ޝަމްޢާންގެ ތަޙްޤީގު ހިންގީ ހެކީގެ މައްޗަށް ބިނާކޮށް، ނުފޫޒެއް ނެތް: ފުލުހުން

މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޝަމްޢާން ވަހީދުގެ މައްސަލަ ފުލުހުން ތަހުޤީކޮށްފައިވަނީ އެއްވެސް ފަރާތެއްގެ ނޫފޫޒެއް އޮވެގެން ނޫންކަމަށާއި ތަހުޤީޤު ނިންމާފައިވަނީ ހެކީގެ މައްޗަށް ބިނާކޮށް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިގޮތަށް ވިދާޅުވެފައިވަނީ، ޝަމްޢާން މައްޗަށް ދައުލަތު ކުރި ދައުވާތައް ސާބިތުވުމުގެ ކުރިން އޭނާ މީޑިއާއަށް ދިން ބަޔާނެއްގައި ކޮރަޕްޝަންގެ ތުހުމަތުތަކެއް ދާޚިލީ ވަޒީރަށް ނިސްބަތްކޮށްފައިވުމާއި ގުޅިގެންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނުގައި މުޙައްމަދު ޝަމްޢާން ވަޙީދާއި މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނުހައްގު މާލީ މަންފާ ހޯދައި، އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑަރިންގެ ޢަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން ކުރި ތަހުޤީޤުގެ ތަފްސީލްތައް ވަނީ ހިއްސާކޮށްފައެވެ. ފުލުހުން ވިދާޅުވީ މިމައްސަލައިގެ ތަހުޤީޤު ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ ޤާނޫނުތަކާއި އެއްގޮތަށް ކަމަށެވެ.
މިގޮތުން މައްސަލަ ފެށުމާއެކު އެކި މަރުހަލާތަކުގައާއި، މައްސަލައިގެ ތަހުޤީޤު ހޯދުންތައް މީޑިއާއާ ހިއްސާކޮށްފައިވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން ތަހުޤީޤަށް ލިބުނު މައުލޫމާތުން އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއް ރޭވުމުގެ މަރުހަލާއިން ފެށިގެން އެ އޮޕަރޭޝަން ތަންފީޒުކުރުމާ ހަމައަށް ހިނގި ހުރިހާ ކަމެއް ޝަމްޢާން އެނގޭކަން ތަހުގީގަށް ވަނީ ކަށަވަރުވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ އޮޕަރޭޝަން މިދިޔަ އަހަރުގެ މާރިޗު މަހު 11 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ނަމަވެސް އޭގެ ހަފްތާއެއްހާ ދުވަސް ކުރިން ޝަމްޢާންގެ އޮފީހުގައި މިކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިޔަކަން ތަހުޤީޤަށް އެނގިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާ ގުޅުންހުރި ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ރޭ އެކަން ޝަމްޢާންއަށް އަންގާފައިވާ ކަމަށާއި، އޭގެ ފަހުން އޭގެ ތެރެއިން އެކަކު ދޫކޮށްލުމުގެ އިޖުރާއަތްތައް ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ ސްޕޮންސަރުގެ ނަމުގައި އީމެއިލް މެދުވެރިކޮށް ފޮނުވި ސިޓީއެއް އިމިގްރޭޝަނަށް ލިބުމާއެކު، އެއީ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެ މީހާ ދޫކޮށްލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމާގުޅޭ މުވައްޒަފުންނަށް ޝަމްޢާން އިރުޝާދު ދިންކަންވެސް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
މީގެ އިތުރުން ބިދޭސީ މީހާ ދޫކުރުމަށް ފަހު އޭނާގެ އަތުން ބަދަލެއްގެ ގޮތުގައި ހޯދި ފައިސާގެ މަޝްވަރާތައް އިމިގްރޭޝަންގެ ދެ މުވައްޒަފަކު އެ މީހާ ގޮވައިގެން އިމިގްރޭޝަންގެ ވެހިކަލެއްގައި މާލެ ތެރޭގައި ދަތުރުކުރަމުން އެރޭ ކޮށްފަިއވާކަން ފުލުހުން ފާހަގަކުރިއެއެވެ. މިފައިސާގެ އަދަދު ކަށަވަރުކުރަން ޝަމްޢާން ގުޅާފައިވާކަންވެސް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ބިދޭސީ މީހާ ދޫކޮށްލުމުގެ ބަދަލެއް ގޮތުން ނަގާފައިވަނީ 500،000ރ އެވެ.
އިމިގްރޭޝަން ވެހިކަން ޕާކް ކުރުމަށް ފަހު ޝަމްއާޏް ދިރިއުޅޭ ގެ ހުންނަ ސަރަހައްދަށް ދިޔަ ގޮސް ޝަމްޢާން ދިރިއުޅޭ އެޕާޓްމެންޓް އިމާރާތަށް ވަދެފައިވަނީ ދަންވަރު 3:00 ގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ތަނަށް އެ މުވައްޒަފުން ދިޔައީ ފައިސާ ހުރި ކޮތަޅެއް ހިފައިގެންކަމަށް ވިދާޅުވިއެވެ. އެމުވައްޒަފުން އެ އިމާރާތުން 3 މިނެޓު ފަހުން ނިކުތް އިރު ފައިސާ ކޮތަލޫ ނެތް ކަަމަށް ފުލުހުން ވިދާޅުވިއެވެ. އޭގެ ޖެހިގެން އައި މާރިޗު 13 ވަނަ ދުވަހު، ޝަމްޢާން ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ދެ އެކައުންޓަކަށް ޖުމްލަ 259,837.35 ޖަމާކޮށްފައިވާކަން ވެސް ތަހުގީގަށް ހޯދިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި ތަހުޤީޤަކީ ވަކި ނަތީޖާއެއް ނެރުމަށް ދުރާލައި ރާވައިގެން ހިންގި ތަހުގީގެއް ނޫން ކަމަށާއި، ވަކި ގޮތަކަށް ބަޔާން ދިނުމަށް މީހުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ނުވަތަ ތަހުގީގުގެ ނިންމުންތަކަކީ ސިޔާސީ ފަރާތެއްގެ ނުވަތަ އެހެންވެސް ފަރާތެއްގެ އިރުޝާދުގެ ދަށުން ނިންމާފައިވާ ނިންމުންތަކެއް ކަމަށް ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއްނެތް ހަގީގަތާ ހިލާފު ތުހުމަތު ތަކެއް ކަމަށެވެ. އަދި ތަހުގީގުން ނިންމާފައިވާ ހުރިހާ ނިންމުންތަކަކީވެސް ތަހުގީގަށް ލިބިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް، ކަމާބެހޭ ގާނޫނުތަކާއި އުސޫލުތަކުގެ ތެރެއިން މި މުއައްސަސާއިން މިނިވަންކަމާއެކު ނިންމާފައިވާ ނިންމުންތައް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލާގައި ޝަމްޢާން ފޯނުގެ ކޯޑު ދީފައި ނުވުމުން އޭނާ ފޯނު ބަލައި ތަހުޤީޤަށް މައުލޫމާތު ނެގިފައި ނުވާކަން ފުލުހުން ފާހަގަކުރެއެވެ. ނަމަވެސް އަންގާރަ ދުވަހު މީޑިއާތަކާއި ވާޙަކަ ދައްކަވަމުން، ފޯނުގައި ކޮރަޕްޝަނާ ގުޅޭ ހެކި ހުރި ކަމަށް ބުނި ނަމަވެސް، އެއްވެސް މަރުހަލާއެއްގައިވެސް އަދި ބަންދުން ދޫކޮށްލިފަހުންވެސް އެފަދަ މައުލޫމާތެއް ފުލުހުންނާއި ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލަ ބަލާ އެހެން އިދާރާއަކަށްވެސް ހުށަހަޅާފައި ނުވާކަން ފުލުހުން ޔަޤީންކޮށްދެއެވެ.
ފުލުހުން ވަނީ ތަހުޤީޤުތައް ހިންގަނީ ނުފޫޒެއް ނެތި ކަމަށާއި، ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބުނެ ކުރެވޭ ކޮންމެ ތުހުމަތަކާ ގުޅޭގޮތުންވެސް، އެކަށީގެންވާ ހެއްކެއް ނުވަތަ މައުލޫމާތެއް އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އެކަމެއް ދިރާސާކޮށް، ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ. މިމައްސަލާގައި ހުކުމް މިހާރު އިއްވާފައިވާއިރު އިސްތިއުނާފް ކުރުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ލިބޭކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މިމައްސަލައިގެ ޝަމްޢާންގެ މައްޗަށް 3 ދައުވާއެއް ސާބިތުވެ 25 އަހަރު ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ވަނީ އިއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ