އައިއެސްއަށް ތާއިދުކުރާ ބަޔަކު ތިމަރަފުށި ސްކޫލް ލެބް ގޮއްވާލަން ރޭވިކަމުގެ ތުހުމަތުތަކެއް!

ތ.ތިމަރަފުށީގައި ހުންނަ ތ.އަތޮޅު ތައުލީމީ މަރުކަޒުގައި 2020ވަނަ އަހަރު އޯލެވެލް އިމްތިހާނު ހަދަމުންދަނިކޮށް އެ ސްކޫލްގެ ލެބޯޓްރީ ގޮއްވާލުމަށް، ހަރުކަށި ނިރުބަވެރި ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)އަށް ތާއިދުކުރާ ދިވެހިންތަކެއް ރޭވިކަމަށް ފުލުހުން ބުނެފިއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރމަހުގެ 11ވަނަ ދުވަހުން ފެށިގެން ފުލުހުން ވަނީ ޓެރަރިސްޓް ހަމަލާއެއް ދޭން ރޭވިކަމުގެ ތުހުމަތުގައި މާލެ، ކަނޑުމަތީގައި އަދި ތ.ތިމަރަފުށީގައި ވަރުގަދަ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައެވެ. މި އޮޕަރޭޝަންގައި ވަނީ ދިވެހި 8 ފިރިހެނުން ހައްޔަރުކޮށްފައެވެ. މި މީހުންގެ މައްޗަށް ދައުވާކޮށްދޭން އެދި މިމަހުގެ 25ވަނަ ދުވަހުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން ވަނީ ބުނެފައެވެ.
އުމުރުން 18 އަހަރާއި 32 އަހަރުގެ މި މީހުންގެ މައްޗަށް ވަނީ ދީނީގޮތުން ހަރުކަށި ފިކުރާއި ނިރުބަވެރިކަމާއި ގުޅޭ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައެވެ. އެގޮތުން ކުރެވޭ އެންމެ ބޮޑު ތުހުމަތަކީ ދޯންޏެއްގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ)އެއް ތައްޔާރުކޮށް، ސްކޫލަކަށް ނިރުބަވެރި ހަމަލާއެއްދީ ގޮއްވާލަން އުޅުނުކަމުގެ ތުހުމަތެވެ.
އޯލެވެލް ހަދަމުންދިޔަ ވަގުތުގައި ސްކޫލް ލެބޯޓްރީ ގޮއްވާލަން އުޅުނު!
ފުލުހުން ބުނިގޮތުގައި މި މީހުން ހައްޔަރުކުރި އޮޕަރޭޝަން ހިންގީ އައިއެސް ޚޮރާސަން ޕްރޮވިންސް (އައިއެސް-ކޭ)ގެ ފަރާތުން އަމީރެއްގެ ގޮތުގައި، ހައްޔަރުކުރި އެކަކު އައްޔަންކުރި ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބި، ތިމަރަފުށީގެ ހަރުކަށި ފިކުރުގެ މީހުން އޮޕަރޭޓްކުރާ "ނަޞާހް-3"ކިޔާ ހުއިފިލަނޑާ ނަގާ ދޯންޏަށް އައިއީޑީއެއް ތައްޔާރުކުރަން ބޭނުންވާ އާލާތްތައް އެއްކޮށް، އެ ދޯނީގައި އައިއީޑީއެއް ތައްޔާރުކޮށް ރާއްޖޭގައި ޓެރަރިޒަމް ހަމަލާއެއް ދޭން މަސައްކަތްކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބުމުންނެވެ.
2020 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11ވަނަ ދުވަހު ހިންގި ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއްގައި މި ދޯނި ބަލާފާސްކުރިއިރު ދޯނިން ވަނީ އައިއީޑީއެއް ތައްޔާރުކުރަން ބޭނުންކުރެވިދާނެކަމަށް ބެލެވޭ ބައެއް އާލާތްތައް ފެނިފައެވެ. އަދި ދޯނި އަޅާފައި އޮތް ސަރަހައްދުގެ މޫދުއަޑި ބަލާފާސްކުރި 10 މީޓަރު އަޑިން ބަޑިބޭސް އެކުލެވޭކަމަށް ބެލެވޭ ކާޓްރިޖްތަކެއް ވަނީ ހޯދާފައެވެ.
އަދި އެ ދޯނިން ހައްޔަރުކުރި އެކަކު، އައިއެސް ޖަމާއަތާއި ގުޅިގެން ހަނގުރާމަކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ރާއްޖޭގައި ޓެރަރިޒަމް ހަމަލާއެއް ދޭން އިންޓަރނެޓުން ސާޗްކުރަމުންދާކަމަށް ބައިނަލްއަގްވާމީ އިންޓެލިޖެންސް އިދާރާއަކުންވެސް ފުލުހުންނަށް މައުލޫމާތުދިންކަމަށް ވަނީ ބުނެފައެވެ. ފުލުހުން ވަނީ މި މައްސަލައިގައި ހައްޔަރުކުރި އެކަކު، ރާއްޖޭގައި ލިބެންހުރި ގަސްކާނާއިން އެމޯނިއަމް ނައިޓްރޭޓް ވަކިކޮށް ހަމަލާއެއް ދޭން ޝައުގުވެރިކަން ފާޅުކުރިކަން ތަހުގީގަށް ފާހަގަކުރެވިފައިކަމަށް ބުނެފައެވެ.
ފުލުހުން ބުނީ މިފަރާތްތަކުން ޓެރަރިސްޓް ހަމަލާއެއް ދޭން ހިތްވަރު ލިބިގަތީ، އައިއެސް ޖަމާއަތުގެ ތަރުޖަމާނު "ޖަޒީރާ ޒުވާނުން"ނަށް މުހާތަބުކޮށް ދީފައިވާ މެސެޖަކާ ގުޅިގެންކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. މި މެސެޖްގައި ވަނީ ޖިހާދުގެ މައިދާންތަކަށް ދަތުރުނުކުރެވޭނަމަ "ސަލީބީ ދައުލަތްތަކުގެ" ރައްޔިތުން ގަތުލުކުރުން ހުއްދަވާނެފަދަ މޭރުމަކުން ބުނެފައެވެ.
މި މެސެޖާއި ގުޅިގެން، ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތަށް ތާއިދުކުރާ ފަރާތްތަކުން ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދޭން ތައްޔާރުވަމުން ގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. އެގޮތުން 2020 އަހަރުގައި ތ.އަތޮޅު ތައުލީމީ މަރުކަޒުގައި 2020ވަނަ އަހަރު އޯލެވެލް އިމްތިހާނު ހަދަމުންދިޔަ ވަގުތާއި ދިމާކޮށް އެ ސްކޫލްގެ ލެބޯޓްރީ ގޮއްވާލުމަށް ރޭވިކަމަށާއި، މި ދުވަސްވަދު ސްކޫލް ލެބޯޓްރީގެ ކެމިކަލް ރައްކާކުރާ ގުދަން ފަޅާލިކަމަށް ތަހުގީގަށް ފާހަގަކުރެވުނުކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ހަރުކަށި ފިކުރުގެ ނުރައްކާތެރިކަން އިންތިހާއަށް!
ފުލުހުން ބުނީ ދީނީގޮތުން ހަރުކަށި ފިކުރު ގަބޫލުކޮށް އެ ފިކުރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ކުޑަކުދިންނަށާއި، ދަތި ހާލުގައި އުޅޭ މީހުންނަށާއި، ކުށްކުރާ މީހުންގެ ތެރެއިން ފައިސާއަށް ހެއްލޭ ކުދިންނަށް އަމާޒުކޮށްގެން ކަންތައްތަކެއް ކުރާ ކަމަށެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި އާންމު އުސޫލުން ނަމާދަށް ދިއުމަށް ބާރުއެޅިޔަސް، ފަހުން އައިސް މިސްކިތުގެ ޖަމާއަތަށް އަރަން ނުޖެހޭނެކަމަށާއި ސަރުކާރުން ކަނޑައަޅާ އިމާމުންގެ ފަހަތުގައި ނަމާދުކުރުން ހުއްދަ ނުވާނެކަމަށްބުނެ ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރުވުމަށް ބާރުއަޅާކަމަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި ދީނީގޮތުން ޚިލާފު އުފެދޭ އެކި ބާވަތުގެ ވީޑިއޯތައް ދައްކައި، ހަރުކަށި ފިކުރާއި ގުޅުންހުރި ޕްރިންޓްކޮށްފައިވާ އެކި ފޮތްތައް އެފަރާތްތަކާއި ހަވާލުކޮށް އެ ފޮތްތައް ކިޔުމަށް ބާރުއަޅައި، ހަރުކަށި ފިކުރުގެ ފަރާތްތަކުން ކުރިއަށްގެންދާ ދަރުސްތަކާއި، ކްލާސްތަކުގައި ބައިވެރިވުމަށް ބާރުއަޅާކަމަށްވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން މައިންބަފައިންގެ ބަސް ކޮންމެހެން ގަބޫލުކުރަން ނުޖެހޭނެކަމަށް ވިސްނައިދީ، އެހެން މީހުންނަކީ އިސްލާމްދީން ބަލައިގަންނަބައެއް ނޫންކަމަށާއި ހަރުކަށި ފިކުރުގެ މީހުންނަކީ އެމީހުންގެ އަޚުންކަމަށް ދައްކުވައިދޭން މަސައްކަތްކުރާކަމަށްވެސް ވަނީ ބުނެފައެވެ. ފުލުހުން ބުނިގޮތުގައި ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމުގެ ސަބަބުން ދަރިން މައިންބަފައިންނާ ވަކިވެ، ވަކިން އުޅެން ފަށައި، ބައެއްފަހަރު މައިންބަފައިން ކާފަރުކޮށް، މައިންބަފައިން ގަތުލުކުރަންޖެހޭކަމަށް ދެކިފައިވާކަަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ