ބަރުދަން ލުއިކޮށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރުކުރާ ސައްހަ ނޫން މައުލޫމާތު ހިމެނޭ ތަކެތި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެ އޮތޯރިޓީން މިކަމަށް އިލްތިމާސްކުރީ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ސިއްހީ ގޮތުން ކަށަވަރު ނުކުރެވޭ މައުލޫމާތު ހިމަނައިގެން ކާބޯތަކެތި އިޝްތިހާރު ކުރަމުންދާކަން ފާހަގަކުރެވުމާ ގުޅިގެންނެވެ.
އެމްއެފްޑީއޭއިން ބުނި ގޮތުގައި ސައިންޓިފިކް އެއްވެސް ހެއްކެއް ނެތި، ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބުނެ ކާބޯތަކެތި މާކެޓު ކުރުމަކީ އާންމުންގެ މެދުގައި ބޮޑެތި އޮޅުންތަކެއް އަރާނެ ކަމެކެވެ. މިފަދަ އިޝްތިހާރުތަކަކީ އެއްވެސް އަސާސެއް ނެތް، ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށްވެސް އެ އޮތޯރިޓީން ފާހަގަކުރެއެވެ.
މިފަދަ ތަކެތި ބޭނުން ކުރުމުން ސިއްހަތަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް، އެމްއެފްޑީއޭއިން ބުނީ ހާއްސަކޮށް ބަލި މީހުންނާއި މާބަނޑު މީހުންނަށް މީގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާ ވަރަށް ބޮޑު ކަމަށެވެ. އެހެންކަމުން، ސިއްހީ މާހިރުންގެ ލަފާގެ މަތިން ނޫނީ މިފަދަ އެއްވެސް ބާވަތެއް ބޭނުން ނުކުރުމަށް ވަނީ އަންގާފައެވެ.
ކާބޯތަކެއްޗާ ބެހޭ ގަވައިދުގެ ދަށުން، ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައިގެން ތަކެތި އިޝްތިހާރު ކުރުމަކީ މަނާ ކަމެކެވެ. އެމްއެފްޑީއޭއިން ވަނީ ކާބޯތަކެތި އިޝްތިހާރު ކުރުމުގައި ކަނޑައެޅިފައިވާ ގަވައިދުތަކާއި އުސޫލުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް ހުރިހާ ފަރާތްތަކަކަށް އަންގާފައެވެ.
އެ އޮތޯރިޓީން އިތުރަށް ބުނީ، އާންމުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މިފަދަ މައްސަލަތައް ބަލަމުންދާނެ ކަމަށާއި، ގަވައިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
ބަރުދަން ލުއިވާނެ ކަމަށް ބުނެ ކާބޯތަކެތި އިޝްތިހާރުކުރުމަކީ މަނާކަމެއް: އެމްއެފްޑީއޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ