މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުކުރި ހުނޫ ކޯޓުން ދޫކޮށްލައިފި

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ އުފުލާފައިވާ، ފިލްމީ ތަރި ހުނޭސާ އާދަމް ނަސީރު ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފިއެވެ. އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ބަންދު މުރާޖައާ ކުރުމުގެ އަޑުއެހުމުގައި އޭނާ ދޫކޮށްލުމަށް ކޯޓުން ނިންމީ، ފެނުނު މަސްތުވާތަކެއްޗާ އޭނާއާ ގުޅުވޭނެ ހެއްކެއް ނެތުމުންނެވެ. އެގޮތުން، މަސްތުވާތަކެތި ފެނުނު ތަނަކީ އޭނާ ދިރިއުޅޭ ތަނަށް ނުވުމާއި، ފެނުނު ތަކެތީގެ ޒިންމާ އެހެން މީހަކު ފެށުނީއްސުރެ ނަގާފައިވާކަން ކޯޓުން ވަނީ ފާހަގަކޮށްފައެވެ. އަދި، އެ ތަކެއްޗާ ހުނޭސާއާ ގުޅުވޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަން ވެސް ކޯޓުން ފާހަގަ ކޮށްފައިވެއެވެ. އޭނާގެ މައްޗަށް އެ ދައުވާ އުފުލީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު އޭނަ އާއި އޭނާގެ ލޯބިވެރިޔާ މާލޭގައި ތިބި ގެއަކުން މަސްތުވާތަކެތި ފެނުނު މައްސަލާގައެވެ. ހުނޫގެ މައްޗަށް އުފުލާފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ދައުވާއެވެ. މިހާތަނަށް އޭނާ ހުރީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އެ މައްސަލައިގައި ހުނޫގެ ލޯބިވެރިޔާއާއި އިތުރު އެހެން މީހަކަށް ވެސް ދައުވާކޮށްފައިވެއެވެ. ހުނޫއަކީ ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ މީހެކެވެ. އިންސްޓަގްރާމްގައި އޭނާގެ 25،000އަށް ވުރެ ގިނަ ފޮލޯވަރުން ތިބެއެވެ. ޑާކްރެއިންގެ ގިނަ ފިލްމުތަކުން ފެނިފައިވާ ހުނޫ ހައްޔަރުކުރިއިރު ވެސް އޭނާ ދިޔައީ ބައެއް ފިލްމުތަކުގެ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ