ރިޔާސީ ލޯންޗްގައި ބޮން ގޮއްވާލި މީހުންނަށް އަވަހަށް އަދަބު ދިނުމަށް މައުމޫން ގޮވާލައްްވައިފި

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލި މައްސަލާގައި ހިމެނޭ މީހުން ހޯދައި އެ މީހުން ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކޮށް އެ މީހުންނަށް ހައްގު އަދަބު ދިނުން އަވަސްކުރަން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ގޮވާލައްވައިފި އެވެ. ރާއްޖޭގެ 47 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުވައި މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވީ ވެރިކަމުގައި ހުންނަވާ ބޭފުޅެއްގެ ފުރާނަފުޅަށް ގެއްލުންވާ ފަދަ ކަންކަން ކުރުމަކީ އިސްލާމް ދީނާއި ގާނޫނު އަސާސީގައި ވެސް ހުއްދަ ކުރާ ކަމެއް ނޫން ކަަމަށެވެ. އެފަދަ ކަމެއް ހިންގައިގެން ގައުމު ފަސާދަވުމަށް އެއްވެސް ރައްޔިތަކު ފުރުސަތު ދީގެން ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ ރައްޔިތުން އިންތިހާބުކުރާ ވެރިއަކާ މެދު ނުރުހޭ މަދު ބަޔަކު ތިބި ނަމަވެސް، ގިނަ ބަޔަކަށް ފެންނަ ގޮތަކަށް ނިންމާ ނިންމުމަށް އިހްތިރާމްކުރުމަކީ ޑިމޮކްރަސީގެ އަސާސް ކަމަށެވެ. "އެ ބޭފުޅަކަށް ވެރިކަމުގައި ހުންނަވައިގެން ގާނޫނީ އިމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގެ ފުރުސަތު ރައްޔިތުންގެ ފަރާތުން ލިބެން ޖެހޭނެ އެވެ،" މައުމޫން ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވެރިކަމުގައި ހުންނަވާ ބޭފުޅަކާ މެދު ހިތްހަމަނުޖެހޭ ނަމަ މަގާމުން ވަކިކުރާ ގޮތް ގާނޫނު އަސާސީގައި ލިއެފައިވެ އެވެ. އެގޮތަށް ލިއެފައި އޮތް ނަމަވެސް ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ފުރާނަފުޅަށް ނުރައްކާވާ ފަދަ ހަމަލާތައް ދީގެން ނަމަވެސް ވެރިކަން ފޭރިގަންނަން އެ މަނިކުފާނުގެ ދައުރުގައި އަދި މި ދައުރުގައި ވެސް މަސައްކަތް ކޮށްފައިވާ ކަން ބަޔާނުގައި މައުމޫން ފާހަގަކުރައްވާފައިވެ އެވެ. އަންނަ ހަފުތާގެ އަންގާރަ ދުވަހަކީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ދެ އަހަރު ފުރޭ މުނާސަބާކަން ފާހަގަކުރައްވައި ބަޔާން ނިންމާލެއްވީ ރައީސާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ