ކަނޑުމަތީގައި ހިނގި އެކްސިޑެންޓު: މަޑުނުކޮށް ދިޔަ އުޅަނދު ހޯދަން ފުލުހުން އެހީއަށް އެދިއްޖެ

ކަނޑުމަތީގައި ލޯންޗަކާއި އެހެން އުޅަނދެއް ޖެހި ހިނގި އެކްސިޑެންޓަށްފަހު މަޑުނުކޮށް އެތަނުން ދިޔަ އުޅަނދު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ކަނޑުމަތީގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ލީޖަން 1 ނަމަކަށް ކިޔާ ލޯންޗެއް ބޮޑުތަކުރުފާނުމަގު އިއްޒުއްދީން ފާލަން ކައިރިއަށް ކައިރިކުރިކަމުގެ މައުލޫމާތު ފުލުހުން ލިބުނީ ބުރާސްފަތި ދުވަހުގެ ރޭ 21:16 ހާއިރުއެވެ.
ފުލުހުން ބުނި ގޮތުގައި، ކަނޑުމަތިން ދެ އުޅަނދު ޖެހި ހިނގި އެކްސިޑެންޓުގައި ހިމެނޭ އަނެއް އުޅަނދު ވަނީ އެކްސިޑެންޓަށް ފަހު މަޑުނުކޮށް ގޮސްފައެވެ. އަދި މިހާރު އެ އުޅަނދު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
އެ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަމްބަރު 9926094 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެެދިފައިވެއެވެ. އަދި އެފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ޝުކުރުއަދާކުރެއްވިއެވެ.
އެ އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާދިނުމަށް ފަސް މީހަކު އައިޖީއެމްއެޗްއަށް ގެންދިޔަ ކަމަށް ވެސް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީންނާއި ދިވެއްސެކެވެ.
ފުލުހުން ގެންދަނީ މި ހާދިސާ އިތުރަށް ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ