ދަރޭތި

(އާދިއްތަ ދުވަހާ ގުޅޭ)
"ބަޑިޖަހާ މަރަންވީ! މަރަށް މަރު!" ދެން ތިއްބެވި ދެ މެންބަރުން ހިޔާލުދެއްވިއެވެ. 
އެ ހިޔާލު ފާހެއް ނުވިއެވެ. ކޮންމެހެން އާދަނަށް ހެޔޮއެދޭތީ ނުވަތަ ހަމުދަރުދީވެގެނެއް ނޫނެވެ. ބަޑިޖަހައި މެރުމުން އަދަބު ލުއިވާތީއެވެ. 
"މެރީމަ މީހުން މާ އަވަހަށް އެ ކަން ހަނދާންނެތޭނެ،" އެހެން މެންބަރަކު ހިޔާލުފާޅުކުރެއްވިއެވެ. "ބަޑިޖަހާ މެރި މީހާގެ ވާހަކަ ކާކު ހަނދާން ހުރީ؟ ކުރިން ވެސް ކިތައް މީހުންނަށް މަރުގެ އަދަބު ދިން؟ ދިނީ ކާކަށް، ކީއްވެގެން ކަމެއް ފޮތަކުން ވެސް އެނގޭކަށް ނެތް. އަހަންނަށް ފެންނަނީ އާދަނު މަރުވަންދެން އަށިގޭގަ އަނދަގޮނޑިޖަހާފަ ބާއްވަން. އޭރުން އެންމެން އަބަދު އެ ވާހަކަ ދައްކާނެ. މަރުވާނެ ދުވަހަކުން ވެދާނެއްނު!"
އާދަން ކަލޭފާނު ގެއަށް ދުރުވި އިރު އުނދޯލި މަތީގައި ސިޓީއުރައެއް އޮތެވެ. އެއީ ކަލޭފާނު ބުނުއްވާފައި އޮންނަ ގޮތެވެ. ހަފީޒާގެ ސިޓީއެއް އަތުވެއްޖެ ނަމަ، އެ ބާއްވަން ޖެހެނީ އުނދޯލި މަތީގައެވެ. ކޮޓަރިއަށް ވެންނެވުމުގެ ކުރިން ކަލޭފާނު ސިޓީ ކަނޑައިލެއްވިއެވެ. އެހެން ފަހަރުތަކާ ހިލާފަށް އެ އުރަޔަކު އާދަނަކަށް ސިޓީއެއް ނެތެވެ. 
"ކިހިނެއްބާ އެ ވީ؟" ހިތާހިތުން ކަލޭފާނަށް ބުނުއްވުނެވެ. 
އެ ސުވާލުގެ ޖަވާބު ސިޓީގައި އޮތެވެ. ބައްޕައަށް ނުހަނު ލޯތްބާއި އިހުތިރާމާ އެކު ސަލާން ރައްދު ކޮށްފައި ހަފީޒާ ލިޔެފައި އޮތެވެ. 
"އަޅުގަނޑުގެ ލޯބިވާ ބައްޕާއެވެ. ދެނެއް އާދަނަކަށް ސިޓީއެއް ނުލިޔާނަމެވެ. ސިޓީއަށް ވާ ގޮތް އަޅުގަނޑަށް އެނގިއްޖެއެވެ. ބައްޕަ އެހެން ހައްދަވާ ސަބަބު ވެސް އެނގިއްޖެއެވެ. އާދަނު އިތުރަށް ދެރަ ކުރައްވަން ބައްޕަ ބޭނުންވެނުލައްވަނީއެވެ. ނުވިސްނުނީ އަޅުގަނޑަށެވެ. އަޅުގަނޑަށް މާފުކުރެއްވުން އެދެމެވެ. އެހެނަސް ސިޓީތައް އުކައިނުލައްވައި ބެހެއްޓެވުމަކީ އަޅުގަނޑުގެ އެދުމެކެވެ. އާދަނު އަށިގެއަށްލިކަން ވެސް އަޅުގަނޑަށް އެނގިއްޖެއެވެ. ސަބަބު ވެސް އެނގިއްޖެއެވެ. އަޅުގަނޑު ދެކެ ލޯބި ވެވުނީތީއެވެ. އާދަނަކީ ނުބައި މީހެއް ނޫން ކަމާއި ފަސް ވަގުތު ނަމާދުކުރާ މީހެއްކަން ބައްޕައަށް ރަނގަޅަށް އެނގިލައްވާނެއެވެ. ކުށްވެރިޔަކީ އަޅުގަނޑެވެ. އަޅުގަނޑާ އާދަނު ދިމާނުވި ނަމަ މިއަދު އާދަނު އަށިގެއަކު ނުއޮތީހެވެ. ލޯބިވާ ބައްޕާއެވެ. އެ ތަނުގައި އޮވެ އާދަނު މަރުވިޔަ ނުދެއްވާށެވެ. ހަމީދަށް ދަންނަވައިގެން އާދަނު މިނިވަން ކޮށްދެއްވާށެވެ. ކުޑަމިނުން އާދަނުގެ އަދަބު ލުއިކޮށްދެއްވާތޯ ދަންނަވައި ދެއްވާށެވެ. ކުށް ކުރަން އުޅުނު މީހަކަށް ކުށް ކުރި މީހަކަށް ދޭ އަދަބު ހައްގު ވާނީ ކޮން ގޮތަކުން ތޯއެވެ؟ ބައްޕަ މެދުވެރިވެލައްވައިގެން އާދަނަށް އިންސާފު ހޯއްދަވައި ދެއްވާށެވެ."
ހަފީޒާގެ ދިގު ސިޓީގެ މައިގަނޑު މަގުސަދަކީ އާދަނުގެ އަދަބު ލުއިކޮށްދިނުމަށް ބައްޕައަށް އާދޭސްކުރުމެވެ. އާދަނަށް ކަންތައް ދިމާވި ގޮތް ދަރިފުޅު ގާތުގައި ބުނަން ނުކެރިފައި ހުއްޓައި، ކޮންމެވެސް ގޮތަކުން އެ ކަން ދަރިފުޅަށް އެނގުމަކީ ކަލޭފާނަށް ލިބިލެއްވި އުފަލެކެވެ. އެ އުފަލާ އެކު ނުތަނަވަސްކަމެއް ވެސް ލިބިލެއްވިއެވެ. އެއީ ދަރިފުޅުގެ އާދޭސް ހިފައިގެން ހަމީދުގެ އަރިއަހަށް ދިޔުމެވެ. ހަމީދުގެ މިޒާޖުފުޅާއި ހަރުކަށިފުޅުކަމާއި ރުންކުރުފުޅުކަން ކަލޭފާނަށް އެނގިލައްވައެވެ. މީހުންގެ ތެރޭގައި ވެސް ކޮންމެ ފަދަ އެއްޗެއް ވެސް ވިދާޅުވެދާނެއެވެ. ލަދެއްގައި ބެދެން ޖެހިލައްވާނީ ކަލޭފާނަށެވެ. އެހެނަސް، ހަފީޒާ އެދުނު އެއްވެސް ކަމަކަށް އިންކާރު ކުރެއްވުމަކީ ކަލޭފާނު ކުރެއްވި ކަމެއް ނޫނެވެ. 
ވެރިކަމުގެ ނިޒާމު ޖުމުހޫރިއްޔަތަކަށް ބަދަލުވި ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެއް ހަމަޖެހި، ފަތުއަޑުކިޔާފައި އެ ދުވަސް ކައިރިވަމުންއައެވެ. ދެތިން މަސް ކުރިޔަށް އޮތް ނަމަވެސް، ހަމީދު އުޅުއްވީ ރަށް ތައްޔާރު ކުރެއްވުމުގައި އަވަދިނެތިއެވެ. ގޭގޭގެ ވީހައި ވެސް ގިނަ ބޭރު ފާރެއް ރާނައި އުވަލައި، މަގުތައް ހަދައި، ދޮންވެލިލައި، ދިދަ ޖަހައި، ބޭރުގެ މެހުމާނުންނަށް މަރުހަބާ ކިޔުމުގެ ކަންކަން ރާވައި، ޖުމުހޫރީ ދަރުބާރު ބާއްވާ ތަން ޒީނަތްތެރިކޮށް، ކުޅިވަރުތައް އިންތިޒާމު ކުރެއްވުމުގައެވެ.
ސަރުކާރު ނައުތައް ހަވާލުވެލައްވައިގެން ހުންނެވި ވެރިޔެއްގެ ހައިސިއްޔަތުން، ބޭނުން ވަގުތަކު ހަމީދުއާ ބައްދަލު ކުރެއްވުމަކީ ކަލޭފާނަށް ލިބިލައްވާފައިވާ ހާއްސަ އިނާޔަތެކެވެ. ކަލޭފާނު ބެއްލެވީ ހަމީދު ގިނިކަންޏާ އިންނަވާނެ ވަގުތެކެވެ. އެ ވަގުތެއް ނައެވެ. ވީމާ، މީހުން އެންމެ މަދު ވަގުތެއް ބައްލަވާފައި ހަމީދުގެ އަރިހަށް ކަލޭފާނު ޒިޔާރަތްކުރެއްވިއެވެ. އޭރު އަރިހުގައި ވަޒީރުލް ޒިރާޢާއި ވަޒީރުލް އަޝްޣާއި ވަޒީރުލް އައުޤާފް އިންނެވިއެވެ. އެ އެންމެން ތިއްބަވަނިކޮށް އާދަނުގެ ވާހަކަ ދެއްކުން ކަލޭފާނަށް އެހައި މުނާސަބެއް ނޫނެވެ. 
"އަވަހަށް ބުނުއްވާ!" ހަމީދު ވިދާޅުވިއެވެ. "ކަލޭފާނުވީމަ ވަގުތުކޮޅެއް މި ހުސްކޮށްލީ!"
ކުއްލިއަކަށް އާދަނުގެ ވާހަކަ ދަންނަވަން ކަލޭފާނަށް އުނދަގޫވެލެއްވިއެވެ. އެކަމަކު ދައްކަވާނެ ރަސްމީ ވާހަކައެއް ނެތެވެ. ވަށައިގެން ތިއްބެވި ބޭފުޅުންނަށް ބަލައިލައްވާފައި ކަލޭފާނު ކަރުކެހިލެއްވިއެވެ. 
"އަމިއްލަ ކަމަކާ މި އައީ،" ކަލޭފާނު ބުނުއްވިއެވެ. "އެހެން ވަގުތަކުން އަންނަންތޯ؟"
"އެ ބޭކަލުން ތިއްބެވިޔަކަސް ރަނގަޅުވާނެ،" ހަމީދު ވިދާޅުވިއެވެ. "ބުނުއްވާ!"
"އަށިގޭގައި އޮތް ކުށްވެރިއެއްގެ އަދަބު ލުއިކޮށްދެއްވާތޯ ދަންނަވަން މި އައީ،" އާދަން ކަލޭފާނު ބުނުއްވިއެވެ. "އަޅުގަނޑުގެ ދަރިފުޅު..."
"ކަލޭފާނު!" ކަލޭފާނުގެ ވާހަކަ މެދުކަނޑުއްވައިލައްވާފައި ހަމީދު ވިދާޅުވިއެވެ. "އެނގިލައްވާތޯ އޭނަ އުޅުނީ ކީއްކުރަންކަން؟ އަޅުގަނޑަށް ކަތިވަޅިއަކުން ހަމަލާދީ މަރާލަން. މި ދައްކަނީ މުހައްމަދު ހަމީދުގެ ވާހަކައެއް ނޫން. މި ގައުމުގެ އެންމެ މަތީ، އެންމެ މާތް ވެރިޔާގެ ވާހަކަ މި ދައްކަނީ. ތީ އަޅުގަނޑު ނަމަ ކަލޭފާނު އޭނައަށް ލުއިދެއްވާނަންތޯ؟ މާފުކުރައްވާފަ، މިނިވަން ކުރައްވާނަންތޯ؟"
ކަލޭފާނު އެއްޗެއް ބުނުއްވަން އަނގަ ހުޅުއްވިއެވެ. 
"އަޅުގަނޑު އެކަންޏެއް ވެސް ނޫން،" ހަމީދު ވިދާޅުވިއެވެ. "މި ތިއްބެވި ވަޒީރުންގެ ބައިސްކަލުކޮޅުތައް މޫދަށް އުކީ ވެސް އޭނަ. ނަސީބެއް އޭނަ ހައްޔަރު ކުރެވުނުކަން. އެހެން ނޫން ނަމަ ގޭގޭގަ ހުޅު ވެސް ޖެހީސް. އެ ވަރުގެ ބޮޑެތި ކުށްތަކެއް އޭނަ އެ ކުރީ އަޅުގަނޑު ކީއްކޮށްގެންތޯ؟ މި ގައުމާ އަޅުގަނޑު ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން ކޮށްދީފަ ހުރި ކަންކަން ގުނާލައްވާ! ކާކަށްތޯ މި ވަރުގެ ތަރައްގީއެއް ގެނެވުނީ؟ އިޖުތިމާއީ ގޮތުންނާ، އުމްރާނީ ގޮތުންނާ، ދީނީ ގޮތުން ކިހާ ފުން ވަޅުގަނޑެއް ތެރޭގަތޯ ކުރިން މި ގައުމު އޮތީ؟ ގާނޫނެއް އޮތްތޯ؟ ހުރިހާ އަމުރެއް ނެރުއްވާނީ ގަނޑުވަރުން. އެހެންތޯ މިހާރު އެ ކަން އޮތީ؟ އަޅުގަނޑަކީ އޭނަ އެ ބުނާ ކަހަލަ ނާއިންސާފު ވެރިޔެއް ނަމަ އޭނަ މިހާރު ދިރިހުންނާނެތޯ؟ މަރަށް މަރުހިފަން މަޖިލީހުން އަޅުގަނޑަށް ލަފާދެއްވިޔޭ! އެކަމަކު އޭނަ ނުމަރާ ބޭއްވުން އެއީ ކުޑަ ލުޔެއްތޯ؟ ކަލޭފާނު ދެން ދުރުވޭ! ދެވަނަ ފަހަރަށް ތި ކަމާ ނުދުރުވާތި!"
އަށިގޭގެ ފަންފުރާޅަށް ނަޒަރު ހުއްޓައިލައިގެން އާދަނު އޮތެވެ. އެއް ފައި އޮތީ އަނދަގޮނޑީގައެވެ. ތަނުގައި ތިބި މީހުން ދެއްކި ވާހަކައަކަށް އާދަނުގެ ސަމާލުކަމެއް ނެތެވެ. ތަނަށް އަލި ވަންނަން ހުރި ހަމަ އެކަނި ކުޑަދޮރުގެ ތޭރިތަކު ތެރެއިން މާބުރެއް އެތެރެއަށް ވަން ތަން އާދަނަށް ފެނުނެވެ. އެ ސޮރަށް ވެސް އަށިގެ ކަމަކު ނުދިޔަ ކަހަލައެވެ. ބުރެއް އަޅާފައި ހަމަ އެ ކުޑަދޮރުން ނުކުތެވެ. އާދަނު ހިތަށް އެރިއެވެ. އާދަނަށް ވުރެ އެ މާބުރުގެ ނަސީބު ވެސް މިއަދު ގަދައެވެ. މިނިވަންކަމަކީ ހާދަހައި ބޮޑު ނިއުމަތެކެވެ. ކުއްލިއަކަށް ދޮރު ހުޅުވައިލާފައި މީހަކު އެތެރެއަށް ކޮއްޕައިލިއެވެ. އެ މީހާ އައިސް އާދަނު ގާތަށް ގުޅައަކަށްޖެހުނެވެ. 
"އަހަނ އާދަނާ!" އޭނަ ބުނި އަޑުއިވުނެވެ. 
"ކޮން ކުއްޖެއް؟" ބަލައި ވެސް ނުލައި އާދަނު ސުވާލުކުރިއެވެ. 
"ކުނބުރުދޫ ސޮރު،" އޭނަ ބުންޏެވެ. "ކަލޭ އަދިވެސް މަރައެއް ނުލާ އުތަ؟"
"އާނ އެހެންވެތާ ސޮރާ މި ވާހަކަ ދައްކަނީ،" އާދަނު ބުންޏެވެ. "ކަލޭ ކީއްކުރީ؟"
"މީހަކާ ތަޅައިގަތީ!" އޭނަ ޖަވާބު ދިނެވެ. "މަ އަޑުއެހިން އާދަނު މަރުވަންދެން އަނދަގޮޑީގަ ބާއްވަން މަޖިލީހުން ފާސްކުރި ވާހަކަ. އާދަނުގެ ހިތްވަރު ދެރަ ކުރާކަށް ނޫން. ދެރަ ބަހެއް ބުނާކަށް ވެސް ނޫން. އެކަމަކު ބުނަން؟ އެ މީހުން އެހެން ބުނެފިއްޔާ ހަމަ އެހެން ނިމޭނީ. މަރުވަންދެން ބާއްވާނެ."
"ކަލޭ ތިހެން ބުނާ އިރު، އަހަންނަކީ ވެސް މީހަކު މަރަން ނުކުތް މީހެއް،" ވަރަށް ހަމަޖެހިލާފައި އާދަނު ބުންޏެވެ. "އެކަމަކު މާތްކަލާނގެ އެ ގޮތަކަށް އިރާދައެއް ނުކުރެއްވި. ހަމަ އެ ގޮތަށް، އަހަރެން އަށިގޭގަ ބާއްވައިގެން މަރާލަން ހަމީދު ބޭނުންފުޅުވިޔަސް އެހެން ވެސް ހަމަ އިރާދަނުކުރައްވަފާނެއްނު! އިންސާނުންނަށް ވުރެ މާ މޮޅަށް ﷲ ކަންކަން ރާއްވަވައި ނިންމަވާނެ."
"ދެން އެހެންވިއްޔާ އާދަނަށް ކިހިނެއް ވާނީ؟" ސޮރު އެހިއެވެ.
"އަހަރެން މި ތަނުން ނެރުއްވަން ﷲ އިރާދަކުރައްވައިފިއްޔާ، ދޮރު ވައްޓައިލާފަ ވެސް އަހަރެން ނެރޭނެ." އާދަނު ޖަވާބުދިނެވެ. 
އެއީ ބޮޑު ވާހަކައަކަށް ހަދައިގެން ކުނބުރުދޫ ސޮރު ބަންޑާރަ ނައިބު އޮފީހަށް ގޮސް ކާމިލަށް އެ ވާހަކަ ދެންނެވިއެވެ. ބަދަލުގައި ސޮރު މިނިވަންކޮށްދިނެވެ. ހުރިހައި ހަސްކާއެއްދިނީ އާދަނަށެވެ. ދަންވަރު އަށިގޭގައި އެންމެން ނިދާފައި ތިއްބައި، ކުއްލިއަކަށް ދޮރު ހުޅަވައިލި އަޑުއިވުނެވެ. އަޑު ގަދަކަމުން އެންމެ ސިއްސައިގެންދިޔައެވެ. ބޭރުން ވަން އަލި ގަދަކަމުން ހީވީ މެންދުރު ހެންނެވެ. މުޅި ތަން އޮތީ ބިގަރު ދިއްލައި ހުޅުދާންކޮށްފައެވެ. ވާނުވާ ނޭނގި ހައިރާންވެފައި އެންމެން ތިއްބައި އާދަނު އަނދަގޮނޑިން ނަގައި، އަތުގައި ބިޑިއަޅުވައިގެން ބޭރަށް ނެރުނެވެ. އެ ފަހަރު ވެސް ޝަރީއަތް ކުރައްވަން އިންނެވީ ހަމީދުއެވެ. 
"ތެދެއް؟ ކަލޭ ބުނިންތަ ކަލޭ ސަލާމަތްކުރަން އަންނާނެ މީހުން ތިބޭނޭ؟" ހަމީދު އެއްސެވިއެވެ. 
"އެހެނެއް ނުބުނަން. އަޅުގަނޑު ބުނީ އަޅުގަނޑު އަށިގެއިން ނެރުއްވަން ﷲ އިރާދަކުރައްވައިފިއްޔާ، ދޮރު ވައްޓައިލާފަ ވެސް އަޅުގަނޑު ނެރޭނޭ." އާދަނު ޖަވާބުދިނެވެ. 
"ނާ! ކަލޭ ބުންޏޯ އަހަރެން މަރަން އަދި ވެސް މީހުން ނުކުންނާނޭ!" ހަމީދު ވިދާޅުވިއެވެ. "އަޅެ ބުނެބަލަ! ދެން ކޮން ބައެއް ކަލޭ ސަލާމަތްކުރަން ދޮރު ވައްޓާލާފަ އަންނަނީ؟ ކޮން ބައެއް ބޭރުގަ ތިބީ؟"
"ބަޔަކު ތިބި ވާހަކައެއް އަޅުގަނޑު ނުބުނަން،" އާދަނު ބުންޏެވެ. "އަޅުގަނޑު ބުނީ..."
"އެހެންނުވާނެ! ކޮންމެ ވެސް ބަޔަކު އަދި ހައްޔަރު ނުވެ އެބަ ތިބި،" އަޑަށް ބާރުލައްވައިފައި ހަމީދު ވިދާޅުވިއެވެ. "އެއީ ކޮން ބައެއް؟ ހަމަ މިހާރު އެންމެންގެ ނަން ބުނޭ!"
"ބަޔަކު ނެތިއްޔާ ކިހިނެއްތޯ ނަން ދަންނަވާނީ؟" އާދަނު ބުންޏެވެ. 
"ހުސް ދޮގު. ހަމަ މިހާރު މީގަ ސޮއިކުރޭ!" މޭޒުމަތީގައި އޮތް ލިޔުމަކަށް އިޝާރާތްކުރައްވާފައި ހަމީދު އަމުރުކުރެއްވިއެވެ. "ރުހުމުގަ ސޮއި ނުކޮށްފިއްޔާ ގަދަކަމުންވެސް ކުރުވާނަން." (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ