ދިވެހިރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދިނުމުގެ ނިޒާމު ހަރުދަނާކޮށް، ވަކި މިންގަނޑުތަކެއްގެ ތެރެއިން އެ ޚިދުމަތް ފޯރުކޮށްދިނުމަށް ޓަކައި އެކުލަވައިލި ކަރަންޓުގެ ޚިދުމަތް ދިނުމާ ގުޅޭ އާންމު ގަވާއިދު ސަރުކާރުން އިއްޔެ ގެޒެޓުކޮށްފިއެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ތަންފީޒުކުރާ މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ ކަރަންޓު އުފެއްދުމާއި، ފޯރުކޮށްދިނުމާއި، މިކަމަށް ބޭނުންކުރާ ސާމާނު ޓެސްޓުކުރުމުގެ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމެވެ.
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، 2006 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި ”މާލެއާއި ރާއްޖެތެރޭގައި އާންމުކޮށް އިލެކްޓްރިކް ކަރަންޓު ދިނުމާބެހޭ ގަވާއިދު“ މިހާރު ވަނީ އުވިފައެވެ.
މި ގަވާއިދުގައިވާ ގޮތުން ކަރަންޓުގެ ޚިދުމަތް ދެވޭނީ އޮތޯރިޓީން ދޫކުރާ ލައިސަންސެއް ނުވަތަ ވަގުތީ ހުއްދައެއް އޮވެގެންނެވެ. އާންމުކޮށް ލައިސަންސް ދޫކުރާނީ ބީލަމުގެ އުސޫލުން ކަމަށްވީ ނަމަވެސް، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބީލަމަކާ ނުލައި ހުއްދަ ދިނުމުގެ އިޚުތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ކަރަންޓު ދޭންވާނީ ކައުންސިލާއި ޚިދުމަތްދޭ ފަރާތާ ދެމެދު ހަދާ ”ޔުޓިލިޓީ ސަރވިސް އެގްރީމަންޓް“އެއްގެ ދަށުންނެވެ.
ގަވައިދުގައިވާގޮތުން ކޮންމެ އިމާރާތެއްގައިވެސް މީހުން ދިރިއުޅެންވާނީ ކަރަންޓުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހުގައެވެ. އިމާރާތުގެ ވަޔަރިންގ ހަދަންޖެހޭނީ ހުއްދަ އޮތް ފަރާތަކުން ކަމަށާއި، 63 އެމްޕިއަރަށްވުރެ މަތީގެ ލޯޑެއް ބޭނުންވާނަމަ ޚާއްސަ ޑިސްޓްރިބިއުޝަން ޕެނަލެއް ހުރުން މި ގަވާއިދުން ލާޒިމުކުރެއެވެ. އަދި ރާއްޖެއަށް އެތެރެކުރާ ކަރަންޓު ކޭބަލްތަކާއި އާލާތްތައް ހުންނަންވާނީ ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯ ޓެސްޓުކޮށް ފާސްކުރެވިފައެވެ.
ތިމާވެއްޓާ ރައްޓެހި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ހިތްވަރުދިނުމުގެ ގޮތުން، މިފަދަ މަޝްރޫޢުތައް ހަތަރު މޮޑެލްއަކަށް (ކޮމާރޝަލް، ނެޓް މީޓަރިންގ، ޕައިލެޓް، އަދި އޮފް ގްރިޑް) ބަހާލައިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު މި ގަވާއިދުން ފަހިކޮށްދެއެވެ. އެއް ބާވަތަށް ވުރެ ގިނަ ހަކަތަ ބޭނުންކުރެވެން އޮތް ހާލަތްތަކުގައި އަބަދުވެސް އިސްކަންދޭންވާނީ އިއާދަކުރަނިވި ހަކަތައަށެވެ.
ޚިދުމަތްދޭ ފަރާތްތަކުން ކުރިމަގުގެ ޑިމާންޑް ފޯކާސްޓްތަކާއި، ކޮންމެ 5 އަހަރަކުން އިންވެސްޓްމަންޓް ޕްލޭންތައް ހުށަހަޅަންޖެހެއެވެ. އަދި އިންޖީނުގެތަކުގައި މަދުވެގެން 7 ދުވަހުގެ ތެޔޮ ރައްކާކުރެވޭނެ އިންތިޒާމު ހަމަޖައްސައި އަލިފާން ނިއްވާ ނިޒާމު ގާއިމުކޮށްފައި ހުރުން މަޖުބޫރެވެ.
މި ގަވާއިދާ ޚިލާފުވާ ފަރާތްތައް 10,000 ރުފިޔާއިން ފެށިގެން 1,000,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ލިބިގެންވެއެވެ. މީގެ އިތުރުން، ގަވާއިދާ ޚިލާފުވާ ކޮންމެ ދުވަހަކަށް އިތުރު ޖޫރިމަނާއެއް ކުރުމުގެ އިޚުތިޔާރުވެސް އޮތޯރިޓީއަށް އޮވެއެވެ.
ކަރަންޓުގެ ޚިދުމަތް ދިނުމާ ގުޅޭ އާންމު ގަވާއިދު ގެޒެޓުކޮށް އަމަލުކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ