ވަޒީރުގެ އިލްތިމާސް: ޓިއުޝަންގެ ސަޤާފަތް ދޫކޮށް ކިޔެވުމަށް ޒިންމާވުން

ރާއްޖޭގައި އަށަގަނެފައި އޮތް ޓިއުޝަންގެ ސަޤާފަތް ދޫކޮށްލާ، މިހާރަށް ވުރެ ބޮޑަށް ދަރިވަރުންގެ އުނގެނުމަށް ދަރިވަރުން ޒިންމާވާންޖެހޭ ކަމަށް، ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ސީއެޗްއެސްސީ ހޯލުގައި ބޭއްވި އަރުތަވެރިންގެ އިނާމް 2025 ދިނުމުގެ ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅީގައި ވާހަކަފުޅުދައްކަވަމުން, ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ރާއްޖޭގައި ދަރިވަރުންނަށް އުނގަންނައިދިނުމަށް ޓިއުޝަނަށް ބަރޯސާވުމުގެ އާދަ އަށަގަނެފައިވާކަމަށެވެ. އަދި ބައެއް ދަރިވަރުން 4-6 ގަޑިއިރު ހޭދަކުރަނީ ޓިއުޝަންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މަދަރުސާއިން ބޭރުން ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭންވާނީ ސްކޫލްގައި އުނގެނުމުން ކުދިން ދުރުނުވާނެ ގޮތަކަށް ވިސްނައިގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އަމާޒަކަށް ވާންވާނީ ތަޢުލީމީ ނިޒާމްގެ ތެރެއިން ދަރިވަރުންނަށް ފޯރުކޮށްދޭ ތަޢުލީމަށް ބަރޯސާވެވޭ މިންވަރަށް އުނގަންނައިދިނުމުގެ ފެންވަރު ރަނގަޅުކުރުންކަމަށްވެސް ވަޒީރުވަނީ ވިދާޅުވެފައެވެ.
ހަމައެކަނި ޓިއުޝަނާއި އުނގެނުމުގައި ދަރިވަރުންގެ ވަގުތުތައް ނަގާލުމަކީ ދަރިވަރުންގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ފޯރާކަމެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ދަރިވަރުންގެ ވަގުތު މެނޭޖްކުރަން ދަސްކޮށްދިނުމާއި، ހިތްހަމަޖެހޭ ކަންކަމުގައި ވަގުތު ހޭދަކުރުމަކީ ދަރިވަރުންނަށް އެންމެ ރަނގަޅުގޮތްކަމަށް ދިރާސާތަކުގެ އަލީގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
"އެހާ ގިނަ ވަގުތު ގޭތެރެއިން ނެގޭކަމަށް ވާނަމަ. އޭގެ އަސަރު ދަރިވަރުންގެ ދުޅަހެޔޮކަމަށް ކުރާނެ. ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާނެ." ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
ދަރިވަރުންގެ އުނގެނުމަށް އަމިއްލައަށް ޒިންމާދާރުވުމަކީ ދަރިވަރުންނަށް އުނގެނުމުގެ އުކުޅުތައް ފަސޭހައިން ދަސްވުމުގެ އިތުރުން، އުނގެނުމުގައި ދަރިވަރުން ދެމިތިބުމަށް އެޅޭ ބާރެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ގްރޭޑް 1-12އިގެ ކިޔެވުމަށް މިހާރަށް ވުރެ ބޮޑަށް ޒިންމާވާން ޖެހޭ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ނޭޝަނަލް އެސެސްމެންޓް އޮފް ލަރނިން އައުޓްކަމްސްގެ ނަތީޖާތަކަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މިހާރު ހޯދާ ނަތީޖާއަށް ވުރެ ރަނގަޅު ނަތީޖާއެއް ހާސިލްކުރަން އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަދި ދަރިވަރުން ހޯދާ ނަތީޖާއާއި ދަރިވަރުން ކިޔެވުމަށް ބަަހައްޓާ ޝައުގުވެރިކަމާއި ގުޅިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ދަރިވަރުން ޝައުގުވެރިކަން އިތުރުކޮށް މިހާރަށް ވުރެ ބޮޑަށް ޒިންމާ ނަގާކަމުގައިވާނަމަ އެއީ އެކުދިންގެ ވިސްނުމާއި ފިލާވަޅު އުނގެނުމަށް ބޭނުންވާ އުކުޅުތައް ތަރައްޤީވާނެ." ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
މަތީ އަރުތަވެރިންގެ އެވާޑް 2025 ކުރިއަށް ދަނީ ދެ ދުވަހަށް ބަހާލައިގެންނެވެ. މިއަދު އިނާމްދިނުމުގެ 3 ދަންފަޅި އަދި މާދަމާ 2 ދަންފަޅިއަށް ބަހާލައިގެން އިނާމްދިނުން ކުރިއަށްގެންދަން ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ