ގުރޫޕް އެފްގެ ފަހު މެޗުތަކުން ޖަޕާނާއި ސްވިޑެން ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގެ ބުރުން ޖާގަ ހޯދައިފި އެވެ.
އެމެރިކާގެ ޑެލަސްގައި ކުޅުނު މި ދެ ޓީމުގެ ކުރިމަތިލުން ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
މި ނަތީޖާއާ އެކު ޖަޕާނަށް ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި އޮޓޮމެޓިކް ކޮލިފިކޭޝަންގެ ތެރެއިން ދެވަނަ ބުރުގެ ޖާގަ ލިބުނެވެ. ސްވިޑަން ކުރިއަށްދިޔައީ އެންމެ މޮޅު ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑެއް ނުޖެހުނެވެ. ކުޅުން ދިޔައީ ވާދަވެރިކޮށެވެ. އެކަމަކު ދެވަނަ ހާފުގެ ކުރީކޮޅު ޖަޕާނުން ވަނީ މެޗުގެ ލީޑު ނަގާފަ އެވެ.
ރިޓްސޫ ދޯއާން ދިން ޕާހަކުން ސްވިޑެންގެ ދިފާއީ ބާގަނޑު ހުޅުވާލީ ޑައިޒެން މަޢެދާ އެވެ، އޭނާ ވަނީ ގޯލްކީޕަރު ޖެކޮބް ވިޑެލް ބީޓްކޮށްލުމަށް ފަހު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.
ޖަޕާނުގެ އުފާވެރިކަން ދެމިއޮތީ އެންމެ ފަސް މިނެޓަށެވެ.
މެޗުގެ 61 ވަނަ މިނެޓުގައި ސްވިޑެންގެ އެންތަނީ އެލަންގާ ވަނީ ދުރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން ޖަޕާނުގެ ކީޕަރު ޒިއޯން ސުޒުކީއަށް އެއްވެސް ފުރުސަތެއް ނުދީ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.
މެޗުގެ އިތުރު ވަގުތުގައި ސްވިޑަންގެ އެލެކްސަންޑާ އިސާކް ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވި އެވެ.
ގަދަ 32 ގެ ބުރުގައި ޖަޕާނަށް ނުކުންނާނީ ވަރުގަދަ ބްރެޒިލާ ދެކޮޅަށެވެ. ސްވިޑެން ނުކުންނާނެ ކަމަށް ބެލެވެނީ ފްރާންސާ ދެކޮޅަށެވެ.
މި ގުރޫޕުގެ އަނެއް މެޗުގައި ނެދަލޭންޑްސްއިން ވަނީ ކެންސަސް ސިޓީގައި ޓިއުނީޝިއާ 3-1 އިން ފަސޭހަކަމާއެކު ބަލިކޮށްފަ އެވެ.
މޮޅާ އެކު ނެދަލެންޑްސް އަށް ވަނީ ގުރޫޕް އެފްގެ އެއްވަނަ މަގާމު ކަށަވަރު ވެފަ އެވެ.
ނެދަލޭންޑްސްއިން ވަނީ ގުރޫޕް ސްޓޭޖުގައި ޖުމްލަ 10 ލަނޑު ޖަހާފަ އެވެ.
ނެދަލޭންޑްސްއިން މެޗު ފެށީ ވަރަށް ވަރުގަދަކޮށެވެ. މެޗު ފެށިގެން ތިންވަނަ މިނެޓުގައި ޓިއުނީޝިއާގެ އެލްޔެސް ސިޚީރީ އަތުން ބައިކޮޅަށް ވަން ލަނޑާ އެކު ނެދަލޭންޑްސްއަށް ލީޑު ލިބުނެވެ. އޭގެ ހަތަރު މިނެޓު ފަހުން، ބްރަޔަން ބްރޮބީ ވަނީ މި މުބާރާތުގައި އޭނާ ޖެހި ތިންވަނަ ލަނޑާ އެކު ނެދަލޭންޑްސްގެ ލީޑް ދެ ލަނޑަށް ފުޅާކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި ޓިއުނީޝިއާގެ ހާޒެމް މަސްތޫރީ ލަނޑެއް ޖެހި އެވެ.
މެޗުގެ 61 ވަނަ މިނެޓުގައި ނެދަލޭންޑްސްގެ ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި ޑިފެންޑަރު ޔަން ޕައުލް ވެން ހެކޭ، ބޮލުން ފޮނުވާލި ލަނޑާ އެކު ނެދަލޭންޑްސްއިން ވަނީ އަލުން ދެ ލަނޑުގެ ލީޑެއް ނަގާފަ އެވެ.
ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ނެދަލޭންޑްސް ދެވަނަ ބުރު ކުޅެން ދަތުރުކުރާނީ އެމެރިކާގެ މޮންޓެރޭއަށެވެ. އެ ބުރުގައި އެ ޓީމާ ވާދަކުރާނީ މޮރޮކޯ އެވެ.
ނެދަލެންޑްސްގެ ފަހަތުން ޖަޕާނާއި ސްވިޑެން ވެސް ދެވަނަ ބުރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ