ޕެރިސް (ޖުލައި 22) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް، 2030 ވަނަ އަހަރު ބާއްވާނީ 64 ގައުމު ވާދަކުރާ މުބާރާތެއްގެ ގޮތުގައި ކަމަށް ދެކުނު އެމެރިކާގެ ފުޓްބޯޅަ ޖަމިއްޔާ، ކޮންމެބޯލްގެ ރައީސް، އަލެހަންދްރޯ ޑޮމިންގޭޒް ވިދާޅުވެއްޖެ އެވެ.
ދެން އޮންނަ ވޯލްޑް ކަޕް ބާއްވާން ކަނޑައަޅާފައިވަނީ، ސްޕެއިނާއި ޕޯޗުގަލް އަދި މޮރޮކޯ އިން ގުޅިގެންނެވެ. އެ ވޯލްޑް ކަޕް އޮތް ތާރީހަކީ، އެންމެ ފުރަތަމަ ވޯލްޑް ކަޕެއް ކުޅުުނުތާ 100 އަހަރު ފުރޭ އަހަރު ކަމަށްވާތީވެ، ފީފާ އިން ވަނީ، އިތުރު ތިން ގައުމެއްގައި ވެސް ވޯލްޑް ކަޕްގެ މެޗުތަކެއް ކުޅެން ނިންމައިފަ އެވެ. އެއީ، ދެކުނު އެމެރިކާގެ ތިން ގައުމު ކަމަށްވާ އާޖެންޓީނާ އާއި އުރުގުއޭ އަދި ޕެރަގުއޭގަ އެވެ.
ދެން އޮތް ވޯލްޑް ކަޕްގައި ކުޅޭ ޓީމުތަކުގެ އަދަދު 64 އަށް އިތުރު ކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެފައިވަނިކޮށް، ޑޮމިންގޭޒް ވިދާޅުވީ، މިހާރު ވެސް އޮތީ އެ ގޮތަށް ނިމިފައި ކަމަށެވެ.
"2030 ވަނަ އަހަރު ވޯލްޑް ކަޕް އަންނައިރު، އުރުގުއޭ، އާޖެންޓީނާ ދެން ޕެރަގުއޭ އަށް އެބަލިބޭ ދުނިޔޭގެ ފުޓްބޯޅައިގައި އެފަދަ ދެ ވަނަ އެއް ނެތް ފުރުސަތެއް. އެއީ، ވޯލްޑް ކަަޕެއްގެ ހިތްހަމަޖެހުމާ އުފާފާޅުކުރަން. 64 ގައުމު ބައިވެރިވާ މުބާރާތެއްގައި،" ޑޮމިންގޭޒް ވިދާޅުވި އެވެ.
ޑޮމިންގޭޒްގެ މި ވާހަކަތަކާ ގުޅިގެން، ފީފާ އިން ޖަވާބެއް ދީފައިނުވާއިރު، ފީފާގެ ރައީސް އިންފަންޓީނޯ މީގެ ކުރިން ވިދާޅުވީ، ވޯލްޑް ކަޕްގެ ޓީމުތައް އިތުރުުކުރަން ކުރެވޭ މަޝްވަރާތައް ކުރިއަށް އޮތް މަސްތަކުގައި ކުރިއަށްދާނެ ކަމަށެވެ.
"ވޯލްޑް ކަޕެއް އިންތިޒާމްކުރާއިރު، ވަރަށް މުހިންމު މުޅި ދުނިޔޭގެ ބައިވެރިވުން އޮންނާނެ ގޮތަކަށް ކަންކަން ރޭވުން. ހަަމައެކަނި ޔޫރަޕެއް ނޫން. ދެކުނު އެމެރިކާ އެއް ވެސް ނޫން، މުޅި ދުނިޔެ އަށް. ކޮންމެ ގައުމަކަށް އެބަޖެހޭ ވޯލްޑް ކަޕްގައި ކުޅެވޭނެ ކަމުގެ އުންމީދު ދަމަހައްޓައިދޭން،" ވޯލްޑް ކަޕްގެ ޓީމުތައް އިތުރު ކުރުމުގެ ވާހަކަ ހިއްސާ ކުރައްވަމުން، މި ފަހަރުގެ ވޯލްޑް ކަޕްގެ ތެެެރެއިން އިންފަންޓީނޯ ވިދާޅުވި އެވެ.
އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ކުރިއަށްދިޔަ މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި 48 ގައުމު ވާދަކުރިއިރު، ވޯލްޑް ކަޕްގައި ކުޅެވޭ ޓީމުތައް 32 އަށް ވުރެން އިތުރު ކުރުމަކީ އެންމެ ރަނގަޅު ހިޔާލެއް ނޫން ކަމަށް ބުނާ ފަރާތްތައް ވެސް ގިނަ އެވެ.
2030 ގެ ވޯލްޑް ކަޕްގައި 64 ގައުމު ކުޅޭނެ ކަމަށް ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ