ޕީއެންސީ ދާއިރާތަކުގެ އިންތިޚާބު: ވޯޓުލުން ފަށައިގެން ކުރިއަށް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.
ޕީއެންސީގެ އޮފިޝަލަކު ޕީއެސްއެމް ނިއުސް އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ހެނދުނު 09:00 ޖެހިއިރު ކަނޑައެޅިފައިވާ ގޮތަށް ވޯޓުލުން ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި މި އިންތިޚާބަށް ވާންޖެހޭ އިދާރީ އިންތިޒާމްތައް ފުރިހަމައަށް ކުރިއަށް ގެންގޮސްފައިވާނެކަމަށް ފާހަގަކުރެއްވިއެވެ.
އެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 09:00 އިން ހަވީރު 04:00އަށެވެ. 04:00 ޖަހާއިރު ވޯޓުކިއު ބަންދުކުރާނެއެވެ. މާލެ ސަރަހައްދުގައި 5 ތަނެއްގައި ވޯޓުފޮށިތައް ބަހައްޓާފައިވެއެވެ. އަދި ރަށްރަށުގެ ވޯޓުލުން ކުރިއަށް ދާނީ ވޯޓުލުން ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ސަރަހައްދުތަކުގައެވެ. އެ އިންތިޚާބާއި ގުޅުން ހުރި އިޖުރާއީ އުސޫލާއި، ވޯޓުލާން ދާން ޖެހޭ ތަނުގެ މައުލޫމާތު އެ ޕާޓީގެ ވެބްސައިޓުން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
- އަމީނިއްޔާ ސްކޫލް: މި ވޯޓުފޮށްޓަށް ވޯޓުލެވޭނީ މާލޭ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ތިނަދޫ ސިޓީގެ ދާއިރާތަކަށް ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ ތެރެއިން މާލޭގައި ވޯޓުލާ މީހުންނަށް
- އިސްކަންދަރު ސްކޫލް: މި ވޯޓުފޮށްޓަށް ވޯޓުލެވޭނީ ސިޓީތައް ފިޔަވާ އަތޮޅުތަކުގެ ދާއިރާތަކަށް ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ ތެރެއިން މާލޭގައި ވޯޓުލާ މީހުންނަށް
- ހުޅުމާލެ ފޭސް 2، ކަމާލުދީދީ ޕްރީސްކޫލް: މި ވޯޓުފޮށްޓަށް ވޯޓުލެވޭނީ ހުޅުމާލެ އުތުރު ދާއިރާގެ މީހުންނަށް
- ހުޅުމާލެ ފޭސް 1، ރެހެންދި ސްކޫލް: މި ވޯޓުފޮށްޓަށް ވޯޓުލެވޭނީ ހުޅުމާލެ ދެކުނު ދާއިރާގެ މީހުންނަށް
- ވިލިމާލެ، މުހިއްޔުއްދީން ސްކޫލް: ވިލިމާލެ ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންނަށް
131 ރަށެއްގައި ކުރިއަށްދާ މި އިންތިޚާބުގައި 2500އެއްހާ ކެނޑިޑޭޓުން ވާދަކުރެއެވެ. ޕީއެންސީގެ ހިންގާ ޤަވާއިދުގައިވާ ގޮތުން ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައި ތިއްބެވި މެމްބަރުންނަކީ އެ ދާއިރާތަކުގެ ރައީސުންނެވެ. އެހެންކަމުން، ޕީއެންސީގެ ދާއިރާތަކުގެ ރައީސުން އިންތިޚާބުކުރާނީ އެ ޕާޓީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ނެތް ދާއިރާތަކުގައި އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ