ވޯލްޑް ކަޕް ކާމިޔާބު ކުރުމުން، ސްޕެއިންގެ ފަބިއާން ރުއިޒް އާއި ޕެޑްރޯ ގަވީ އަށް، އެ ދެ ކުޅުންތެރިންގެ އަމިއްލަ ރަށުން، ޓޮމާޓޯއިން ހަދިޔާ ދީފި އެވެ.
ސްޕެއިންގެ ދެކުނުން އަންދަލޫސިއާ ސަރަހައްދުގައި އޮންނަ ކުޑަކުޑަ ސިޓީ އެއްކަމަށްވާ، ލޮސް ޕަލާސިއޯސް އީ ވިއްޔާފްރާންކާއަކީ ޓޯމޯޓޯ ހެއްދުމުގައި މަޝްހޫރު ރަށެކެވެ.
ރުއިޒް އާއި ގަވީގެ އަސްލު ނިސްބަތް ވަނީ އެ ރަށަށެވެ. އާދިއްތަ ދުވަހުގެ ރޭ ކުޅުނު ވޯލްޑް ކަޕް ކާމިޔާބުކޮށް ސްޕެއިން އަށް ގޮސް ވެރިރަށް މެޑްރިޑްގައި ބޭއްވި އުފާފާޅުކުރުންތައް ނިންމައި، ރުއީޒް އާއި ގަވީ ދިޔައީ އެ ދެ ކުޅުންތެރިން ނިސްބަތްވާ އެ ރަށަށެވެ.
އެ ދެ ކުޅުންތެރިންނަށް މަރްހަބާ ކިޔުމަށް އެ ރަށުގެ ޓައުން ހޯލްގައި ބޭއްވި ހަފުލާގައި ހަދިޔާއަކަށް ދިނީ ކުޅުންތެރިންގެ ބަރުދަނަށް ވާވަރަށް ޓޮމާޓާ އެވެ. ރުއީޒްގެ ބަރުދަނަށްވާ 85 ކިލޯގެ ޓޮމާޓާ ވަނީ އޭނާ އަށް ހަދިޔާކޮށްފަ އެވެ. ގަވީއަށް ދީފައި ވަނީ އޭނާގެ ބަރުދަނަށްވާ 68 ކިލޯގެ ޓޮމާޓޯ އެވެ.
އާބާދީގައި 35،000 މީހުން ދިރިއުޅޭ ޕަލާސިއޯސް އީ ވިއްޔާފްރާންކާއިން މި ސަގާފްތް ފެށީ 2010 ގެ ވޯލްޑް ކަޕަށް ފަހު އެވެ. އެއީ އެފަހަރުގެ މުބާރާތް ކާމިޔާބު ކުރި ސްޕެއިންގެ ޓީމުގައި ހިމެނުނު ޖީސަސް ނާވަސް އަށް ޓޮމާޓޯ ހަދިޔާކޮށްގެންނެވެ.
ސެވިއްޔާ އާއި މެންޗެސްޓާ ސިޓީގެ ކުރީގެ ވިންގް ހެސޫސް ނާވަސް ވެސް ނިސަބްތް ވަނީ ޕަލާސިއޯސް އީ ވިއްޔާފްރާންކާ އަށެވެ. އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ނާވަސް ވެސް ބައިވެރިވި އެވެ.
މިހާރު އެ ރަށް، މަޝްހޫރު ވެފައި ވަނީ ހަމައެކަނި ޓޮމާޓޯ އުފައްދާ ރަށެއްގެ ގޮތުގައި އެކަންޏެއް ނޫނެވެ. ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން ވެސް އެ ރަށުން އުފައްދާކަން ނާވަސް އާއި ރޫއިޒް އަދި ޕެޑްރޯގެ ކާމިޔާބުން ސާބިތުވާ ކަމަށް ސްޕެއިންގެ މީޑިއާތަކުން ސިފަކޮށްފައިވެ އެވެ.
ޕީއެސްޖީގެ މިޑްފީލްޑަރު ރުއީޒް ވަނީ އެންމެ ފަހުގެ ޔޫރޯގެ ޗެމްޕިއަންކަން ސްޕެއިން އަށް ހޯދައިދިނުމުގައި ހިއްސާ ވެފަ އެވެ. ވޯލްޑް ކަޕަކީ ބާސެލޯނާގެ މިޑްފީލްޑަރު ގަވީ ގައުމީ ޓީމާ އެކު ހޯދި ފުރަތަމަ ބޮޑު ކާމިޔާބެވެ.
ވޯލްޑް ކަޕް ކާމިޔާބީއަށް ރުއިޒް އާއި ގާވީއަށް އުފަން ރަށުން ހަދިޔާއަކަށް ޓޮމާޓޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ