ޕެރިސް (ޖޫން 7) - ރަޝިއާގެ އުމުރުން 19 އަހަރުގެ ކުޅުންތެރިޔާ، މިރާ އަންޑްރީވާ، ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް، ފްރެންޗް އޯޕަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައި ތާރީހުން ޖާގަ ހޯދައިފި އެވެ.
އޭނާ އަކީ ފާއިތުވި 33 އަހަރު ތެރޭ މި މުބާރާތް ކާމިޔާބުކުރި އެންމެ އުމުރުން ހަގު އަންހެން ކުޅުންތެރިޔާ އެވެ. އެންމެ ފަހުން، ފްރެންޗް އޯޕަން ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިއަކީ، 1992 ވަނަ އަހަރުގެ މުބާރާތުގައި ޗެމްޕިއަންކަން ހޯދި މޮނިކާ ސެލެސް އެވެ. މޮނިކާ ވަނީ 16 އަހަރުގައި ފްރެންޗް އޯޕަން ކާމިޔާބުކޮށްފަ އެވެ. ޖެހިޖެހިގެން ތިން ވަނަ ތަށި 1992 ވަނަ އަހަރު ހޯދިއިރު، އޭނާގެ އުމުރަކީ 18 އަހަރެވެ.
މި ފަހަރުގެ ފްރެންޗް އޯޕަން އަށް އަށް ވަނަ ސީޑުގައި އައި އަންޑްރީވާ ފައިނަލުގަައި ނުކުތީ ކޮލިފައިން ބުރުން ފެށިގެން ފައިނަލާ ހަމައަށް ދަތުރުކުރި ޕޮލެންޑުގެ މާޖާ ޝްވަލިންސްކާއާ ދެކޮޅަށެވެ. ފައިނަލް މެޗުން އަންޑްރީވާ މޮޅުވީ، 6-3، 6-2 އިން ސެޓުތައް ގެންގޮސްގެންނެވެ. މިއީ، ޓެނިހުގެ އެންމެ ބޮޑު މުބާރާތްތަައް ކަމަށްވާ، ގްރޭންޑް ސްލޭމް ހަތަރު މުބާރާތުގެ ތެރެއިން މުބާރާތެއްގެ ޗެމްޕިއަންކަން އަންޑްރީވާ އަށް ލިބުނު ފުރަތަމަ ފަހަރެވެ.
އެއް ގަޑިއިރާއި 22 މިނިޓް ވަންދެން ދިގުދެމިގެންދިޔަ މި މެޗަށްް ފަހު ހޯދުނު ކާމިޔާބީއާ މެދު ފަހުރުވެރިވާ ކަމަށް އަންޑްރީވާ ވަނީ ބުނެފަ އެވެ.
"އަހަރެން ވަރަށް ކުޑައިރުއްސުރެން ރޯލަންޑް ގަަރޯސް (ފްރެންޗް އޯޕަން) ބަލަން. ދެން، އަބަދުވެސް ހުވަފެނަކަށްވެފައި އޮތީ މި މުބާރާތް ކާމިޔާބުކުރުން. މިއީ، އެކަން ހަގީގަތަކަށް ވީ ދުވަސް،" އަންޑްރީވާ ބުންޏެވެ.
އަންޑްރީވާގެ ކޯޗަކީ، ކޮންޗީޓާ މާޓިނޭޒް އެވެ. އޭނާ އަކީ ވެސް މީގެ ކުރިން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއްގެ ޗެމްޕިއަނެކެވެ. އެ ގޮތުން، އޭނާ ވަނީ 1994 ވަނަ އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ޗެމްޕިއަންްކަން ހޯދައިފަ އެވެ. ފަނަރަހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފައިނަލުގައި އަންޑްރީވާ އަށް ޕްރެޝަރު ވަގުތުތަކުގައި ކެތްތެރިކަމާ އެކު ހަމަޖެހިލައިގެން، ކޮންފިޑެންސާ އެކު ކުޅެން އިރުޝާދުދިނުމުގައި، ކޮންޗީޓާ ވަނީ ތަފާތު ދައްކައިފަ އެވެ.
ފްރެންޗް އޯޕަންގެ ތަށްޓަކީ. އަންޑްރީވާގެ ކެރިއަރު ދެން އޮތް ލެވަލަށް ގެންގޮސް އިތުރަށް މަަސައްކަތްކޮށްގެން ކުރިއަށްދާން ހުޅުވިގެންދިޔަ ދޮރެއް ކަމަށް އޭނާ ގަބޫލުކުރެ އެެވެ.
ސައިބީރިއާ އަށް އުފަން އަންޑްރީވާ ޓެނިހުގެ ޕްރޮފެޝަނަލް ލެވަލާ ހަމައަށް އައުމަށް ޓްރެއިނިންތައް ފުރިހަަމަކުރީ ފްރާންސްގަ އެވެ. އޭނާ ވަނީ 2024 ވަނަ އަހަރުގެ ފްރެންޗް އޯޕަންގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އަދި، އޭގެ ދެ އަހަރު ފަހުން މި ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ.
އަންޑްރީވާ: 34 އަހަރު ތެރޭ ފެނުނު ފްރެންޗް އޯޕަންގެ އެންމެ ހަގު އަންހެން ޗެމްޕިއަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ