އާދިލް މިސްކިތުގެ ސައުންޑް ސިސްޓަމަށް ބޭނުންކުރާ 50 ފޫޓުގެ ކަރަންޓު ކޭބަލެއް ވަގަށް ނަގައިފި
މަޖީދީމަގުގައި ހީނާމާގެ ޕާކިން ޒޯނާ ޖެހިގެން ހުންނަ, މަސްދިޖުލް ސުލްތާނުން ޢާދިލް (އާދިލް މިސްކިތް)ގެ ސައުންޑް ސިސްޓަމަށް ބޭނުންކުރާ ކަރަންޓު ކޭބަލެއް ރޭ ވަގަށް ނަގައިފިއެވެ. އެ މިސްކިތް ބަލަހައްޓާ މާލެ ސިޓީ ކައުންސިލުން ބުނީ، ރޭގެ ވަގުތެއްގައި ވަގަށް ނެގީ އެ މިސްކިތުގެ ސައުންޑް ސިސްޓަމުގައި ބޭނުންކުރާ 50 ފޫޓުގެ ކަރަންޓު ކޭބަލެއް ކަމަށެވެ. މި ކަމާ ގުޅިގެން މިސްކިތުގެ އަޑުގަދަކުރާ ނިޒާމަށް ބުރޫއަރައިފައިވާކަން ފާހަގަކޮށް، އެ ކައުންސިލުން ބުނީ ރޭގެ ފަތިސް ނަމާދު އެ މިސްކިތުގައި ކުރީ ސައުންޑަކާ ނުލާ ކަމަށެވެ. ނަމަވެސް، ކޭބަލް އަލުން އެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި މި މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. މާލެ ސިޓީ ކައުންސިލުން މާލެ ސަރަހައްދުގައި ހުންނަ 41 މިސްކިތެއް ބަލަހައްޓާއިރު، އެ މިސްކިތްތަކުން ވައްކަން ކުރުމަކީ ދޭތެރެ ދޭތެރެއިން ފާހަގަކުރެވޭ މައްސަލައެކެވެ. މި ކަމާ ގުޅިގެން މާލެ ސިޓީގެމޭޔަރު އާދަމް ޢާޒިމް ވަނީ، ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން، މޭޔަރު ވިދާޅުވީ މިސްކިތްތަކުން ވައްކަން ކުރުމަކީ ވަރަށް ނާތަހުޒީބު ޢަމަލެއް ކަމަށެވެ. އަދި، މި ފަދަ ޢަމަލުތައް ހިންގާ ފަރާތްތައް ހޯދައި، އެ ފަރާތްތަކަށް ގާނޫނީ ގޮތުން ދޭންޖެހޭ ހައްޤު އަދަބު ދޭންޖެހޭނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ