ފްލެޓަކީ ހައްލެއް ނޫން، ހައްލަކީ ގޯތި: އުމަރު
ގެދޮރުވެރިކަމަށް ބޭނުންވެފައިވާ ރައްޔިތުންނަށް ފްލެޓް ދިނުމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް އޮތް ހައްލެއް ނޫންކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އުމަރު އިސްކޮށް ހިންގަވާ "ދިވެހި ގައުމީ ހަރަކާތް" (ޑީއެންއޭ) އިން ކުރިއަށް ގެންދިޔަ ފޯރަމެއްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ކޮންމެ ސަރުކާރަކުންވެސް މައިގަނޑުގޮތެއްގައި އަމާޒު ހިފާފައި ހުންނަނީ ފްލެޓުތަކަށް ރައްޔިތުން ވެއްދުމުގެ ވިސްނުމެއްގައިކަމަށެވެ. "އެއީ އަޅުގަނޑު ދެކޭ ގޮތުގައި ރަނގަޅު ވިސްނުމެއް ނޫން. އަލުން އެކަމާ ދޭތެރޭ ވިސްނަން ޖެހޭނެ. އަޅުގަނޑުމެންގެ ދަރިން އުސް އިމާރާތެއްގެ ކޮޓަރި ތަކަކަށް ވައްދައިގެން ދިރިއުޅުން އެތާ ހޭދަކޮށްލުމުގެ ހިޔާލު ހުންނަންޏާ އެއީ ވަރަށް ދެރަކަމެއް،" އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ކޮންމެ ސަރުކާރެއްގެވެސް ވިސްނުން ހުންނަންވާނީ ގޯތި ގެދޮރު ދިނުމަށް ކަމަށެވެ. އަދި ފަޅުތައް ހިއްކައިގެން ގޯތި ދިނުމުގެ މަސައްކަތް ކުރަންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. "މާލޭ ސަރަހައްދުން ވެސް ގިރާވަރު ފަޅާއި، ގުޅީ ފަޅާއި، އަދި ގަލު ފަޅާއި، މި ތަންތަން ހިއްކަައިގެން އަދި ހުޅުމާލެއިންވެސް ގޯތި ދިނުމުގެ ވިސްނުމެއް އަޅުގަނޑުމެން ގެންގުޅޭކަމަށްވަންޏާ، ގާތްގަނޑަކަށް ފަނަރަވަަކަށް ހާސް ގޯތި ދޫކުރެވިދާނެ،" އުމަރު ވިދާޅުވިއެވެ. އަދި ގޯތި ދޫކުރަންވާނީ ސަރުކާރުން ކުރި ހަރަދު އަނބުރާ ލިބޭގޮތަށް ރައްޔިތުންނަށް ވެސް ފަސޭހަވާނެ ގޮތަކަށްކަމަށާއި ވިޔަފާރި އުސޫލުން ވިއްކައިގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދިވެހި ކޮންމެ ރައްޔިތެއްގެ އަތުގައި ބިމެއް އޮންނަންވާނެކަމަށްވެސް ވިދާޅުވިއެވެ. އުމަރު އިތުރަށް ވިދާޅުވީ ކޮންމެ ފަހަރަކު ގޯތި ނުވަތަ ބިމަކީ ހިލޭ ވަކިބަޔަކަށް ދޭން ޖެހޭ އެއްޗެއްގެ ގޮތުގައިވެސް އޭނާ ގަބޫލު ނުކުރައްވާކަމަށެވެ. ނަމަވެސް އާންމު ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބިން ގަނެވޭ ގޮތަށް އަގުތައް ތިރިކޮށްފައި ބަހައްޓާނަމަ ކޮންމެ ރައްޔިތަކަށްވެސް އެކަންކުރުމަށް ފަސޭހަވެގެން ދާނެކަމަށް އުމަރު ވިދާޅުވިއެވެ. "އަގު ދަށް ކުރީމާވެސް އުޅޭނެ ބިން ނުގަނެވޭ މީހުން. އެމީހުންނަށް ސަރުކާރުން ޖެހޭނެ ބިމެއް ހޯދޭނެ ގޮތުގެ މަގު ފަހިކޮށްދޭން،" އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ