މެދުއިރުމަތީގެ ހަނގުރާމަ އަދިވެސް ކޮޅެއްގައި ނުޖެހިގެން އުޅޭއިރު، މި ހަނގުރާމަައިގެ ސީދާ އަދި ނުސީދާ އަސަރު ރާއްޖޭގެ އިގްތިސޯދަށް ދަނީ ކުރަމުންނެވެ. މާޗު މަހުން ފެށިގެން، ރާއްޖެ އަންނަ ފަތުރުވެރިންގެ އަަދަދު މަދުވެފައިވާއިރު، އެ ދާއިރާ އިން ލިބޭ އާމްދަނީއަށް އޭގެ ނޭދެވޭ އަސަރުކޮށް، މުޅި އިގްތިސޯދު އޮތީ ނުރައްކަލެއްގެ ތެރޭގަ އެވެ.
ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސޯދުގެ މައި ނާރެވެ. ދައުލަތުގެ އާމްދަނީގެ ބޮޑު ބަޔަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ އެވެ. ފަތުރުވެރިންގެ އަދަދު އިތުރުކޮށްގެން އެ ދާއިރާ އިން ލިބޭ އާމްދަނީ އިތުރުކުރާއިރު ސަރުކާރުން މި އަހަރަށް އަމާޒު ހިފާފައި އޮތީ 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.
ނަމަވެސް މިހާރު ފަތުރުވެރިން އަންނަ އަދަދުތަކަށް ބަލާއިރު މި އަމާޒު ހާސިލްވުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް 1.16 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. ދުވާލެއްގެ މައްޗަށް އަންނަނީ 5،700އެއްހާ ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %4 ދަށް އަދަދެކެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ދުވަސްވީ އަދި ތަޖުރިބާހުރި އެއް ޓުއަ އޮޕަރޭޓަރު، ކެޕިޓަލް ޓްރެވަލް މޯލްޑިވްސްގެ ސީއީއޯ ޔޫސުފް ރިފްއަތު ފާޅުކުރެއްވި ކަންބޮޑުވުމަކީ، ރާއްޖެ އަންނަ ފަތުރުވެރިންގެ ބޮޑު އިންސައްތައެއް މެދުއިރުމަތީގެ އެއާލައިންތަކަށް ބަރޯސާވުމާއި އެ ރޫޓުތަކުން ދަތުރުކުރާ ފަތުރުވެރިން ނޫން އެހެން ފަތުރުވެރިން ރާއްޖެއަށް ހިތްޖެއްސުމަށް އެދެވޭ މަސައްކަތް އަދިވެސް ނުކުރެވިފައި އޮތުމެވެ.
ދުނިޔޭގެ އިގްތިސޯދަށް ވެސް ހަނގުރާމައިގެ އަސަރުތައް ކުރަމުންދާއިރު، ދަތުރުފަތުރާއި އިންޝުއަރެންސްގެ ހަރަދު ބޮޑުވުމަކީ ވެސް ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އޮތް ހުރަހެކެވެ. މީގެ ކުރިން ގާތްގަނޑަކަށް 1،100 ޑޮލަރަށް ހުރި ޓިކެޓުތައް 2،000 ޑޮލަރުން މައްޗަށް އަރައިގެން ދިޔުމަކީ ދަތުރު ކުރަން ތިބޭ މީހުން މިފަދަ ދަނޑިވަޅެއްގައި ދެވަނަ ވިސްނުމަކަށް ދާނެ ކަމެކެވެ.
އަނެއްކޮޅުން މެދުއިރުމަތީގެ ގައުމުތަކަށް ހަނގުރާމައިގެ ހަމަލާތައް އަމާޒުވުމަކީ އެ ގައުމުތަކުގެ އެއާޕޯޓުތަކުގައި ޓްރާންސިޓުކޮށްގެން ދަތުރުކުރާ ފަސިންޖަރުންގެ ހިތުގައި ބިރުވެރިކަން އުފެދޭނެ ކަމެކެވެ.
ހޫނު މޫސުމުގައި މެދުއިރުމަތީގެ ފަތުރުވެރިން އަންނަ އަދަދު ވެސް އިތުރުވާކަން ފާހަގަކުރައްވައި ރިފްއަތު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން އެއާޕޯޓުތަކުގެ އޮޕަރޭޝަންތަކަށް ބުރޫއެރުމުން އެ ގައުމުތަކުން ސީދާ އަންނަ ފަތުރުވެރިންގެ އަދަދަށް ވެސް އަސަރުކޮށްފައިވާ ކަމަށެވެ.
މި ހާލަތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް އެހެން މާކެޓުތަކަށް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ވަރުގަދަކުރަންޖެހޭ ކަމަށް ރިފްއަތު ވިދާޅުވި އެވެ.
"ސަރުކާރުން ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރި ރާއްޖެ މާކެޓު ކުރަން. މި ހަނގުރާމައިގެ އަސަރު ސީދާ ނުކުރާ މާކެޓުތަކަށް ޓާގެޓުކޮށްގެން،" އޭނާ ވިދާޅުވި އެވެ.
އެގޮތުން، އިންޑިއާ، ޗައިނާ، މެލޭޝިއާ، ޖަޕާން، ކޮރެއާ، އިންޑޮނޭޝިއާ އަދި ވިއެޓްނާމު ފަދަ ގައުމުތަކުގައި ރާއްޖޭގެ ބްރޭންޑު އިޝްތިހާރުކުރުން ހަރުދަނާކޮށް، އެ މާކެޓުތަކުން ފަތުރުވެރިން ގެނައުމަށް މަސައްކަތް ކުރުމަކީ މުހިއްމުކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެއީ މުޅިން އެހެން ރޫޓަކުން ރާއްޖެ އަންނާނެ މީހުން. އެކަން ނުކުރާތީ ރާއްޖޭގެ އޮކިޔުޕެންސީ މިހާ ބޮޑަށް ބަދަލުވެގެން މިހާ ދަށްކޮށް މި ދިޔައީ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ އޮފް ސީޒަން ވެސް ދިމާވީ ހަނގުރާމައިގެ އަސަރު އެންމެ ބޮޑަށް ކުރަމުން މިދާ ދުވަސްވަރާ އެވެ. އެއާ އެކު، ބައެއް ރިސޯޓުތަކުގެ އޮކިޔުޕެންސީ %15-%10އަށް ވެއްޓުނެވެ.
އާންމުކޮށް، އޮކްޓޯބަރު މަހުން ފެށިގެން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ރަނގަޅުވާން ފެށި ނަމަވެސް ހަނގުރާމަ ކޮޅެއްގައި ނުޖެހޭ ނަމަ، އެހާތަނަށް ވެސް އެކަން ހަމައަކަށް އެޅިދާނެކަމުގެ އުއްމީދު ކުޑަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ބޭނުންކުރަން ފެށިތާ އަހަރެއްވާއިރު، އެތަނުގެ ސީދާ ފައިދާ ކުރާނީ އިތުރު މާކެޓުތަކުން ފަތުރުވެެރިން ގެނެވި، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ގިނަ ކުރެވިގެން ކަމަށް ރިފްއަތު ފާހަގަ ކުރެއްވި އެވެ.
"އޭޝިއާގެ ވެސް އެންމެ ފެންވަރު ރަނގަޅު އެއް އެއާޕޯޓު މިއީ. އެކަމަކު ރާއްޖޭގެ ޓޫރިޒަމް އެވަރަށް އެކަށީގެންވާ ގޮތަށް މާކެޓު ނުކުރެވެންޏާ މީހުންނެއް ނާންނާނެ. މާކެޓު ކުރަންވީ. އަންނާނެ ކަމަށް އަޅުގަނޑުމެން ތިބީމާ މީހުން ނައިސްގެން މި އުޅެނީ،" ރިފްއަތު ވިދާޅުވި އެވެ.
އަހަރުގެ މިހާތަަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ޗައިނާ އިން 200،000އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި ރަޝިއާ އިން 170،000އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފަ އެވެ. ޓޫރިޒަމް މާކެޓުތަކުގެ ގަދަ ފަހެއްގައި ދެން އުޅެނީ އިނގިރޭސިވިލާތާއި އިޓަލީ އަދި ޖަރުމަނެވެ.
ޗައިނާ ފަތުރުވެރިންގެ އަދަދު މިހާރަށް ވުރެ ވެސް އިތުރުކުރެވޭނެކަން ފާހަގަ ކުރައްވައި ރިފްއަތު ވިދާޅުވީ އެ މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުން މިހާރަށް ވުރެ ވެސް ވަރުގަދަ ކުރެވޭނެ ކަމަށެވެ.
މީގެ ދެތިން އަހަރު ކުރިން ރާއްޖޭގެ ޓޫރިޒަމްގެ އެއްވަނަ މާކެޓުގެ ގޮތުގައި އޮތް އިންޑިއާ ވަނީ ހަ ވަނައަށް ސޮއްސާލައިފަ އެވެ. މި ސަރުކާރުގެ ކުރީކޮޅު އިންޑިއާއާ ޖެހުނު ކުންޏެއްގެ ސަބަބުން ފަތުރުވެރިން އަންނަ އަދަދު މަދުވި ގޮތަށް ކުރީގެ އަދަދަށް އަދިވެސް ވާސިލެއް ނުވެވެ އެވެ. އިންޑިއާ މާކެޓުގައި މިހާރަށް ވުރެ ވެސް ރާއްޖޭގެ ނަން ރީތިކޮށް، އެ މާކެޓަށް ރާއްޖެ އިޝްތިހާރުކުރުން ވަރުގަދަ ކުރުމަކީ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މިހާރުން މިހާރަށް ވެސް ކުރަންޖެހިފައިވާ މުހިއްމު ކަމެކެވެ.
މި ދަނޑިވަޅުގައި ރާއްޖޭގެ އިގްތިސޯދުގެ މައި އިންޖީނުގެ ހިނގުން ހުއްޓުނަ ނުދިނުމަށް މަސައްކަތް ކުރަން ވަނީ ޖެހިފަ އެވެ. ހާއްސަކޮށް ކަމުގެ ތަޖުރިބާހުރި މީހުންނާ އެކު ސަރުކާރުން މަސައްކަތްކޮށް، ފަތުރުވެރިން ލިބޭނެހެން ހީވާ މާކެޓުތަކަށް ގޮސްގެން ރާއްޖެ އިޝްތިހާރު ކުރުމަކީ މި ދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ނަންބަރުތައް ހިފެހެއްޓުމަށް ކުރަން ޖެހިފައި އޮތް ކަމެކެވެ.
ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން، މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ސަރުކާރުގެ މިހާރުގެ އަމާޒަކީ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ ދަށްވިޔަ ނުދިނުން ކަމަށެވެ. މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި އެވެ.
ހަނގުރާމައިގެ ގޮންޖެހުމާ އެކު ވެސް މި އަހަރު ފަތުރުވެރިކަން މިދިޔަ އަހަރަށް ވުރެ ދަށް ނުވެއްޖެ ނަމަ، އެއީ "ރާއްޖެއަށް ހޯދޭނެ ވަރަށް ބޮޑު ކާމިޔާބެއް"ގެ ގޮތުގައި އަމީން ވަނީ ސިފަކުރައްވައިފަ އެވެ. އެކަން ކުރެވޭނީ ރާއްޖެ އިޝްތިހާރު ކުރުމުގެ ސިޔާސަތު ވަރުގަދަކޮށް، ފަތުރުވެރިން ގެނައުމަށް އާ މާކެޓުތަކަށް ޓާގެޓު ކޮށްގެން ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރެވިގެންނެވެ.
ފަތުރުވެރިން އަންނަ އަދަދު ދަށްވިޔަ ނުދިނުމަށް ކުރަންވީ ކީއް؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ