ފިލްމު 'ކޫލީ'ގެ ޑައިރެކްޓަރު އެކްޓިންއަށް

ދެކުނު އިންޑިއާގެ މަގުބޫލު ފިލްމުތައް ކަމަށްވާ "ކޫލީ"، "ލިއޯ"، "ވިކްރަމް" އަދި "މާސްޓަ" ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ލޮކޭޝް ކަނަގާރާޖް އެކްޓުކުރުމުގެ ދާއިރާއަށް ތައާރަފުވާ ފިލްމު "ޑީސީ" ރިލީޒްކުރާ ތާރީޚު ފަސްކޮށްފިއެވެ. ސަން ޕިކްޗާސްއިން އުފައްދާ، އަރުން މަތޭޝްވަރަން ޑައިރެކްޓްކޮށްފައިވާ މި ތަމަޅަ ގޭންގްސްޓާ ޑްރާމާގައި ލޯކޭޝްއާ އެކު ބަތަލާގެ ރޯލްއިން ފެންނާނީ ބޮލީވުޑްގެ ބަތަލާ ވަމީގާ ގައްބީއެވެ. ކުރިން ޖުލައި 31ގައި ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައި އޮތް މި ފިލްމު މިހާރު ރިލީޒްކުރުމަށް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހަށެވެ. މި ފިލްމަކީ "ރޮކީ" އަދި "ކެޕްޓަން މިލާ" ފަދަ މަޝްހޫރު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އަރުން މަތޭޝްވަރަންގެ މަސައްކަތެކެވެ. ފިލްމު ރިލީޒްކުރާ ތާރީހަށް ގެނައި ބަދަލު ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އިއުލާންކޮށްފައިވަނީ އިންސްޓަގްރާމް މެދުވެރިކޮށް، ފިލްމުގެ އައު ޕޯސްޓަރަކާއެކުގައެވެ. ލޯކޭޝް ކަނަގަރާޖް ދެކުނު އިންޑިއާގެ އެކްޓަރު އަދި ތެމިލް ނާޑޫގެ މިހާރުގެ ޗީފް މިނިސްޓަރު ތަލަޕަތީ ވިޖޭއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ލޯކޭޝް ކަނަގަރާޖްގެ އެކްޓިންގް ކެރިއަރު ފެށޭ މި ފިލްމަކީ އަނިޔާވެރި މާހައުލެއްގެ ތެރޭގައި އުޅެންޖެހިފައިވާ، މުޖުތަމައުން ބާކީވެފައިވާ ދެމީހެއްގެ މެދުގައި ހިނގާ ވަރުގަދަ ލޯބީގެ ސިލްސިލާއެއް ދައްކުވައިދޭ ފިލްމެކެވެ. ސައުތު ސިނަމާގެ އެންމެ ކުޅަދާނަ ފިލްމު ޑައިރެކްޓަރުންގެތެރޭ ހިމެނޭ ލޯކޭޝް އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ މި އަހަރުގެ މެއި މަހު ރިލީޒްކުރި ފިލްމު "29"އެވެ. ލޮކޭޝް ޑައިރެކްޓަރެއްގެ ގޮތުގައި ދެން އެންމެ އަވަހަށް މަސައްކަތް ފަށާނީ އަލަށް އުފައްދާ ތެލުގޫ ފިލްމު "އޭއޭ23"ގެ މަސައްކަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ