ނޫސްވެރިންނަށް ދަތިވާ ގޮތަށް ސަރުކާރުން ހިންގާ އަމަލުތައް ހުއްޓާލުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

ސަރުކާރުގެ ތެރެއިން ނޫސްވެރިންނާއި މިޑީއާއަށް ކުރިމަތިކުރުވަމުންދާ ގޮންޖެހުންތައް ވަގުތުން ހުއްޓާލައި، މިނިވަންކަމާއެކު ނޫސްވެރިންނަށް ހަރަކާތްތެރިވެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ފެކްޝަނުން ސަރުކާރަށް ގޮވާލައިފި އެވެ.
ރައީސް މައުމޫންގެ ފެކްޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިނިވަން ނޫސްވެރިކަމަކަށް ފުރުސަތު ދިނުމަކީ ސަރުކާރު ޒިންމާދާރުކުރުވައި، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ބާރު އެޅުމުގައި އެންމެ މުހިއްމު އެއް އަސާސް ކަމަށެވެ. ނަމަވެސް ސަރުކާރުން މިނިވަން ނޫސްވެރިކަމަށް ތަފާތު އެކި ހުރަސްތައް ކުރިމަތިކުރުވާފައިވާ ކަމަށާއި އަދި މިހާރު ވެސް އެކި ގޮތްގޮތުން ނޫސްވެރިންނާއި މީޑިއާއަށް ތަފާތު އެކި ގޮންޖެހުންތައް ކުރިމަތިކުރުވަމުންދާ ކަމަށެވެ.
"މިނިވަން ނޫސްވެރިކަމަށް ކުރިމަތިކުރުވަމުންދާ ހުރަސްތަކާ ގުޅިގެން މި ޕާޓީގެ މެންބަރުން އިންތިހާ އަށް ކަންބޮޑުވެއެވެ،" ބަޔާނުގައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 27 ވަަނަ މާއްދާއާއި 28 ވަނަ މާއްދާގައި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވަނިކޮށް ހިޔާލުފާޅުކުރުމާއި އަބުރު ރައްކާތެރިކޮށްދިނުމުގެ ގާނޫނެއް ފާސްކޮށް ގާނޫނު އަސާސީގެ ބާރު ހަނިކުރުމަށް މަސައްކަތް ކުރަމުންދާތީ ޕީޕީއެމްގެ މެންބަރުން އެންމެ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކުރާ ކަމަށެވެ. އަދި އަބުރާ ބެހުމުގެ ނަމުގައި ބޮޑެތި އަދަބުތަކެއް ދިނުމުގެ ބާރު ލިބޭ ގޮތަށް ގާނޫނެއް ވުޖޫދުކުރީ ވަކިބަޔަކު ހިންގަމުންދާ ހިޔާނާތާއި ފަސާދައިގެ އަމަލުތައް ފޮރުވައި ނޫސްވެރިކަމުގެ އަޑު ކަނޑުވާލުމަށް ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ބުނެފައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ އަށް ވީނުވީއެއް ނޭނގި ގެއްލުނުތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އޭނާ އަށް ވީނުވީއެއް ހޯދުމަށް މަސައްކަތް ކުރަންޖެހޭ ވަރަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ޕީޕީއެމްގެ މެންބަރުންނަށް ގަބޫލުނުކުރެވޭ ކަމަށެވެ. ރިލްވާން ވަގަށް ނެގީ ކަމަށް ފުލުހުން ބުނާއިރު ތަހުގީގު އިތުރަށް ހަރުދަނާކޮށް އެއަމަލު ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ވީހާވެސް އަވަހަށް ދިނުމަށްވެސް ބަޔާނުގައި ވަނީ ގޮވާލާފަ އެވެ. އަދި ނޫސްވެރިންނަށް ތަފާތު އެކި ފަހަރުމަތިން ހަމަލާތައް އަމާޒުކޮށް، ބިރުދައްކާފައިވާއިރު، ނޫސްވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި ދައުވާކޮށް ޖަލަށް ލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ބަޔާނުގއިވެ އެވެ.
"މުހައްމަދު ވިސާމާއި، ލީވާން އަލީ ނަސީރު އަދި އާދަމް ޒަރީރު ހައްޔަރުކޮށްފައިވަނީ ނޫސްވެރިންގެ ހައިސިއްޔަތުން ނޫސްވެރިކަމުގެ ޒިންމާ އަދާކުރަމުން ދަނިކޮށް، ބްރޯޑްކާސްޓިން ކޮމިޝަނުން ނޫސްވެރިންނަށް ދޫކޮށްފައިވާ ފާސް އަޅައިގެން ތިއްބާކަން ފާހަގަކުރަމެވެ. ހިޔާލުފާޅުކުރުމާއި އަބުރު ރައްކާތެރިކޮށްދިނުމުގެ ގާނޫނުގެ ދަށުން 'މިހާރު' ނޫހުގެ ނޫސްވެރިޔާ ފަޒީނާ އަހްމަދުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންދާތީ ކަންބޮޑުވުން ފާޅުކުރަމެވެ. މީހަކު ބުނި އެއްޗެއް އެ ބުނި ގޮތަކަށް ރިޕޯޓު ކުރުމުން ނޫސްވެރިޔާ އަށާއި އެ މީޑީއާއަކަށް އަދަބު ލިބެންޖެހޭ ކަމަކަށް ނުދެކެމެވެ. އެހެންކަމުން މި ނޫސްވެރިންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލަމެވެ.،" ބައެއް ނޫސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން ބަޔާނުގައިވެ އެވެ.
މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ނޫސްވެރިކަމަށް އަނދިރި ދުވަސްތަކެއް ކުރިމަތިވެފައިވާތީ ހުރިހާ ދިވެހި ރައްޔިތުންނާއި ޕީޕީއެމްގެ މެންބަރުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ތެރެއިން ނޫސްވެރިންނާއި މިޑީއާއަށް ކުރިމަތިކުރުވަމުންދާ ގޮންޖެހުންތައް ވަގުތުން ހުއްޓާލައި، މިނިވަންކަމާއެކު ނޫސްވެރިންނަށް ހަރަކާތްތެރިވެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި ނޫސްވެރިންނަށް ދީފައިވާ ހަމަލާތަކާއި އިންޒާރުތައް ތަހުގީގުކޮށް އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނެއުމަށް ދިވެހި ދައުލަތުގެ އެންމެހާ ބާރުތަކަށް ވެސް މިބަޔާނުގައި ވަނީ ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ