ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދެކޮޅަށް ކޯލިޝަންތައް ހަދައި، އެކުގައި މަސައްކަތް ކުރުމަށް ކުރީގެ ރައީސުން އެއްބަސްވުންތަކުގައި ސޮއި ކުރަމުން ދަނީ އެ ރައީސުންނަށް ދެވަނަ ދައުރެއް ނުލިބި އެކަން ކުރައްވާނެ ހަމައެކަނި ވެރިއަކީ ރައީސް މުއިއްޒަށްވުމުގެ ބިރު އޮތުންކަމަށް އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ ކައުންސިލް އިންތިހާބުގައި އއ. ތޮއްޑޫއިން ޕީއެންސީ ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ޖަލްސާގަ އެވެ.
ޕީއެންސީން މިރޭ ކުރިޔަށް ގެންދިޔަ ޖަލްސާގައި ޝާހިދު ވިދާޅުވީ، ރައީސް މުއިއްޒަކީ ދިވެހި ރައްޔިތުން އެންމެ ބޭނުންވެފައިވާ ކަންކަން އެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އިހުލާސްތެރިކަމާއި އެކު މަސައްކަތް ކުރެއްވި ހަމައެކަނި ލީޑަރު ކަމަށެވެ. ޝާހިދު ވިދާޅުވީ ރައީސް މުއިއްޒު ވަނީ ވޭތުވެ ދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ގައުމަށް އެތައް ހެޔޮ ބަދަލެއް ގެެނެސްދެއްވާފައިކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދޭން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕް އޮތީ ތައްޔާރަށްކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ރައީސް މުއިއްޒުގެ ސިޔާސަތުތަކާއި އެކު، މިއަދު ހައްޖުގެ އަޅުކަމަށް ދިވެހި ރައްޔިތުން ފުރާފައި ވަނީ ފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިންނެވެ. އަދި މިއަދާއި ހަމައަށް ހައްޖުވެރިންނަށް މިހާ ލުއިފަސޭހަކަމާއި އެކު ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި، އެއްވެސް ސަރުކާރަކުން މިހާ ސަމާލުކަން ދީފައި ނުވާކަމަށް ޝާހިދު ވިދަޅުވި އެވެ.
ޝާހިދު ވިދާޅުވީ ދިވެހި ރައްތިތުން ބޭނުން ވަނީ ހިދުމަތްތައް އަގުހެޔޮކޮށް ފަސޭހަކަމާއި އެކު ކަންކަން ފޯރުކޮށްދޭނެ ވެރިއެއް ކަމަށެވެ. މި ސަބަބުތަކަށްޓަކައި ރައީސް މުއިއްޒު ވެގެން ދާނީ ރާއްޖޭގެ ތާރީހުގައި ދެވަނަ ދައުރަކަށް ވެރިކަމަށް އިންތިހާބުވާ ރައީސަށްކަމަށް ޝާހިދު ވިދާޅުވި އެވެ.
ސިޔާސީ ހަރަކާތްތައް އިތުރުވެ، މަގުމަތީ ހަރަކާތްތައް އިދިކޮޅުން ވަރުގަދަކުރަމުން ދާތީ އެކަމަށް ވެސް ޝާހިދު ފާޑުވިދާޅުވި އެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަން ވިދާޅުނުވެ، އެމަނިކުފާނަށް އަމާޒު ކުރައްވައި ވިދާޅުވީ ބައެއް ބޭފުޅުންނަށް ކެތް ނުކުރެވެނީ އެ މަންޒަރު ބަލަން ކަމަށެވެ. ޝާހިދު ވިދާޅުވީ، ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ބޭފުޅުންނަށް، އެހެން ވެރިއަކަށް ދެވަނަ ދައުރެއް ލިބިދާނެތީ އެކަމާ ޖެހިލުންވާ ކަމަށެވެ. އަދި މިއީ ސިޔާސީ ހަގީގަތްކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މީގެ ވިހި އަހަރު ކުރިން ރާއްޖޭގެ ވެރިކަން ބަދަލުކުރި ގޮތަށް ދެން މި ގައުމުގެ ވެރިކަން ބަދަލުނުކުރެވޭނެކަމަށެވެ. ވެރިކަން ބަދަލުކުރާނެކަމަށް، ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައި ވާތީ އެކަމަށް ރައްދު ދެއްވައި ޝާހިދު ވިދާޅުވީ ޕީއެންސީއަކީ ވެރިކަން ބަދަލު ކުރަން މާ ފަރިތަ ޕާޓީއެއްކަމަށާއި، އެކަން ކުރަނީ އިންތިހާބުތަކުން ކަމަށެވެ. އަދި 2023 ގައި އެމްޑީޕީގެ ވެރިކަން ބަދަލު ކުރީ ވެސް އެގޮތުގެ މަތީންކަމަށް ޝާހިދު ވިދާޅުވި އެވެ.
ޕީއެންސީގައި 70،000 މެމްބަރުން އެބަތިބިކަމަށާއި، އެ ހުރިހާ މެމްބަރުން ވެސް ތިބޭނީ ރައީސް މުއިއްޒާއި އެކުކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ހުރިހާ މެމްބަރުން ވެސް އެ އިހުލާސްތެރިކަން ދަމަހައްޓާނެކަމަށް ޝާހިދު ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ ގައުމުގެ މިސްރާބު ހުރީ ވަރަށް އުފާވެރި މަގަކަށް ކަމަށާއި، ޕާޓީގެ ތެރޭގައި އެއްވެސް ކަހަލަ ހިތްހަމަނުޖެހުމެއް ނެތް ކަމަށެވެ.
ނިމިދިޔަ ކައުންސިލް އިންތިހާބުގައި ބައެއް ދާއިރާތަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް، އެއީ މާބޮޑު ކަމެއް ނޫންކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ނާކާމިޔާބުވި އޭނާގެ ދާއިރާ ގެއްލުން ވެސް މައްސަލައެއް ނޫންކަމަށް ވިދަާޅުވި އެވެ. އޭގެ ސަބަބަކީ ލާމަރުކަޒީ ގާނޫނު ވުޖޫދަށް އައިފަހުން، އައްޑޫ ސިޓީ ހުޅުދޫ ފަދަ އެމްޑީޕީގެ ކޮންޓްރޯލް އޮތް ދާއިރާތަކުން ފުރަތަމަ ފަހަރަށް މެޖޯރިޓީ ހޯއްދަވައިދެއްވި ހަމައެކަނި ރައީސަކީ ރައީސް މުއިއްޒު ކަމަށްވާތީކަމަށް ޝާހިދު ވިދާޅުވި އެވެ.
ތިން ރައީސުން ޖެހިލުން ވަނީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ލިބިދާނެތީ: ޝާޑު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ