ރައީސް ނަޝީދު ކުރެއްވި ތުހުމަތުތައް ތަހްޤީޤު ކުރާނަން - އުމަރު

މާލޭގެ މައި މަގު، މަޖީދީ މަގުގައި އިންދާފއި ހުރި ފެންފޯއް ރުއްތައް ކަނޑާލުމަކީ ފުލުހުންތަކެއް އަޑީގައި ތިބެގެން ކުރި ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތުކުރައްވާފައިވާ ތުހުމަތުތައް ތަހްޤީޤު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ.
ފެންފޯއް ރުއްތައް ކަނޑާލީ ފުލުހުންތަކެއް އަޑީގައި ތިބެގެން ކަމަށް ރައީސް ނަޝީދު ވަނީ އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވިދާޅުވެފައެވެ. އަދި މިކަމުގެ ހެކީގެ ގޮތުގައި، ވަކިވަކި ފުލުހުންގެ ނަންތަކާއި ސާރވިސް ނަމްބަރުތަކެއް ރައީސް ނަޝީދު ވަނީ މިއަދު މާލެ ސިޓީ ކައުންސިލާއި އަދި މީޑިޔާގައި ވެސް ހިއްސާ ކޮށްފައެވެ.
ހޯމް މިނިސްޓަރ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރައީސް ނަޝީދު ކުރައްވާފައިވާ ތުހުމަތުތައް ބަލަމުން ގެންދާނެ ކަމަށެވެ.
އަދި، މިއީ ފުލުހުން ކުރި ކަމެއްތޯ ބެލުމަށާއި، މިކަން ފުލުހުންނަށް ނުހުއްޓުވުނު ސަބަބު ދެނެގަތުމަށްޓަކައި، ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން މި މައްސަލަ ތަހްޤީޤު ކުރުމަށް އިއްޔެ އެ ކޮމިޝަނުގައި ދަންނަވާފައި ވާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
"މިކަމުގައި ފުލުހުންގެ ކުށެއް ވާ ނަމަ ސަރުކާރުން އެ ކުށެއް ފޮރުވާކަށް މަސައްކަތެއް ނުކުރާނަަން،" އުމަރު ވިދާޅުވިއެވެ.
އުމަރު މިއަދު ކުރެއްވި ދެވަނަ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގެ ތަހްޤީޤަށް އެއްބާރުލުން ދިނުމަށް ފުލުހުންގެ ހުރިހާ އިސްވެރިންނަށް މިހާރު އަންގާފައި ވާނެ ކަމަށާއި، ފުލުހުންނާއި އަސްކަރިއްޔާއިން ޤާނޫނާ ޚިލާފު ކަންކަން ކުރުމަށް މި ސަރުކާރުން އަމުރު ނުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ