ބަކިންގްހަމް ޕެލަސްގެ މަރާމާތު ނިމުނަސް، ރަސްގެފާނު ޗާލްސް ބަދަލުވެވަޑައެއް ނުގަންނަވާނެ

ބަކިންގްހަމް ޕެލަސް ބޮޑު ހޭދައެއް ކޮށްގެން މަރާމާތުކޮށް އަންނަ އަހަރުގެ މާޗު މަހަށް މުޅިން ނިމުނު ކަމުގައިވިޔަސް، ރަސްގެފާނު ޗާލްސް އަދި ކެމީލާ އެ ގަނޑުވަރަށް ދިރިއުޅުއްވުން ބަދަލު ނުކުރައްވާނެކަން، އިނގިރޭސި ޝާހީ އާއިލާގެ އެންމެ ފަހުގެ މާލީ ހިސާބުތަކުން ހާމަވެއްޖެ އެވެ.
މި ނިންމުމާއެކު، 1837 ވަނަ އަހަރުން ފެށިގެން އިނގިރޭސި ރަސްކަމުގެ ރަސްމީ ދިރިއުޅުއްވާ ތަނުގެ ގޮތުގައި ބޭނުންކުރަމުން އައި ބަކިންގްހަމް ޕެލަސް ކުރިއަށް އޮތް ތަނުގައި ބޭނުންކުރާނީ ހަމައެކަނި ޝާހީ އިދާރީ މަރުކަޒެއްގެ ގޮތުގަ އެވެ.
ރަސްގެފާނު ނިންމަވާފައިވަނީ މިހާރުވެސް ދިރިއުޅުއްވާ، ކައިރީގައި ހުންނަ ކްލެރެންސް ހައުސް އެމަނިކުފާނުގެ ރަސްމީ ގެކޮޅުގެގޮތުގައި ބެހެއްޓުމަށެވެ. ޝާހީ އޮފިޝަލުން ވިދާޅުވި ގޮތުގައި މި ބަދަލު ގެންނަން ނިންމީ އާންމުންނަށް އެ ތާރީހީ ބިނާ ބަލާލުމުގެ ފުރުސަތު އިތުރަށް ފުޅާކުރުމުގެ މަގުސަދުގަ އެވެ.
ބަކިންގްހަމް ޕެލަސް މަރާމާތު ކުރުމުގެ 10 އަހަރުގެ ބޮޑު މަޝްރޫއަށް ސޮވްރިން ގްރާންޓް' ބަޖެޓުން 369 މިލިއަން ޕައުންޑް ހޭދަވެ އެވެ. 
ރަސްގެފާނު ޗާލްސް އަދި ކެމީލާ، ކްލެރެންސް ހައުސްގައި ދިރިއުޅުއްވަން ފެއްޓެވީ 2005 ގައި ކުރެވުނު ކައިވެންޏަށްފަހުއެވެ. މިހާރު ދެ ބޭފުޅުންގެ އުމުރުފުޅުން 70 ގެ އަހަރުތައް ގުނަމުންދާއިރު، މުވައްޒަފުންނާއި ސާމާނު ހިފައިގެން ބަކިންގްހަމް ޕެލަސްއަށް ބަދަލުވުމުގެ ބޮޑު އުނދަގޫ އުފުއްލަވަން ދެ ބޭފުޅުންކުރެ އެއްވެސް ބޭފުޅަކު ބޭނުންފުޅެއް ނުވެ އެވެ. މީގެ އިތުރުން، ރަސްގެފާނު އެ ތަނުގައި ދިރިއުޅުއްވާނަމަ ސަލާމަތީ ސަބަބުތަކަށްޓަކައި އާންމުންނަށް ވަދެވޭނެ ސަރަހައްދުތަކާއި ޒިޔާރަތްކުރެވޭނެ މީހުންގެ އަދަދު މަދުކުރަން ޖެހޭނެ އެވެ. ނަމަވެސް އެ ބޭފުޅުން އެ ތަނުގައި ދިރިނޫޅުއްވާނަމަ، ގަނޑުވަރު އާންމުންނަށް ހުޅުވާލާފައި ހުންނަ މުއްދަތު ދިގުކޮށް، ގިނަ ބަޔަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބި، ގަނޑުވަރަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.
ރަސްގެފާނު އެ ގަނޑުވަރުގައި ދިރިނޫޅުއްވި ކަމުގައިވިޔަސް، ދައުލަތުގެ ބޮޑެތި ހަފުލާތަކާއި ބޮޑުވަޒީރާއި ސަފީރުންނާ ބައްދަލުކުރެއްވުން ފަދަ ރަސްމީ ހުރިހާ ކަމެއް ކުރިއަށްދާނީ ބަކިންގްހަމް ޕެލަސްގަ އެވެ.
ގަނޑުވަރުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ރަސްގެފާނުގެ ހިތްޕުޅުގައި ބަކިންގްހަމް ޕެލަސްއަށް ބޮޑު ލޯތްބަކާއި އިހުތިރާމެއް އޮވެއެވެ.
އިނގިރޭސި ރަސްގެފާނު ޗާލްސް އާއި އަމީރު ވިލިއަމް، ޝާހީ އާއިލާގެ މާލީ ކަންކަން ހާމަކުރުމުގެ ގޮތުން މިލިއަނުން ޓެކްސް ދައްކަވައި، އެ ތަފްސީލުތައް ފުރަތަމަ ފަހަރަށް އާންމުކުރައްވައިފިއެވެ. މީގެ އިތުރުން، ބަކިންހަމް ޕެލަސް މަރާމާތުކޮށް ނިމުނު ކަމުގައިވިޔަސް އެތަނަށް ދިރިއުޅުން ބަދަލުނުކުރެއްވުމަށް ރަސްގެފާނު ވަނީ ނިންމަވާފައެވެ.
މި ބަދަލުތައް ހާމަވެފައިވަނީ ރަސްގެފާނުގެ ޓެކްސްގެ ތަފްސީލުތައް ހިމެނޭ މާލީ ރިޕޯޓުންނެވެ. މިއީ އިނގިރޭސި ރަސްކަލަކު އެ ބޭފުޅެއްގެ ޓެކްސްގެ ތަފްސީލު އާންމުކުރި ފުރަތަމަ ފަހަރެވެ. ރިޕޯޓުން ދައްކާ ގޮތުގައި އެމަނިކުފާނަކީ އިނގިރޭސިވިލާތުގެ އެންމެ ގިނައިން ޓެކްސް ދައްކާ 100 މީހުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އެގޮތުން 2024-25 ގައި 12.9 މިލިއަން ޕައުންޑް ޓެކްސްގެ ގޮތުގައި ދައްކަވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ