ފިލްމު 'އާވާރާޕަން 2'ގެ ޓައިޓްލް ލަވަ އަރިޖީތުގެ އަޑުން
މި އަންނަ މަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝްމީގެ ފިލްމު "އާވާރާޕަން 2"ގެ ޓައިޓްލް ލަވަ އިއްޔެ ރިލީޒްކުރިއިރު މި ލަވައަށް އަޑު އަޅައިދީފައިވަނީ އިންޑިއާގެ މަގުބޫލު ލަވަކިޔުންތެރިޔާ އަރިޖީތު ސިންގްއެވެ. މި އަހަރުގެ ޖަނަވަރީ މަހު ފިލްމުތަކަށް ލަވަކިޔުން ހުއްޓާލިކަން އިއުލާނުކޮށްފައިވާ އަރިޖީތުގެ އަޑުން ކިޔާފައިވާ ލަވައެއް ބޮލީވުޑްގެ ފިލްމަކުން އަލުން އިވުމަކީ އޭނާއަށް ތާއީދުކުރާ ވަރަށް ގިނަ ބަޔަކަށް ލިބުނު އުފާވެރި ޚަބަރެކެވެ. އަރިޖީތުގެ އަޑުން ކިޔާފައިވާ މި ޓައިޓްލް ލަވަ 'ޔޭ އާވާރަޕަން' ރިލީޒްކުރުމާ އެކު ފިލްމުތަކަށް ލަވަކިޔަން އަނެއްކާވެސް އަރިޖީތު ފެށީ ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ. އަރިޖީތު ފިލްމުތަކަށް ލަވަކިޔުން ހުއްޓާލިކަން އިއުލާނުކުރިތާ މާގިނަ ދުވަހެއް ނުވެ އެކްޓަރު އާމިރު ޚާން ޕްރޮޑިއުސްކުރި ފިލްމު "އޭކް ދިން"ގެ ޓައިޓްލް ލަވައަށް ވެސް އޭނާ ވަނީ އަޑު އަޅައިދީފައެވެ. ފިލްމު "އާވާރާޕަން 2"ގެ ލީޑް ތަރިން ކަމަށްވާ އިމްރާން އަދި ދިޝާ--ފޮޓޯ/ޕިންކްވިލާ އޭރު އެކަމާ ގުޅިގެން ދިން އިންޓަވިއުއެއްގައި އަރިޖީތު ބުނީ، ޖަނަވަރީ މަހު ފިލްމުތަކަށް ލަވަކިޔުން ހުއްޓާލަން ނިންމިއިރު ވަރަށް ގިނަ ފިލްމުތަކުގެ ލަވަތަކަށް އަޑު އަޅައިދީ މިއުޒިކް ތައްޔާރުކޮށްދިނުމުގެ މަސައްކަތްތަކަށް އެއްބަސްވެ ބައެއް މަސައްކަތް ނުނިމިހުރި ކަމަށެވެ. އެހެންވެ ފިލްމު "އާވާރާޕަން 2"ގެ ޓައިޓްލް ލަވައަކީ ވެސް އެގޮތަށް ނުނިމިހުރި މަސައްކަތްތަކުގެތެރެއިން މަސައްކަތެއް ކަމަށް ބެލެވެއެވެ. ފިލްމު "އަވާރަޕަން" ފްރެންޗައިޒްގެ ކްރިއޭޓިވް މަސައްކަތްތަކުގައި އިސްކޮށް އުޅޭ ވިޝޭޝް ބަޓާ ހަވާލާދީ މަސްދަރަކުން ބުނެފައިވަނީ، "އަވާރަޕަން 2"ގެ މިއުޒިކަކީ މުޅިން ތަފާތު ފެންވަރަކަށް ތައްޔާރުކޮށްފައިވާ އެއްޗެއް ކަމަށެވެ. އަދި "ޔޭ އަވާރަޕަން" މި ލަވައަކީ ފިލްމުގެ ބަތަލު 'ޝިވަމް ޕަންޑިތު'ގެ ދިރިއުޅުމުގެ އަސްލު ރޫހު ރަމްޒުކޮށްދޭ ލަވައެއް ކަމަށާއި، އެ ލަވައަށް އެންމެ އެކަށީގެންވާ އަޑަކީ އަރިޖީތުގެ އަޑު ކަމަށެވެ. މި އަންނަ މަހުގެ 14 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމު "އާވާރާޕަން 2" އަކީ، 2007 ވަނަ އަހަރު އެ ނަމުގައި ރިލީޒްކުރި ފިލްމުގެ ސީކުއަލްއެކެވެ. އިމްރާންއާ އެކު ފިލްމުގެ ބަތަލާގެ ރޯލްއިން ފެންނާނީ ދިޝާ ޕަޓާނީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ