އާޖެންޓީނާ ބަލިކުރަން އުނދަގޫވާނެ، ސަޕޯޓަރުން މާޔޫސްކޮށްނުލާނަން': މެސީ
ހަތަރުވަނަ ވޯލްޑް ކަޕް ތަށި ހޯދުމަށް އާޖެންޓީނާއިން ކުރާ ދަތުރުގައި ސަޕޯޓަރުން މާޔޫސްކޮށްނުލާނެ ކަމަށާއި، އާޖެންޓީނާއަކީ އަބަދުވެސް އިތުރު ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ. މިއަދު ފަށާ ފީފާ ވޯލްޑް ކަޕް 2026 ގެ ކުރިން ކުޅުނު ފަހު އެކުވެރިކަމުގެ މެޗުގައި އައިސްލޭންޑް އަތުން ލިބުނު މޮޅަށްފަހު ވާހަކަދައްކަމުން މެސީ ވަނީ ފުރަތަމަ ފަހަރަށް އާޖެންޓީނާއިން މިފަހަރުގެ ވޯލްޑް ކަޕަށް ވަމުންދާ ތައްޔާރީތަކާ ގުޅޭ ވާހަކަދައްކާފައެވެ. މެސީ ބުނީ ފުޓްބޯޅައިގައި ކޮންމެ ފަދަ ނަތީޖާއެއްވެސް ނުކުމެދާނެ ކަމަށާއި ނަމަވެސް އާޖެންޓީނާއަކީ އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުން ކުޅޭ ޓީމެއްކަމުން އެހެން ޓީމުތަކުން ދެގުނަ ބުރަކޮށް މަސައްކަތްކުރާނެ ކަމަށެވެ. ނަމަވެސް މުބާރާތުގައި އާޖެންޓީނާ ބަލިކުރުމަކީ އިދިކޮޅަށް ނުކުންނަ ކޮންމެ ޓީމަކަށްވެސް ކުރިމަތިވާނެ އެންމެ ބޮޑު އުނދަގުލަށްވާނެ ކަމަށްވެސް މެސީ ބުންޏެވެ. މީގެ އިތުރުން މެސީ ވަނީ ޓީމާ ގުޅުނު ފަހުން ދިމާވި އަނިޔާގެ އުނދަގޫތަކަށްފަހު އަލުން ދަނޑުމަތިން ފުރުސަތު ލިބުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށް ބުނެފައެވެ. އޭނާ ހާމަކުރި ގޮތުގައި، އަނިޔާއާ ގުޅިގެން ހިތުގައި އުފެދިފައި ހުރި ބިރުވެރިކަން ފިލުވާލައި، އެއްވެސް ހުރަހެއްނެތި މިނިވަންކަމާއެކު އަލުން ކުޅެލަން އޭނާ ހުރީ ކެތްމަދުވެފައެވެ. އައިސްލޭންޑާ ދެކޮޅަށް ކުޅުނު މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދަނޑަށް އަރައި މެސީ ވަނީ ތާރީޚީ ރެކޯޑެއް ވެސް ގާއިމުކޮށްފައެވެ. މެޗުގެ 69 ވަނަ މިނެޓުގައި ކުޅެން ނުކުމެ، އޭގެ ތިން މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން އޭނާ ވަނީ ލަނޑު ޖަހައި އާޖެންޓީނާއަށް މެޗުގެ ލީޑު 2-0 އަށް ފުޅާކޮށްދީފައެވެ. މި ލަނޑާއެކު މެސީ ވެގެން ގޮސްފައިވަނީ އާޖެންޓީނާގެ ގައުމީ ޓީމުގެ ދިގު ތާރީޚުގައި ލަނޑު ޖަހައިދިން އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއަށެވެ. މި ޝަރަފު މީގެ ކުރިން އޮތީ އެ ޓީމުގެ ލެޖެންޑް އޭންޖެލް ލެބްރޫނާ އަތުގައެވެ. މެޗަށްފަހު މެސީ ވަނީ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ވެސް ސަޕޯޓަރުންގެ ރޫހު އާލާކޮށްދީފައެވެ. މެޗުގެ ފޯރިގަދަ ފޮޓޯތަކަކާއެކު އޭނާ ކުރި ޕޯސްޓުގައި، "ކުރިއަށްވުރެވެސް ބޮޑަށް އެކުވެރިވެ، އެންމެން އެކުގައި ކުރިއަށްދަމާ" މިހެން ލިޔެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ