ހަތަރު ޑައިވަރުންގެ ހަށިގަނޑު އިޓަލީއަށް ފޮނުވައިލަނީ

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ޑައިވަރުންގެ ހަށިގަނޑު މިރޭ ފަތިހު އިޓަލީއަށް ފޮނުވާލުމަށް ނިންމައިފިއެވެ.
ވ.އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީގެ ފަސް ޑައިވަރުން ގެއްލުނު ހާދިސާ ހިނގާފައިވަނީ، މިމަހުގެ 14 ވަނަ ދުވަހުއެވެ.
އެމީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންނާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން އެ 4 މީހުންގެ ހަށިގަނޑު ލޮކޭޓްކޮށްފައިވަނީ، މިމަހުގެ 18 ވަނަ ދުވަހުއެވެ. މި މީހުންގެ ހަށިތައް ފެނިފައިވަނީ، އެމީހުން ޑައިވް ކުރި ހޮހަޅައިގެ ތެރެއިންނެވެ.
އެ ހަތަރު މީހުންގެ ހަށިގަނޑުވެސް މިރޭ އިޓަލީއަށް ފޮނުވާލުމަށް ހަމަޖެހިފައިވާއިރު، އެ ގައުމުގައި ޕޯސްޓްމޯޓަމް ހެދުމަށްފަހު، އޭގެ ރިޕޯޓު ރާއްޖޭގެ ތަހުގީގު ޓީމާއި ހިއްސާކުރާ ގޮތަށް ވަނީ ނިންމައިފައެވެ.
މި ހާދިސާއާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބޭނުންކުރި ސާމާނު މޫދު އަޑިން ވަނީ ނަގައިފައެވެ. އަދި އެ ތަކެތި ވަނީ ތަހުގީގުގެ ބޭނުމަށް ދިވެހި ފުލުހުންނާ ހަވާލުކޮށްފައެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ