ނަޝީދުގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ބިރުދައްކާތީ އެކަން ކުށްވެރިކޮށްފި

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވާ ސަޕޯޓަރުންނަށް ސަރުކާރުން އަމާޒުކޮށް ހަރުކަށިި ފިޔަވަޅު އަޅަމުންދާ ކަމަށް ބުނެ، އެކަން އެމަނިކުފާނުގެ ކެމްޕޭން ޓީމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ކެމްޕޭން ތަރުޖަމާނު އަބްދުﷲ ވަހީދު ނެރުއްވި ބަޔާނުގައި ބުނެފައިވަނީ، ރައީސް ނަޝީދު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ދާ މީހުންނާއި، ކެމްޕޭންގެ އެކި ހަރަކާތްތަކުގައި ބައިވެރިވާ މީހުންނަށް ވަޒީފާގެ ބިރުދައްކަމުންދާ ކަމަށެވެ. މީގެ ތެރޭގައި ސަސްޕެންޑް ކުރުމާއި، ވަޒީފާއިން ވަކިކުރުމާއި، އަދިވެސް އެކި ކަހަލަ ފިއްތުންތައް ކުރިމަތިކުރުވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވިޔަސް ސިވިލް ސާވިސްގެ މުވައްޒަފުންނަށް ވިޔަސް، ބިރުވެރިކަމެއް ނެތި ސުލްހަވެރި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ގާނޫނީ ހައްގު ލިބިގެންވާކަން ފާހަގަކުރައްވައި، މިފަދަ އަމަލުތައް ވަގުތުން ހުއްޓާލަން އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ. ރައީސް ނަޝީދަކީ ގައުމަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅަކަށްވާއިރު، އެމަނިކުފާނާ ބައްދަލުކޮށް ސަލާމްކުރުމުން މީހުންނަށް އަދަބު ދިނުމަކީ ރައްޔިތުންގެ އަސާސީ ސިޔާސީ ހައްގުތަކަށް އަރައިގަތުން ކަމަށްވެސް ވަނީ ފާހަގަކޮއްފައެވެ.
މީގެ އިތުރުން، އާންމު ރައްޔިތުންނަށް ބިރުދައްކައިގެން އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ކެމްޕޭން ޓީމުން ތުހުމަތު ކުރެއެވެ. މިއީ ޑިމޮކްރެޓިކް ނިޒާމަށް ހުރަސްއެޅޭ ކަމެއް ކަމަށާއި، ސިޔާސީ ފިކުރަށް ބަލައި މީހުންނާމެދު ތަފާތުކުރުންތައް ގެންގުޅުން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.
ކެމްޕޭން ޓީމުން އިތުރަށް ބުނެފައިވަނީ، ގާނޫނީ ހައްގުތަކަށް އުނިކަން އަންނަ ކޮންމެ ކަމަކާ ދެކޮޅަށް ރައީސް ނަޝީދާއި އެމަނިކުފާނުގެ ޓީމުން ތެދުވާނެ ކަމަށެވެ. އަދި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެގެން ފިޔަވަޅު އަޅާފައިވާ ފަރާތްތައް ދެނެގަނެ، އެ މީހުންނަށް އިންސާފު ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށްވެސް ވަނީ ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ