ސެންޓްރަލް ލީގުގެ ޗެމްޕިއަންކަން ހުރައަށް

ދ. ކުޑަހުވަދޫން ސަސްޕެންޑް ވެފައިތިބި ކުޅުންތެރިން ކުޅުވުމުން މެޗު ހުރައަށް، ސެންޓްރަލް ލީގުގެ ޗެމްޕިއަންކަން ހުރައަށް
ރީނދޫ ކާޑު ހަމަވެގެން ސަސްޕެންޑް ވެފައި ތިބި ކުޅުންތެރިން ކުޅުވައިގެން ގދ. ކުޑަހުވަދޫ އިއްޔެ ކ. ހުރައާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން ބަލިވީ ކަމަށް އެފްއޭއެމްގެ ކޮމްޕެޓީޝަންސް ޑިޕާޓްމަންޓުން ނިންމައިފި އެވެ.
ސެންޓްތަލް ރީޖަން ލީގުގެ ޗެމްޕިއަން ޔަގީން ކުރަން އިއްޔެ ކުޑަހުވަދޫގައި ކުޅުނު މެޗު އެ ޓީމު ވަނީ 4-1 އިން ހުރާގެ މައްޗަށް ކުރި ހޯދައިފަ އެވެ. ނަމަވެސް ރީނދޫ ކާޑު ހަމަވެގެން ސަސްޕެންޑް ވެފައި ތިބި ދެ ކުޅުންތެރިން މެޗުގައި ކުޅުވާފައި ވާތީ މައްސަލަ ބަލައި ކޮމްޕެޓީޝަންސް ޑިޕާޓްމަންޓުން ވަނީ މި މެޗުން ކުޑަހުވަދޫ ބަލިވީ ކަމަށް ނިންމައިފަ އެވެ.
މެޗު ފެށުމުގެ ވިހި މިނިޓު ކުރިން، ފުރަތަމަ 11 ގައި އެ ކުޅުންތެރިން ހިމަނާފައި ތިބިކަން މެޗު ކޮމިޝަނަރަށް އަންގާފައި ވާކަމަށާއި ނަމަވެސް އެ ވަގުތު މައްސަލަ ބެލުމެއް ނެތި މެޗު ކުރިއަށް ގެންދިޔައީ ކަމަށް ހުރާ ޓީމުން ވަނީ ހާމަ ކޮށްފަ އެވެ. ފުރިހަމަ ވަގުތު ހަމަވުމުން ދަނޑުމަތީގައި ކޮންމެވެސް ވަރެއްގެ ހިތްހަމަނުޖެހުންތަކެއް ކުރިއަށް ދިޔަ އެވެ. އެއަށް ފަހު ރޭގެ ވަގުތެއްގައި އެފްއޭއެމުން ވަނީ ކޮމްޕެޓީޝަނަސް ޑިޕާޓްމަންޓުން މި މައްސަލަ ބަލަމުން ގެންދާކަން ހާމަ ކޮށްފަ އެވެ.
ކޮމްޕެޓީޝަނަސް ޑިޕާޓްމަންޓުން މި މައްސަލަ ބެލުމަށް ފަހު، ހުރާ މެޗުން މޮޅުވީ ކަމަށް ނިންމާފައި ވަނީ މިރެ އެވެ. މިއާ އެކު ހުރާ އަށް ވަނީ ސެންޓްރަލް ލީގުގެ ޗެމްޕިއަންކަން ލިބިފަ އެވެ. މީގެ އިތުރުން އެފްއޭއެމްގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީން ވެސް މި މައްސަލަ އިތުރަށް ބަލަމުން ގެންދާ ކަމަށް އެފްއޭއެމުން ހާމަ ކޮށްފައިވެ އެވެ.
އިއްޔެގެ މެޗު ކުޅެގެން ކުޑަހުވަދޫ ވަނީ އެއްވަނަ ހޯދައިފަ އެވެ. ނަމަވެސް ކޮންމެޓީޝަންސް ޑިޕާޓްމަންޓްގެ ނިންމުމާ އެކު އެ ޓީމު ލީގު ނިންމާލާފައި މި ވަނީ ހަ މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ. އަދި ހަ މެޗުން ހޯދި 13 ޕޮއިންޓާ އެކު ހުރާ ވަނީ އެއްވަނަ ޔަގީން ކޮށްފަ އެވެ.
ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދާ ސެންޓްރަލް ރީޖަން ލީގުގައި ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ މީދޫގައި އެ ޓީމު މަހިބަދޫއާ ދެކޮޅަށް ކުޅޭ މެޗެވެ. މީދޫ ހަ ޕޮއިންޓާ އެކު ތިންވަނައިގައި އޮތް އިރު މަހިބަދޫއަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ހުރާގައި އެ ޓީމާ ދެކޮލަށް ކުޑަހުވަދޫ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
މިއާ އެކު ހުރާ އަށް ވަނީ އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގު ޕްލޭއޮފުން ޖާގަ ޔަގީން ވެފަ އެވެ.
މި އަހަރު އެފްއޭއެމުން މުޅި ރާއްޖެ ޝާމިލްވާ ފަދަ ލީގު ސިސްޓަމެއް ގާއިމު ކުރުމަށް މަސައްކަތް ފަށާފައި ވާއިރު، ރީޖަނަލް ލީގުތަކަކީ ދެވަނަ ޑިވިޝަނެވެ. މި ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނައަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އާއެކު އަންނަ ސީޒަންގެ ޕްރިމިއާ ލީގު ޕްލޭއޮފްގައި ޖުމްލަ ހަ ޓީމު ކުޅޭނެ އެވެ.
ޓީސީ އާއި ގްރީންގެ އިތުރުން ޕްލޭއޮފްގައި ދެން ވާދަ ކުރާނީ ސެންޓްރަލް ޗެމްޕިއަން ހުރާ އާއި ނޯތު ޗެމްޕިއަން ހއ. ދިއްދޫގެ އިތުރުން، މާލޭގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކްޕަބް އަދި ސައުތު ރީޖަނަލް ލީގުގެ ޗެމްޕިއަންކަން ހޯދާ ޓީމެވެ. ޕްލޭއޮފްގެ ގަދަ ހަތަރު ޓީމު އަންނަ ސީޒަނުގެ ޕްރިމިއާ ލީގަށް ކޮލިފައި ވާނެ އެވެ.
ކުޑަހުވަދޫ ވަނީ މީގެ ކުރިން 2017 ވަނަ އަހަރު ޕްރިމިއާ ލީގު ކުޅެފަ އެވެ. އެ ޓީމު ފްރިމިއާ ލީގަށް ޕްރޮމޯޓް ވީ އެ އަހަރު ބޭއްވި މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގެ ޖާގަ ހޯދައިގެންނެވެ. އެ މުބާރާތް ކާމިޔާބު ކުރީ ވެސް ކުޑަހުވަދޫ އެވެ. އެ ދުވަސްވަރު އެފްއޭއެމުން ގެންގުޅުނީ ކޮންމެ އަހަރަކު މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދާ ޓީމުތަކަށް ޕްރިމިއާ ލީގުން ސީދާ ޖާގައެއް ދޭ އުސޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ