އުފަންދުވަހު ފެޅި ކޭކު ކެވުނީ އޭގައި ހުރި ދަގަނޑު ނަރުތަކާއެކު
އުފަންދުވަހުގެ ކޭކެއްގައި ހުރި ދެ ދަގަނޑު ނަރު ތިން އަހަރުގެ ކުޑަކުއްޖަކަށް ދިރުވާލެވުނު ބިރުވެރި ހާދިސާއެއް މުމްބާއީގެ ތާނޭގައި ހިނގައިފިއެވެ. މި ހާދިސާ ހިނގާފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު، ރެޔާންޝް ނަމަކަށް ކިޔާ ކުޑަ ކުއްޖެއްގެ އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާއެއްގައެވެ. އާއިލާގެ މެމްބަރުންނާއި ގާތް ރަހްމަތްތެރިންނަށް ބައިވެރިވުމަށް ފަސޭހަވާނެތީ، އާދީއްތަ ދުވަހު ބޭއްވި މި ހަފުލާއަށް ކޭކު އޯޑަރުކޮށްފައި ވަނީ ކައިރީގައި ހުރި ބޭކަރީއަކުންނެވެ. "ބޯލިންގް" ތީމަށް ތައްޔާރުކޮށްފައިވާ މި ކޭކުގައި ހުރި ރަންކުލައިގެ ބޯލިންގް ޕިންތައް ފެނުމުން ރެޔާންޝް ވަރަށް ބޮޑަށް އުފާވެ، އަމިއްލައަށް ކޭކު ކާން ފެށި ކަމަށް އޭނާގެ މަންމަ ސްނޭހާ ޝޭލަރް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ. ކޭކު ޒީނަތްތެރި ކުރުމަށް ބޭނުންކޮށްފައި ހުރި ކޮންމެ ޕިންއެއްގެ ތެރޭގައި، އެ އެއްޗެހި ހިފެހެއްޓުމަށް ހިމަ ދަގަނޑު ނަރެއް ލާފައިވާކަން އާއިލާއަށް އެނގުނީ މާ ފަހުންނެވެ. ކޭކު އޯޑަރުކުރި އިރު ނުވަތަ ޑެލިވަރީ ކުރި އިރުވެސް، އޭގައި މިފަދަ ނުރައްކާތެރި އެއްޗެއް ހުރިކަން ބޭކަރީން އަންގާފައި ނުވާކަމަށް ސްނޭހާ ބުނެފައިވެއެވެ. މިކަން ފާހަގަވީ އެހެން ދެ ކުއްޖަކު އެ ކޭކު ކާން އުޅުމުގެ ތެރޭގައި ހަރު އެއްޗެއްގައި ދަތް ޖެހުމުންނެވެ. ރެޔާންޝްގެ މަންމަ ސްނޭހާ ޝޭލަރް އަދި ރެޔާންޝްގެ ހަށިގަނޑުގެ އެކްސްރޭ ދައްކުވައިދޭ ފޮޓޯއެއް--ފޮޓޯ/އެންޑީޓީވީ މިކަމާ ބެހޭގޮތުން ސުވާލުކުރުމުން، ކޭކު ޒީނަތްތެރި ކުރުމަށް ދަގަނޑު ނަރު ބޭނުންކުރި ކަމަށް ބޭކަރީން ވަނީ އެއްބަސްވެފައެވެ. އޭރު ރެޔާންޝް ވަނީ އޭގެ ދެ ނަރު ދިރުވާލާފައެވެ. ހަމަ އެ ވަގުތު އޭނާ ތާނޭގެ ޖުޕިޓަ ހޮސްޕިޓަލަށް ގެންގޮސް އެކްސް-ރޭ ހެދިއިރު، އެ ނަރުތައް ހުރީ އޭނާގެ ކުޑަގޮހޮރުގެ ތެރޭގައެވެ. ޑޮކްޓަރުން ނިންމެވީ ވަގުތުން އޮޕަރޭޝަނެއް ކުރުމުގެ ބަދަލުގައި، ކުއްޖާގެ ހާލަތު ވަރަށް ގާތުން ބަލަމުން ގެންދިއުމަށެވެ. ނަސީބަކުން، 48 ގަޑިއިރުގެ ތެރޭގައި އެ ނަރުތަކުން އެއްވެސް އަނިޔާއެއް ނުވެ ތަބީއީގޮތުން ހަށިގަނޑުން ބޭރުވެފައިވާ ކަމަށާއި ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. ރެޔާންޝްގެ މަންމަ ސްނެހާ މި ހާދިސާ ސިފަކުރީ މުޅި އާއިލާ ސިއްސުވާލި ބިރުވެރި ކަމެއްގެ ގޮތުގައެވެ. އޭނާ ވަނީ ކޭކު ޒީނަތްތެރިކުރުމަށް ކާން އެކަށީގެންނުވާ އެއްޗެއް ބޭނުން ކުރާނަމަ، އެކަން ކަސްޓަމަރުންނަށް ކޮންމެހެންވެސް އެންގުމަށް ބޭކަރީތަކަށް ގޮވާލާފައެވެ. އަދި ކުޑަކުދިންނަށް ކޭކު ދިނުމުގެ ކުރިން ބެލެނިވެރިން އެ އެއްޗެހި ރަނގަޅަށް ޗެކްކުރުމަށް ވެސް ސްނެހާ ވަނީ ނަސޭހަތްތެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ