަންޓީނޯ ރާވަނީ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ