ގުނަމުންދިޔައީ މީލާދީ އަހަރުން އަށާރަސަތޭކައިގެ
ކުރީކޮޅެވެ. ޔަމަންކަރައިގެ ކޯޓަކަށް އާދައިގެ ދަނޑުވެރިއަކު ހުށަހެޅި
މައްސަލައަކީ، އޭނާގެ ދަނޑުބިމަށް އަވަށްޓެރިއަކު އަރައިގަތުމުން ހުށަހެޅި
ދައުވާއެކެވެ. ފަނޑިޔާރަކަމުގައި ހުންނެވީ އިލްމާއި ހިލްމުގައި ހައިބަތު ބޮޑު
މަޝްހޫރު އިމާމް ޝައުކާނީ އެވެ. ފަނޑިޔާރު އިމާމް ޝައުކާނީ ދައުވާ ރައްދުވާ
މީހާއަށް ކޯޓަށް ހާޒިރުވުމުގެ އަމުރެއް ފޮނުވި އެވެ.
ދައުވާ ރައްދުވާ މީހާއަށް އަމުރު ލިބުމުން އޭނާގެ
ބޮޑާކަމާއި ކިބުރުވެރިކަން ދައްކައިފި އެވެ. ކޯޓު އަމުރު ވީދާލައި،
ކުދިކޮށްފައި އޭނާގެ ގެރިބަކައްޓަށް ކާންދޭ ތަކެއްޗާއެކު އެތަކެތީގެ ކާނާ ތެރެއަށް
އަޅައިގެން އޭނާގެ ގެރިއަށް ކޯޓު އަމުރު ކާންދީފައި، ކޯޓު އަމުރު ހިފައިގެން އައި
ކޯޓު އޮފިސަރުންތައް ގެއިން ފައްސާ ނެރެލީ އެވެ.
ބުނެވޭ ގޮތުގައި އޭރު ޔަމަންކަރައިގެ ވެރިމީހާ ރަށުގައި
ހާޒިރުވެވެސް ނެތެވެ. ވެރިކަން އޮތީ ޞަންޢާގަ އެވެ. އިމާމް ޝައުކާނީ
ވެރިމީހާއަށް ފަތްކޮޅެއް ފޮނުއްވެވި އެވެ. ކޯޓުގެ ހުރުމަތް
ނަގަހައްޓައިނުދެވޭ ވެރިކަމެއް އޮތްތަނުގައި ކޯޓެއްގެ ފަނޑިޔާރުކަން
ނުކުރައްވާނެކަމަށް ވިދާޅުވަމުންނެވެ. އިސާހިތަކު ވެރިމީހާ އޭނާގެ ލަޝްކަރު
ފޮނުއްވައި، ބޮޑާކަން ދެއްކި ނުފޫޒުގަދަ މީހާ ކޯޓުގެ ހުރުމަތަށް ކިޔަމަންކުރުވައި،
ކޯޓަށް ހާޒިރުކުރުވި އެވެ.
އިމާމް ޝައުކާނީއަށް އިލްމުވެރިއަކަށްވުމުގެ ހަގީގީ މާނަ
ވިސްނިވަޑައިގެންފައި އޮތީ، އާންމު ދިރިއުޅުމާއި އާންމުންނާ މުޅިން ދުރުން
އުޅެފައި ދެފަހަރަކު މިސްކިތަށް އަރާފައި އެހެންނާ ޓިކްޓޮކްގައި "ހުކުރު
ދުވަހުގެ މާތްކަމުގެ ވާހަކަ" ދައްކާލުމުން އިލްމުވެރިއެއްގެ ވާޖިބާއި ޒިންމާ
އަދާކުރެވުނީކަމަށްވާ ގޮތަކަށް ނޫނެވެ. އިލްމުވެރިންނަކީ އެޔަށްވުރެ މާ ޒިންމާބޮޑު
ބަޔެއްކަން އިމާމް ޝައުކާނީ ނަމޫނާއިން ދައްކަވައިދެއްވި އެވެ.
އިމާމް ޝައުކާނީގެ ފަނޑިޔާރުކަމުގައި ސިޔާސީ އެތައް
ލީޑަރުންނަކާއި އަސްކަރީ އެތައް ވެރިންނެއް ކުށްކުރި ހިނދު ވަކި ފަރާތަކަށް
ޖެހިވަޑައިނުގެން އެފަރާތްކަށް ނިޔާކަނޑައެޅުއްވިކަމީ ޔަމަންކަރައިގެ ތާރީހުން
ފެންނާން އޮތް ރަން ސަފުހާތަކެވެ. އިމާމް ޝައުކާނީ ދެކެވަޑައިގަންނަވާ ގޮތުގައި
"ހައްގުގޮތް ކޮންމެ މީހަކަށްވުރެ ބޮޑެވެ." މިޒަމާނުގެ ގާނޫނީ
ބަހުރުވައިންނަމަ ގާނޫނަށްވުރެ މަތީގައި އެކަކުވެސް ނުވެ އެވެ. އެހެން ނޫންތޯ އެވެ!
މިއަދު އަޅުގަނޑު ގަލަން މި ނެގީ، ސާޅީސް އެއްއަހަރު
ފަނޑިޔާރުކަން ކުރެއްވި ޔަމަންކަރައިގެ އެންމެހާ ފަނޑިޔާރުންގެ ބޮޑު
ފަނޑިޔާރުކަމާއި، އިލްމުވެރިންގެ ރައީސްކަމާއި ފަތުވާކޮމިޓީގެ ރިޔާސަތު ވެސް ގިނަ
ދުވަސްތަކަކަށް ބެލެހެއްޓެވި، އިލްމުވެރިއެއްގެ ހައިބަތުގެ ނުފޫޒުން ސިޔާސީ އެތައް
އިސްލާހެއް ޔަމަންކަރައަށް ގެނެސްދެއްވި އިމާމް ޝައުކާނީގެ ކުރު ތައާރަފެއް
ލިޔެލުމަށެވެ.
އިލްމުވެރިކަމާއި ދީންވެރިކަމަށް މަޝްހޫރު އާއިލާއަކަށް
އުފަންވެވަޑައިގަތް އިމާމް ޝައުކާނީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، މީލާދީން
1760 ވަނަ އަހަރުގަ އެވެ. ނުހަނު ތުއްޕުޅުއިރު ކީރިތި ޤުރުއާން ހިތުދަސްކުރެއްވި އެވެ.
އަދި އަރަބި ބަހުގެ ގަވާއިދުން ފެށިގެން އަދަބިއްޔާތާއި ތާރީހުގެ ފޮތްތަކުގެ
ތެރެއަށް ދާދި ޅައުމުރުފުޅުގައި ވެދެވަޑައިގެންނެވި އެވެ. އިމާމް ޝައުކާނީއަކީ
ހަދީސް އިލްމުވެރިއެއް އަދި ތަފްސީރާއި ފިޤުހުގެ ވެސް އިލްމުވެރިއެއްކަމަށް
އިލްމުވެރިން ބަލައިގަންނަން ފެށީ އިމާމް ޝައުކާނީ ދާދި ޒުވާން އުމުރުފުޅުގަ އެވެ.
ދީނީ އިލްމު އެކަންޏެއް ނޫނެވެ. އެޒަމާނުގެ ހުރިހާ އިލްމަކާއި ފަންނަކުން
ކިޔަވައިވިދާޅުވެ އިލްމުވެރިންގެ ސަފުގައި އިމާމް ޝައުކާނީ ގުނެން ފެށީ، ޒަމާނުގެ
ބޮޑު މުޖައްދިދެއްގެ ގޮތުގައިވެސްމެ އެވެ. މިހާރު ބަލާނަމަ އެއީ އިސްލާމީ ތާރީޚް
ދުށް އެންމެ ބޮޑެތި މުޖައްދިދުންގެ ތެރޭ ގުނޭ އިމާމެކެވެ.
މުޖައްދިދުންނޭ ބުނެވެނީ، އެއީ މާތް ނަބިއްޔާގެ ހަދީސް
ބަސްފުޅެއްގައި ކޮންމެ ސަތޭކަ އަހަރަކުން އެއްހަރަކު ދީން އައުކުރާނެ މީހަކު
އަންނާނެކަމަށް އޮންނަ ބަސްފުޅަށް އިޝާރާތްކޮށެވެ. މުޖައްދިދިނުންނަކީ ދީން
އައުކުރާ މީހުންނެވެ. މިއީ އޭގެ ލަފުޒީ ތަރުޖަމާ އެވެ. އިލްމީގޮތުން
މުޖައްދިދިނުންކަމުގައި ބުނަނީ، ދީނުގެ ކަންކަމަށް އަލުން މީސްތަކުން ލޯހުޅުވައި،
ދީނީ ރޫޙް އަލުން ދިރުވުމުގައި އާދަޔާ ހިލާފު މަސައްކަތެއް ކުރާ މީހުންނަށެވެ.
ވަކި އިލްމުވެރިއަކީ މުޖައްދިދެއްކަމަށް ބަލަނީ، އޭނާއާ އެއްޒަމާނުގެ
އިލްމުވެރިންނާއި ފަހަށް އަންނަ އިލްމުވެރިން އެގޮތަށް އެބޭކަލަކު
ސިފަކުރުމުންނެވެ. ނަޖިދުގެ އިމާމް މުޙައްމަދު ބިން ޢަބްދުލްވައްހާބަކީ ވެސް
އިމާމް ޝައުކާނީއާ އެއްދުވަސްވަރެއްގައި އުޅުއްވި މަޒުހަބީ ތައައްސުބާ ދެކޮޅަށް
މަސައްކަތްކުރެއްވި އިމާމެއް އަދި މުޖައްދިދެކެވެ. އިމާމް ޝައުކާނީއަކީ ވެސް ހަމަ
އެފަދަ އިމާމެއް އަދި މުޖައްދިދެކެވެ.
މަޒުހަބީ އެކި ހިލާފުތައް ނިކަން ފުރިހަމައަށް ޒުވާން
ދުވަސްވަރު ދިރާސާކުރައްވައި، ވަކި މަޒުހަބަކަށް ކަނުކޮށް ތަބާވުމުގައި އޭރު
އިސްލާމީ ދުނިޔޭގައި އިސްލާމީ އުންމަތުގެ ބަދުނަސީބުކަމުގައިވެފައި އޮތް މަޒުހަބީ
ތައައްސުބާއި ބޯދާފިކުރުން ދުރަށް ނުދެވުމުގެ ހަނިވިސްނުމުން، އުމުރުފުޅުން އެންމެ
ތިރީސް އަހަރުގައި މިނިވަންވެޑައިގަތެވެ. އަމިއްލަ ބުއްދިން އިޖުތިހާދުކުރައްވައި،
އަމިއްލަފުޅު ފަތުވާތައް ދެއްވަން ފެއްޓެވި އެވެ.
އިމާމް ޝައުކާނީއަށް މަޝްހޫރު ހަދީސް ފޮތް ބުޚާރީ
ކިޔަވައިދެއްވި މުދައްރިސްކަމަށްވާ، އަލްޢައްލާމާ މުޙައްމަދު ޢަލީ ބިން އިބްރާހީމް
ވިދާޅުވެފައިވެ އެވެ. "އިމާމް ޝައުކާނީއަކީ ހުރިހާ
އިލްމެއްގައިވެސް އިމާމެކެވެ. ކޮންމެ ފަންނެއްގައި ތަހުގީގުކުރަން ދަންނަ
މުޙައްޤިޤެކެވެ. މަޑުމައިތިކަމާއި މަޑުމޮޅިކަން ހުރި ބޭކަލެކެވެ. އެފަދަ ދެވަނަ މީހަކު
ފެނުމަކީ ނާދިރު ކަމެކެވެ."
އިމާމް ޝައުކާނީއަކީ ފިކުރީ އަދި ތަރުބަވީ ބަދަލުތަކެއް
އުންމަތަށް ގެނެސްދެއްވި އިލްމުވެރިއެކެވެ. އެފަދަ އިލްމުވެރިންނަކީ މަދު
ބަޔެއްކަމުގައި އިލްމުވެރިން ފާހަގަކުރައްވަ އެވެ. ހާއްސަކޮށް ޒަމާނަށް އަންނަ
ބަދަލުތަކާ ގުޅިގެން އިސްލާމީ ފިކުރު އެބަދަލުތަކަށް އެކަށީގެންވާނެ ގޮތުގައި
އާންމުންނަށް ވިސްނައިދިނުމުގެ ޒަމާނީ ފިކުރީ ވިސްނުމަކުން ތަރުބަވީ އަދި އިލްމީ
ފިލާވަޅުތައް އާންމުންނަށް ތިލަކޮށްދިނުމަކީ ނާދިރު އިލްމުވެރިންނަށް ނޫނީ ވެފައި
އޮތްކަމެއް ނޫނެވެ. މިކަންކަން މިހެން ކުރެއްވީ ފަނޑިޔާރުކަމުގެ ޒިންމާއަދާކުރައްވަމުން،
ދީނީ ފިކުރު އަމަލީ މައިދާނުގައި ތަންފީޒުކުރައްވަމުން ޕްރެކްޓިކަލީ ކަންހިނގާގޮތް
ދެކެވަޑައިގަންނަވަމުން ދިމާވާ މައްސަލަތަކުގެ ދީނީ ހައްލު ހޯއްދަވަމުންނެވެ.
މީލާދީން 1834 ވަނަ އަހަރު އިމާމް ޝައުކާނީ ދުނިޔެ
ދޫކުރައްވައި ވަޑައިގަތީ ފިކުރީ އަދި ދީނީ މުއްސަނދި ތަރިކައެއް އުންމަތަށް
ދޫކުރައްވާފަ އެވެ. މާތް ﷲ އިމާމް ޝައުކާނީގެ ފުރާނަފުޅަށް ހެޔޮ ރަހުމަތް ލައްވައި
ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި އެވެ!
މަދުވަނީ އިމާމް ޝައުކާނީ ފަދަ އިލްމުވެރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ