ފަސޭހަމާއެކު އޭވައިއެލް ބަލިކޮށް ޗެމްޕިއަން މާޒިޔާ ފައިނަލަށް

ބީ ފިފްޓީޓޫ އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި މިރޭ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަތުން 6-1 އިން މޮޅުވެ، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ. މެޗުގެ 11 ވަނަ މިނިޓުގައި މާޒިޔާ އަށް ލީޑު ހޯދައިދިނީ ބަލްގޭރިއާގެ ފޯވަޑް އިއާވޯ ބޮރިސޯފް އެވެ. އެކަމަކު މާޒިޔާ ސިއްސުވާލުމަށް ފަހު އޭވައިއެލް އިން 24 ވަނަ މިނިޓުގައި ނަތީޖާ އެއްވަރުކުރީ ހުސެއިން ސޮލާހު ޖެހި ލަނޑުންނެވެ. ދެވަނަ ހާފު ފެށިތާ މާގިނައިރުތަކެއް ނުވެ މާޒިޔާ އިން އަލުން ލީޑު ހޯދީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފަށް ކުޅެން ނިކުތް އަހުމަދު މުހައްމަދު (އައްމަޑޭ) ޖެހި ލަނޑުންނެވެ. މުހުތާރު ނަސީރު (ޓޫކިލޯ) ހުރަސްކޮށްލި ބޯޅަ އައްމަޑޭ ގޯލަށް އަމާޒުކޮށްލީ ބޮލުންނެވެ. މާޒިޔާ އިން ލީޑު ފުޅާކުރީ 69 ވަނަ މިނިޓުގައި އަހުމަދު ނާޝިދު (ނާއްޓޭ) ޖެހި ލަނޑުންނެވެ. އޭވައިއެލްގެ އޭރިޔާ ތެރެއިން ނާއްޓޭ ގޯލަށް ބޯޅަ އަމާޒުކޮށްލީ ބޮލުންނެވެ. މާޒިޔާ އިން ފައިނަލްގެ ޔަގީންކަން ބޮޑުކުރީ 70 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ކޯނަރަކުން ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) ބޮލުން ގޯލަށް އަމާޒުކޮށްލުމުންނެވެ. އަދި މެޗުގެ ބާކީ އޮތް 10 މިނިޓުގެ ތެރޭގައި ފޯވަޑް އަސަދުﷲ އަބްދުﷲ ވަނީ މާޒިޔާ އަށް އިތުރު ދެ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. މެޗަށް ފަހު ވާހަކަދައްކަމުން މާޒިޔާގެ ކޯޗު އިސްމާއިލް މަހެފޫޒް (އިންމަ) ބުނީ ނަތީޖާއަމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ދެވަނަ ހާފަށް ގެނައި ބަދަލުތައް ވަރަށް ރަނގަޅަށް މަސައްކަތްކުރި ކަމަށެވެ. "މިއީ ހިތްހަމަޖެހޭ ކަހަލަ ނަތީޖާއެއް އަދި މިއަދު ޕާފޯމަންސް ވެސް ވަރަށް ރަނގަޅު،" މިދިޔަ އަހަރުގެ އެފްއޭ ކަޕް މާޒިޔާ އަށް ކާމިޔާބުކޮށްދިން އިންމަ ބުންޏެވެ. "ނަތީޖާ ނުނިކުންނަންޏާ އެ ގެންނަން ޖެހޭ ބަދަލުތައް އަޅުގަނޑުމެން ގެންނާނަން. ދެވަނަ ހާފުގައި ކުރި ޗޭންޖްތައް ވަރަށް ރަނގަޅު. ލަނޑެއް ޖެހުނީމަ (އެ ޓީމު) ހިތްވަރުކުރާނެ. އެ ލަނޑަކީ އަޅުގަނޑުމެންނަށް މިރޭގެ މެޗުގައި ދޫކޮށްލެވުނު ހަމައެކަނި އެއްޗަކީ. އިތުރު އެއްޗެއް އަޅުގަނޑުމެން ދުލެއް ނުކޮށްލަން،" ާމާޒިޔާއާ ދެކޮޅަށް ފައިނަލްގައި ނުކުންނާނީ ދެވަނަ ސެމީގައި މާދަމާ ރޭ ނިއު ރޭޑިއަންޓާއި ކްލަބް އީގަލްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ. މެޗަށް ފަހު އޭވައިއެލްގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ މެޗަށް ރަނގަޅަށް ތައްޔާރުނުވެވުނު ކަމަށާއި ޓީމުގެ ފިޓްނަސް ދަށްކަން މެޗުގައި ފެނިގެން ހިނގައްޖެ ކަމަށެވެ. އެކަމަކު ކުޅުންތެރިން ކުރި މަސައްކަތާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. "ކުޅުންތެރިން ގައިގައި ހުރި އެއްޗެއް ނެރިގެން ފުރަތަމަ ހާފުގައި (މާޒިޔާ) ހިފެހެއްޓުނީ. މާޒިޔާ އިން ގައުމީ ޓީމުގެ ކުޅުންތެރިންނާއެކު ޕްރެކްޓިސްތަކެއްކޮށް އެމީހުން އެތިބީ ފިޓުކޮށް. އޭވައިއެލްގެ ގިނަ ކުދިން ފިޓެއް ނޫން. މި ބްރޭކަށް ފަހު ޓްރެއިނިންތައް ރަނގަޅަށް ނުކުރެވިގެން މިދިޔައީ. ފިޓްނަސް ލެވެލް ހުރި ވަރަށް އެއް ހާފު މި ހިފެހެއްޓުނީ. އެނގޭ މާޒިޔާ އިން ފަހުކޮޅުގައި ލަނޑު ޖަހާނެކަން ވެސް. އެކަމަކު ކުޅުންތެރިން ވަރަށް މަސައްކަތްކުރި،" ނާދު ބުންޏެވެ. ނާދު ބުނީ ދިވެހި ލީގުގެ ގަދަ ހަތަރުން ޖާގަ ހޯދި އޭވައިއެލްގެ ކުޅުންތެރިންނަށް މުސާރަ ނުދިނުމުން ކުޅުންތެރިން މާޔޫސްވެފައި ތިބި ނަމަވެސް، ދަނޑުމަތީގައި އެ މައްސަލަ އޮތްކަން ކުޅުންތެރިންގެ ފަރާތުން އެއްގޮތަކަށް ވެސް ނުފެންނަ ކަމަށެވެ. "މި ކުޅުންތެރިންނަކީ މެޗަށް ނުކުތުމަށް ފަހު ވަރަށް އާދަޔާ ހިލާފު ކުޅުންތެރިންތަކެއް. މެޗަށް ނުކުތުމަށް ފަހު ކުޅުންތެރިން ވަރަށް ރަނގަޅަށް މެޗަށް ސަމާލުކަން ދޭން މުސާރައިގެ ކަންތައްތައް އެއްކައިރިކޮށްލުމަށް ފަހު،" ނާދު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ