އިންޑިއާގެ މުޒާހަރާ އަދިވެސް ހޫނުކޮށް ކުރިއަށް

އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދިނުމަށް ޑިމާންޑްކޮށް އިންޑިއާގެ ނިއު ދިއްލީގައި މުޒާހަރާ ކުރަމުންދިޔަ މީހުންނާއި ފުލުހުންނާ ދެމެދު އަނެއްކާ ވެސް ކުރިމަތިލުންތަކެއް ހިނގައިފިއެވެ. މި މުޒާހަރާތަކުގެ މައިގަނޑު މަޤުޞަދަކީ، މިދިޔަ މެއި މަހު މެޑިކަލް ސްކޫލްތަކަށް ވަނުމަށް ހެދި އިމްތިޙާނުގެ ކަރުދާސް ލީކުވި މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރާ ޕްރަދާންގެ އިސްތިއުފާއަށް ގޮވާލުމެވެ. މި މައްސަލައިގެ ސަބަބުން ދެ މިލިއަނަށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކޮށް، އަލުން އިމްތިޙާނު ހަދަން ޖެހުމުގެ އިތުރުން، 12 ވަރަކަށް ދަރިވަރުން ވަނީ އަމިއްލައަށް މަރުވެފައެވެ. އެކަމާ ދެކޮޅަށް ނިއު ދިއްލީގެ މެދުތެރޭގައި އޮންނަ ޖަންތަރު މަންތަރު ސަރަޙައްދަށް 10،000 އަށް ވުރެ ގިނަ މީހުން އެއްވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެއެވެ. މި މުޒާހަރާތަކަކީ 2014 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން ކަރުނަ ގޭސް ބޭނުން ކުރަނީ. ފޮޓޯ/އޭޕީ ހޯމަ ދުވަހު ނިއު ދިއްލީގައި ހިނގި ކުރިމަތިލުންތަކުގައި 180 އެއްހާ މީހުންނަށް އަނިޔާވެފައިވާ ކަމަށް ދިއްލީ ފުލުހުން ބުނެފައިވެއެވެ. އޭގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ 118 މީހުންނާއި 60 މުޒާހަރާވެރިން ހިމެނެއެވެ. ނަމަވެސް ސީޖޭޕީން ބުނާ ގޮތުގައި 150 އަށް ވުރެ ގިނަ މުޒާހަރާވެރިންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށް ފުލުހުން ވަނީ މުގުރުން ތަޅައި، ކަރުނަގޭސް ބޭނުންކޮށްފައެވެ. ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުޒާހަރާވެރިން ޢަމަލުކުރީ ޤާނޫނާ ޚިލާފަށް ކަމަށާއި، 70 މީހަކު ހައްޔަރުކޮށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އިއްޔެވެސް ޝިޢާރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ޖަންތަރު މަންތަރަށް އިންޑިއާގެ އެތައް ހާސް ބަޔަކު އެއްވެފައިވާއިރު، އަނެއް ބަޔަކު ވަނީ ޤާނޫނު ހަދާ މަޖިލީހުގެ ބޭރުގައި މުޒާހަރާކޮށްފައެވެ. ދިއްލީ ޕޮލިސްއާ ޙަވާލާދީ ނޫސް އެޖެންސީ އޭއެންއައި އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޭ ދަންވަރު މުޒާހަރާގެ ބައިވެރިން ވަނީ ގަލާއި ޕްލާސްޓިކް ފުޅިން ފުލުހުންނަށް ޙަމަލާދީފައެވެ. އިންޑިއާގެ ޒުވާނުންތަކެއް އުފައްދާފައިވާ ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) އިން އެ މުޒާހަރާތައް ފުރަތަމަ ފެށިއިރު، ބައިވެރިވީ އެންމެ ސަތޭކައެއްހާ ޒުވާނުންނެވެ. މުޒާހަރާގެ ބައިވެރިންނަށް އަނިޔާވެފައިވާއިރު، ބައެއް ބައިވެރިން ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ޖެހިފައި. ފޮޓޯ/ރޮއިޓާސް ސީޖޭޕީގެ ބާނީ އަބިޖީތު ޑިޕްކޭ ބުނީ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރާ ޕްރަދާން އިސްތިއުފާ ދެއްވަންދެން އެ މީހުންގެ މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށެވެ. "މިހާތަނަށް 25 ދުވަސް ވެއްޖެ. 25 މަސް ދުވަސް ނެގިޔަސް އެއީ ބަލައިގަނެވޭނެ ކަމެއް. އެކަމަކު މިތަނުން އަޅުގަނޑުމެން ނުދާނަން،" ބުދަ ދުވަހުގެ ރޭ ދަންވަރު މުޒާހަރާގެ ބައިވެރިންނާ މުޚާޠަބުކޮށް ޑިޕްކޭ ބުންޏެވެ. ދިއްލީ މެޓްރޯގެ ސްޓޭޝަންތައް ބަންދުކޮށްފި މުޒާހަރާތަކާހެދި ނިއު ދިއްލީގެ މެދުތެރެއާއި ވަށައިގެންވާ ސަރަޙައްދުތަކުގެ 16 ސްޓޭޝަނެއް އިތުރު ނޯޓިސްއެއް ދިނުމާ ހަމައަށް ބަންދުކޮށްފައިވާ ކަމަށް ދިއްލީ މެޓްރޯ ރޭލް ކޯޕަރޭޝަނުން މިއަދު ވަނީ ހާމަކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ކުރާ ޕްރެޝަރަށް ރައްދު ދިނުމަށް މޯދީގެ ސަރުކާރުން ވަނީ ސީޖޭޕީގެ ލީޑަރުންނާ އެކު އެއް ބުރުގެ މަޝްވަރާތައް ބާއްވައި، އެ މީހުންގެ ޑިމާންޑްތަކަށް ބަލާނެ ކަމުގެ ޔަޤީންކަން ދީފައެވެ. އަދި މަޖިލީހުގައި އެ މައްސަލަތަކަށް ބަހުސްކޮށް އިމްތިޙާނު ނިޒާމު އިޞްލާޙު ކުރުމަށް ވެސް ސަރުކާރުން ވަނީ ހުށަހަޅާފައެވެ. ކޮންގްރެސް ޕާޓީގެ އިދިކޮޅު ޖަމާޢަތްތަކުން މުޒާހަރާގެ ބައިވެރިންގެ އެދުންތައް ތަކުރާރުކޮށްފައިވާއިރު، މޯދީގެ ގެކޮޅުގެ ބޭރުގައި އަދި މަޖިލިސް އިމާރާތުގެ ބޭރުގައި ކުރި މުޒާހަރާތަކުގައި އިސްކޮށް ހުންނެވީ ކޮންގްރެސް ލީޑަރު ރާހުލް ގާންދީއެވެ. ޕްރަދާންގެ އިސްތިއުފާއަކީ މަޝްވަރާ ކުރެވޭ ކަމެއް ނޫން ކަމަށާއި އިދިކޮޅު ލީޑަރުން ބުރާސްފަތި ދުވަހުގެ ހެނދުނު މަޝްވަރާކޮށް މަޖިލީހުގައި ދެން ޢަމަލުކުރާނެ ގޮތަކާ މެދު ގޮތެއް ނިންމާނެ ކަމަށް ރާހުލް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ