ދަރިވަރުން މަދުވާތީ ޓީޗަރުން ސްކޫލް ބަދަލުކުރުމަށް އެދެފި
ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ އަދަދު މަދުވަމުން އަންނަ އިރު، އެ ފަދަ ސްކޫލްތަކުގައި އިތުރުވާ ޓީޗަރުން އެހެން ސްކޫލުތަކަށް ބަދަލުވުމަށް އެޑިއުކޭޝަން މިނިސްޓްރީން އެދެފި އެވެ. އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އާމާލް އަލީ ބުރާސްފަތި ވިދާޅުވީ އާބާދީ އަށް އަންނަ ބަދަލުތަކާ އެކު ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވަމުން އަންނަ ދަރިވަރުން މަދުވަމުންދާ ކަމަށާއި އެއާ ގުޅިގެން ބައެއް ސްކޫލުތަކުގައި ޓީޗަރުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އަދި އިތުރު ޓީޗަރުންތަކެއް ރާއްޖެ އަށް ގެނައުމުގެ ބަދަލުގައި އެ ޓީޗަރުން އެހެން ސްކޫލުތަކަށް ބަދަލުވުމަށް އާމާލް އެދިވަޑައިގަތެވެ. އޭނާ ވިދާޅުވި ގޮތުގައި ވޭތުވެ ދިޔަ ދެތިން އަހަރަށް ބަލާއިރު 200 ކުދިން ކިޔަވާ ސްކޫލުތަކުގެ އާބާދީ 140 އަށް ވެއްޓި، 400 ކުދިން އުޅޭ ސްކޫލުތައް 300 ކުދިންނަށް ވަނީ ދަށްވެފަ އެވެ. "މި މަދުވާ ދަރިވަރުންނާ އެކު އިތުރު ކްލާސްތަކެއް ވެސް މަދުވޭ. އަދި އެ ކްލާސްތަކަށް ކިޔަވައިދޭ ޓީޗަރުން ބާކީވޭ. އެހެން ކަމުން އެ ޓީޗަރު ވަޒީފާ އިން ވަކިވުމުގެ ބަދަލުގައި އަޅުގަނޑުމެން އެދެނީ އެހެން ސްކޫލަކަށް ބަދަލުވުން،" އާމާލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މާލޭގެ ބޮޑެތި ސްކޫލުތަކުގައި އަލަށް ގްރޭޑް އެކަކާއި އަށެއް އުފެއްދުމުން އެ ސްކޫލުތަކަށް ވެސް އިތުރު ޓީޗަރުން ބޭނުންވާ ކަމަށެވެ. "މިސާލަކަށް އިސްކަންދަރު ސްކޫލްގެ ގްރޭޑް އެކަކަށް ވަންނަ ކުދިންގެ އަދަދު މަދުވާއިރު އެ ގްރޭޑަށް ކިޔަވައިދޭ ޓީޗަރުން ބާކީވާއިރު މޫވްކުރެވިދާނެ އަމީނިއްޔާގައި އަލަށް އުފައްދާ ގްރޭޑް އެކަކަށް ކިޔަވައިދޭން. އަދި އަމީނިއްޔާގައި އިތުރުވާ ކެމިސްޓްރީ ޓީޗަރު މޫވް ކުރެވިދާނެ އިސްކަންދަރުގައި އަލަށް އުފެއްދި ގްރޭޑް އަށަކަށް. އޭރުން ޓީޗަރުން ބާކީވެ ނުވަތަ މަދުވެގެން އުޅޭކަށް ނުޖެހޭނެ،" އާމާލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަދުވާ އާބާދީއާ އެކު އިތުރުވާ ޓީޗަރުން އެހެން ސްކޫލުތަކަށް ބަދަލުވާ ނަމަ ގިނަ ބިދޭސީ ޓީޗަރުންތަކެއް ރާއްޖެ އެތެރެކުރަން ނުޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ