މިފަހަރު ދެއްވާ ވޯޓު ސިޔާސީ ވޯޓަކަށް ނުހައްދަވައި ޤައުމީ ވޯޓަކަށް ހައްދަވާ: އަބްދުއްރަހީމް އަބްދުﷲ

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން އަޅާ ވޯޓަކީ ސިޔާސީ ވޯޓަކަށް ނަހައްދަވައި ޤައުމީ ވޯޓަކަށް ހެއްދެވުމަށް ޕީޕީއެމްގެ ނައިބުރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. ރައީސުލް ޖުމްހޫރިއްޔާއާއި އެމަނިކުފާނާއެކު އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ބައިވެރިއާއަށް ޕީޕީއެމްގެ ޓިކެޓް ހަވާލުކުރެއްވުމަށް ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ ރާއްޖެއަށް ދިމާވި އެތަކެއް ގޮންޖެހުންތަކަކާއި ރައީސް ޔާމީންވަނީ ކެރިގެން ކުރިމަތިލާފައިކަމަށާއި މާތްވެގެންވާ އިސްލާމްދިން ހިމާޔަތްކުރެއްވުމަށް އެމަނިކުފާނު ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައިކަމަށެވެ. އަދި މިކަންތައްތަކުގެ ސަބަބުން އެމަނިކުފާނަކަކީ ޤައުމުދެކެ ލޯބިވާ، ޤައުމަށްޓަކާ މަސައްކަތް ކުރައްވާ ވެރިއެއްކަން ހާމަވެގެންދާކަމަށެވެ. އެހެންކަމުން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ވޯޓުލާއިރު ބަލަންވީ ޤައުމީ ވޯޓަކަށް އެ ވޯޓު ހެއްދެވޭތޯކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.އަބްދުއްރަހީމް އިތުރަށް ވިދާޅުވީ މި އަހަރު ރިޔާސީ އިންތިޚާބުގައި އިތުރު ބަޔަކު ތަޖުރިބާކުރަން ހެދުމުގެ ބަދަލުގައި ކައިރި މުސްތަގުބަލުގައި ފެނިގެންދިޔަ ތަޖުރިބާއަށް ވިސްނައި އޭގެ އަލީގައި ރާއްޖޭގެ ކުރިމަގު ބައްޓަން މަސައްކަތްކުރަން ޖެހޭކަމަށެވެ. އަދި ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ މުސްތަޝާރު ރައީސް ޔާމީންއަށް އަރުވަން ނިންމީ އެމަނިކުފާނަކީ ދިމާވާ ދަތިތަކާއި ކުރިމަތިލައި ތަރައްޤީ ގެނުވުމުގައި ލާމަސީލު މީހަކަށްވާތީކަމަށްވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ. ރައީސް ޔާމީންއާއި އެމަނިކުފާނުގެ އިންތިޚާބީ ބައިވެރިއާއަށް ޕީޕީއެމްގެ ޓިކެޓް ދެއްވާފައިވަނީ އެ ޕާޓީގެ ހުރިހާ މެމްބަރުންގެ އަޢުލަބިއްޔަތުންނެވެ. ރިޔާސީ ޓިކެޓް ހަވާލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ޑރ. ޝަހީމްގެ ދެކަނބަލުންގެ އިތުރުން ޕީޕީއެމްގެ ގިނަ މެމްބަރުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ