އެމްއޭސީއެލްގެ ހަރަދުތައް ކުޑަކުރާނީ މުވައްޒަފުންނަށްް ގެއްލުން ނުވާ ގޮތަށް: އާދިލް

ސިންގަޕޫރުގެ އާބިޓްރޭޝަނުން ޖީއެމްއާރަށް 271 މިލިއަން ޑޮލަރު ދައްކަން ކުރި އަމުރާ ގުޅިގެން އެ ފައިސާ އެއްފަހަރާ ދެއްކުމުގެ ސަބަބުން އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ހިންގުމުގެ ހަރަދު ކުޑަކުރުމަށް ނިންމާފައިވީ ނަމަވެސް އެމްއޭސީއެލްގެ އެއްވެސް މުވައްޒަފަކަށް އެކަމުގެ ނޭދެވޭ އަސަރެއް ނުކުރާނޭ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
އެމްއެމްސީއެލް އިން މިހެން ބުނީ އެކުންފުނީގެ ފާހަގަކޮށްލެވޭ މުވައްޒަފުންނަށް ދޭ "އެމްޑީ އެވޯޑު" ދިނުމަށް ރޭ އެއާޕޯޓުގެ ފިއުލް ޖެޓީ ސަރަހައްދުގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ.
އާދިލް ވިދާޅުވީ ޖީއެމްއާރަށް ދައްކަން ޖެހޭ 271 މިލިއަން ޑޮލަރު ނުވަތަ 4.17 ބިލިއަން ރުފިޔާ އެއްފަހަރާ ދެއްކުމަކީ ކުންފުނި ހިންގުމަށް ގޮންޖެހުންތަކަކާއި ބުރަތަކެއް ހުރި ކަމަކަށްވީނަމަވެސް އެމްއޭސީއެލްގައި މަސއްކަތް ކުރާ އެއްވެސް މުވައްޒަފެއްގެ މުސާރައާއި އިނާޔަތްތަކަށް އެކަމުގެ އަސަރެއް ނުކުރާނެ ކަމަށެވެ.
އިންޑިއާގެ ޖީއެމްއާރް ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކުރުމުން ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދިވެހި ސަރުކާރުން އެކުންފުންޏަށް ދައްކަންޖެހޭ 271 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 4.17 ބިލިއަން ރުފިޔާ އެކުގައި ދައްކާ ހަލާސްކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.
ޖީއެމްއާރަށް ފައިސާ ދެއްކީ އައިއެންއައިއޭ ހިންގާ އެމްއޭސީއެލްގައި ރައްކާކޮށްފައި ހުރި ފައިސާ އިންނާއި މިފައިސާ ދެއްކުމަށް އެހެން ފަރާތަކަށް އަނބުރާ ފައިސާ ދައްކާގޮތަށް އެމްއޭސީއެލް އިން ހޯދި ފަައިސާ އިން ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. އަދި ޖީއެމްއާރަށް ފައިސާ ދިނީ ދައުލަތުގެ ބަޖެޓުން ނޫން ކަަމަށާއި، މިފައިސާ ވީހާވެސް އަވަހަށް ދެއްކީ ފައިސާ ނުދައްކާ ލަސްވާ ކޮންމެ ދުވަހަކަށް ޖީއެމްއާރުން ނަގާފައިވާ ލޯނަށް އެތައްހާސް ޑޮލަރުން އިންޓަރެސްޓް އަރާނެތީ ކަމަށްވެސް ސަރުކާރުން ބުނެ އެވެ. ޖީއެމްއާރަށް ދިވެހި ސަރުކާރުން ދޭން ޖެހޭ ބަދަލު ދިން ގޮތުގެ ތަފްސީލްތައް ރައްޔިތުންގެ މަޖިލީހާއި ހިއްސާކުރާނެ ކަަމަށްވެސް ސަރުކާރުން ބުނެފައިވެ އެވެ.
އާދިލް ވިދާޅުވީ ޖީއެމްއާރަށް ފައިސާ ދެއްކީ އެމްއޭސީއެލްގެ ރިޒާވުން 131 މިލިއަން ޑޮލަރު ނުވަތަ ދެ ބިލިއަން ރުފިޔާ ނަގައިގެން ކަމަށެވެ. އެ ވަރުގެ ބޮޮޑު ހަރަދެއް އެއްފަހަރާ ކުރަންޖެހުމުގެ ސަބަބުން އެ ކުންފުންޏަށް ގޮންޖެހުން ތަކަކާ ކުރިމަތި ލާން ޖެހޭނެ ކަމަށާއި އެހެން ކަމުން ހަރަދު ކުޑަކުރަން ފިޔަަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް ވިދާޅުވީ އެވަރުގެ ބޮޑު އަދަދެއް އެމްއޭސީއެލްގެ އެކައުންޓުން ދެއްކުމުން ކުންފުނީގެ ހައިބަތު ވަރަށް ރަނގަޅަށް އެނގިގެންދާ ކަމަށެވެ. އަދި އެވަރުގެ އަދަދެއް އެއް ފަހަރާ ދައްކާލުމަކީ ކުންފުންފުންޏަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަހުރެއް ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުންފުނީގެ ހަރަދުތައް ކުޑަކުރަން ހަރުދަނާ އުސޫލެއް ކަނޑައަޅަން ނިންމާފައިވީނަމަވެސް އައިއެންއައިއޭ ތަރައްގީކުރުމަށް ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫއަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމަށެވެ. އަދި މި މަޝްރޫއަށް ބޭރުން ފައިސާ ހޯދަން އެމްއޭސީއެލް އިން 15 ޕަސެންޓް އިކުއިޓީގެ ގޮތުުުގައި ބަހައްޓާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އެމްއޭސީއެލް އިން ޖީއެމްއާރަށް ފައިސާ ދެއްކީ ތިން އަހަރުން އަނބުރާ ދައްކައި ހަލާސްކުރާ ގޮތަށް 4.9 ޕަސެންޓުގެ އިންޓަރެސްޓް ރޭޓެއްގައި ދައުލަތުގެ ރިޒާވުން 140 މިލިއަން ޑޮލަރު ނުވަތަ 2.1 ބިލިއަން ރުފިޔާގެ ބޮންޑެއް ދައުލަތުގެ ރިޒާވުން ހަރަދުކޮށްގެން ގަނެގެންނެވެ.
އައިއެންއައިއޭ ހިންގުމަށް އިންޑިއާގެ ޖީއެމްއާރް ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކުރުމުން ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދިވެހި ސަރުކާރުން ޖީއެމްއާރްއަށް 271 މިލިއަން ޑޮލަރު ދެއްކުމަށް މިމައްސަލަ ބެލި ސިންގަޕޫރުގެ އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން އަމުރުކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ނެރުނު އަމުރުގަ އެވެ. ލޯޑް ލިއޮނާޑް ކޮފްމަން ރިޔާސަތު ބެލެހެއްޓެވި މިމައްސަލަ ބެއްލެވި ޓްރައިބިއުނަލްގައި ތިއްބެވީ ސިންގަޕޫރުގެ ޕްރޮފެސަރެއް ކަމުގައިވާ ސޯނަ ރާޖާއާއި އިނގިރޭސިވިލާތުގެ ލޯޑް ފިލިޕްސް އެވެ.
އައިއެންއައިއޭއާ ޖީއެމްއާރުން ހަވާލުވީ 28 ޖޫން 2010 ގައެވެ. މިއެއްބަސްވުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ބާތިލްކުރީ ޖީއެމްއާރާއި ދެކޮޅަށް ދިވެހިން ކުރި އިހުތިޖާޖުތަކަށް ފަހު 27 ނޮވެމްބަރު 2012 ގައެވެ. އަލުން އެއާޕޯޓާ ދިވެހި ސަރުކާރުގެ ފަރާތުން މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) އިން ހަވާލުވީ 7 ޑިސެމްބަރު 2012 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ