ކަރަންޓީނު ނުވާ ގޮތަށް ދެން ރަށްރަށަށް ދެވޭނީ ވަރަށް ހާއްސަ ކަންކަމުގައި: އެޗްއީއޯސީ

ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ދެން ރަށްރަށަށް ދެވޭނީ ވަރަށް ހާއްސަ ކަންކަމުގައި ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ)އިން ބުނެފިއެވެ. 
އެޗްއީއޯސީއިން މިރޭ ބޭއްވެވި ޕްރެސްގައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ރަށްރަށަށް ދެވޭނެ ގޮތް ހަދައިދެނީ އެންމެ ފައިދާހުރި ގޮތް ބެލުމަށް ފަހު ކަމަށެވެ. އެގޮތުން، ރަށްރަށަށް ނުދެވޭނެ ގޮތް ހަދައިފިނަމަ ވަރަށް މުހިންމު ޕްރޮޖެކްޓްތައް ހުއްޓުމަކަށް އަންނާނެކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.
ބައެއް އަސާސީ ހިދުމަތްތައްވެސް މެދުކެނޑިގެން ދާނެކަމަށާއި، ބައެއް އަމިއްލަ ފަރާތްތަކުން ބޮޑެތި ލޯންތައް ނެގުމަށްފަހު ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް ހުއްޓި މާލީ އެތައް ގެއްލުމެއްވެސް ލިބިގެންދާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އެހެންނަމަވެސް، ރަށްރަށަށް ކަރަންޓީނު ނުވާ ގޮތަށް ދިޔުމުގެ ހުއްދަ ދޫކުރެވެނީ އަމަލުކުރަންޖެހޭ ވަކި އުސޫލުތަކަކާއި އެއްކޮށްކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.
"ހުއްދަ ދޭ ކޮންމެ
ފަރާތެއް މޮނިޓަރ ކުރުމަކީ އެޗްޕީއޭއަށް ކުރެވޭނެ ކަމެއް ނޫން" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ރަށްރަށަށް ދާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރޭތޯ ޔަގީންކުރުމަކީ އެ ރަށެށްގެ ކައުންސިލާއި ކަނޑައަޅާފައިވާ ޓާސްކްފޯރސް އިން ކުރަންޖެހޭ ކަމެއްކަން ނަޒްލާ ފާހަގަކުރެއްވިއެވެ. 
ކުރިން މިގޮތަށް ހުއްދަ ދީގެން ދަތުރު ކުރުމުގެ ފުރުސަތު އޮތް ނަމަވެސް ދެން އެކަން ކުރުމުގައި ހަރުކަށި ވާނެކަމަށް ޑރ.ނަޒްލާ ވަނީ މިރޭ އިއުލާންކުރައްވާފައެވެ. އެގޮތުން، ކަރަންޓީނު ނުވެ ދާ
ފަރާތްތަކަށްވެސް އިތުރަށް ބެލުމަށްފަހު މެނުވީ ހުއްދަ ނުދޭނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެހެންނަމަވެސް، ބަލާނެ ވަކި ކަންތައްތައް ޑރ. ނަޒްލާ ފާހަގައެއް ނުކުރައްވައެވެ.
ރާއްޖޭގައި ކޮންމެ ދުވަހަކުވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު 100 އިން މަތީގައި ހުންނަތާ މިއީ ފަސްވަނަ ދުވަހެވެ. މިކަމާއި ގުޅިގެން އިތުރު ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވެސް ވަނީ ނިންމާފައެވެ. އެގޮތުން، މާލެ ސަރަހައްދުގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު 4 އަކަށް ވަނީ ކަރފިއު އިއުލާންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ