ވޯލްޑްކަޕް ވޯލްޑްކަޕް އެމެރިކާއިން ބުނަނީ ސޯމާލިއާ ރެފްރީ ފޮނުވާލީ ޓެރަރިސްޓް ޖަމާއަތަކާ ގުޅުން އޮންނާތީ ކަމަށް

ސޯމާލިއާގެ މަޝްހޫރު ރެފްރީ އުމަރު އާޓަން އެމެރިކާއަށް އެތެރެވިޔަނުދީ ފޮނުވާލީ ޓެރަރިޒަމްގެ އަމަލުތައް ހިންގާ ޖަމާއަތްތަކާ ގުޅުން އޮންނަ ކަމަށް ތުހުމަތުވާތީ ކަމަށް އެމެރިކާއިން ބުނެފިއެވެ.
އުމުރުން 34 އަހަރުގެ އާޓަންއަކީ 2025 ވަނަ އަހަރު އެފްރިކާގެ އެންމެ މޮޅު ރެފްރީގެ މަގާމު ހޯދާފައިވާ، އަދި ވޯލްޑް ކަޕްގައި އިންސާފުކުރާ ފުރަތަމަ ސޯމާލިއާ ރެފްރީއަށް ވުމަށް ތައްޔާރުވަމުންދިޔަ ރެފްރީއެކެވެ. ނަމަވެސް، ޑިޕްލޮމެޓިކް ޕާސްޕޯޓަކާއި އެމެރިކާގެ ސިންގަލް އެންޓްރީ ވިސާއެއް އޮތް ނަމަވެސް، މިދިޔަ ހޯމަ ދުވަހު މަޔާމީ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް އެ ގައުމަށް އެތެރެވުމުގެ ފުރުސަތު ދީފައެއް ނުވެއެވެ.
އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަން (ސީބީޕީ) އިން އޭނާ ހުއްޓުވީ، އިމިގްރޭޝަން އެންޑް ނޭޝަނަލިޓީ އެކްޓްގެ ދަށުންނެވެ.
އެމެރިކާ ސަރުކާރުގެ އޮފިޝަލަކު މީޑިއާތަކަށް ވިދާޅުވި ގޮތުގައި، އާޓަންއާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުތަކުގެ ތެރޭގައި ޓެރަރިސްޓް ޖަމާއަތްތަކުގެ މެންބަރުންނާ ގުޅުން އޮންނަ ކަމުގެ ތުހުމަތު ހިމެނެއެވެ. އަދި އެމެރިކާގެ ސަލާމަތަށް ނުރައްކާވެދާނެ އެއްވެސް ފަރާތަކަށް އެ ގައުމަށް އެތެރެވުމުގެ ފުރުސަތު ނުދޭނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
ވޯލްޑް ކަޕާ ގުޅޭ ވައިޓް ހައުސް ޓާސްކް ފޯސްގެ އިސްވެރިޔާ އެންޑްރޫ ޖިއުލިއާނީ ވެސް ވަނީ ސީބީޕީގެ ނިންމުމަށް ތާއީދުކުރައްވައި، އެއީ ރަނގަޅު ނިންމުމެއް ކަމަށް ވިދާޅުވެފައެވެ.
ނިއުޔޯކް ޓައިމްސްއަށް މައުލޫމާތު ދެމުން އާޓަން ބުނީ، ސޯމާލިއާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަލް ޝަބާބާ އޭނާއާ ގުޅުން އޮތްތޯ ބެލުމަށް އިމިގްރޭޝަން އޮފިޝަލުން 11 ގަޑިއިރު ވަންދެން އޭނާއާ ސުވާލުކުރި ކަމަށެވެ. ނަމަވެސް އެ ޖަމާއަތާ ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް އޭނާ ބުނެފައިވެއެވެ. އެތައް ގަޑިއިރަކު ހިފެހެއްޓުމަށްފަހު، އޭނާ ފޮނުވާލީ ތުރުކީގެ އިސްތަންބޫލަށެވެ.
ސޯމާލިއާއަކީ 2025 ވަނަ އަހަރުގެ ޖޫން މަހު ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާއަށް އެތެރެވުން މަނާކުރި 12 ގައުމުގެ ލިސްޓުގައި ހިމެނޭ ގައުމެކެވެ. ވޯލްޑް ކަޕްގެ މެޗުތައް ކެނެޑާ އަދި މެކްސިކޯގައި ކުޅުނު ނަމަވެސް، ރެފްރީންގެ ތަމްރީނުތަކާއި ސަލާމަތީ ކަންކަން ފްލޮރިޑާގައި ހަމަޖެހިފައިވުމުން، އެމެރިކާއިން ބޭރުގައި ހުރެގެން އާޓަންއަށް މުބާރާތުގައި ބައިވެރިވެވޭނެ ގޮތެއް ނެތެވެ.
އާޓަން އެނބުރި ސޯމާލިއާގެ ވެރިރަށް މޮގަދިޝޫއަށް ދިއުމުން، ސަރުކާރުގެ އިސް އޮފިޝަލުންނާއި ސޯމާލިއާ ފުޓްބޯޅަ ފެޑެރޭޝަންގެ މަންދޫބުންގެ އިތުރުން އާންމުން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. އަދި އޭނާ ވަނީ ރިޔާސީ ގަނޑުވަރުގައި ރައީސް ހަސަން ޝެއިހް މަހުމޫދުއާ ބައްދަލުކޮށްފައެވެ.
އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަމުން އާޓަން ބުނީ، ފީފާއިން އޭނާއަށް ވަރަށް ބޮޑަށް އެހީތެރިވި ކަމަށާއި، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިންސާފުކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. މީގެ އިތުރުން، އޭނާއަށް ދިމާވި ކަންތައްތަކާ ގުޅިގެން މާޔޫސްނުވުމަށާއި، ގައުމުގެ ދިފާއުގައި ތިބުމަށް ސޯމާލިއާގެ ޒުވާނުންނަށް އާޓަން ވަނީ ގޮވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ