ނެދަލެންޑްސް، ސްވިޑެން އަދި ޖަޕާން ވެސް ދެ ވަނަ ބުރަށް

ކަންސަސް ސިޓީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 26) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ގްރޫޕް އެފްގައި ކުޅުނު ފަހު މެޗުތަކަށްފަހު، ނެދަލެންޑްސް އާއި ސްވިޑެން އަދި ޖަޕާން ވެސް މުބާރާތުގެ ގަދަ 32 ޓީމު ވާދަކުރާ ބުރުން ޖާގަ ހޯދައިފި އެވެ. 
ފަހު މެޗުތަކުގެ ނަތިޖާ އަށް ބަލާއިރު، ޓިއުނީޝިއާ އަތުން 3-1 އިން ނެދަލެންޑްސް މޮޅުވިއިރު، ޖަޕާން އާއި ސްވިޑެން ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ.
ގްރޫޕްގެ ތާވަލަށް ބަލާއިރު، ނެދަލެންޑްސް އަށް ވަނީ ހަތް ޕޮއިންޓް ހޯދައިފަ އެެެވެ. ދެ ވަނަ ހޯދި ޖަޕާނަށް ފަސް ޕޮއިންޓް އަދި ތިން ވަނަ އަށް ދިޔަ ޓިއުނީޝިއާ އިން ވަނީ ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. އަދި، ޓިއުނީޝިއާ ވަނީ ކުޅުނު ތިން މެޗުން ވެސް ބަލިވެ މުބާރާތުން ކަޓައިފަ އެވެ. 
ނެދަލެންޑްސް އިން ރޭގެ މެޗުގެ ހަތް މިނިޓް ތެރޭ ދެ ގޯލު ޖެހި އެވެ. އެ ގޮތުން، މެޗުގެ ދެ ވަަނަ މިނިޓްގައި ނެދަލެންޑްސް އިން ލީޑުނެގީ ޓީއުނީޝިއާގެ އެލްޔެސް ޝިކީރީ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އެގެ ފަސް  މިނިޓް ފަހުން، ވާޖލް ވެން ޑައިކް ދިން ބޯޅައެއް ބްރަޔަން ބްރޮބީ ވަނީ ގޯލަށް ފޮނުވާލައިފަ އެެވެ. 
މެޗުގެ އެހާ ކުރީކޮޅުގައި ދެ ގޯލުގެ ލީޑެއް ލިބި ނެދަލެންޑްސް އިން މެދުތެރޭގެ ކޮންްޓްރޯލް ނަގައިގެން ކުޅެމުންދިޔައިރު، ފުރަތަމަ ހާފުގައި އިތުރު ގޯލެއް ޖެހޭގޮތެއްނުވި އެވެ. އެކަމަކު، ދެ ވަނަ ހާފުގެެ ކުޅުން ފަށައިގެން ނުވަ މިނިޓް ތެރޭ ޓިއުނީޝިއާ އިން ލަނޑު ޖެހި އެވެ. މިއީ، 54 ވަނަ މިނިޓްގައި ހަނިބަލް މެޖްބްރީ ދިން ބޯޅައަކުން ހަޒެމް މަސްތޫރީ ޖެހި ގޯލެކެވެ. މި ލަނޑު ޖެހިތާ އަށް މިނިޓް ފަހުން، މެޗުގެ 62 ވަނަ މިނިޓްގައި، ޕައުލް ވެން ހެކާ ވަނީ ނެދަލެންޑްސްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މިއީ، ޓިޖާނީ ރައިންޑާސް ދިން ބޯޅައަކުން ވެން ހެކާ ޖެހި ގޯލެކެވެ. 
ޖަޕާން އާއި ސްވިޑެން ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ގޯލެއް ފެނިފައިނުވެ އެވެ. އެކަމަކު، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 11 މިނިޓް ތެރޭ ފުރަތަމަ ގޯލު ވަނީ ފެނިގެންގޮސްފަ އެވެ. އެ ގޮތުން، މެޗުގެ 56 ވަނަ މިނިޓްގައި ރިޓްސޫ ޑޯއާން ދިން ބޯޅައަކުން ޑައިޒެން މައޭޑާ ވަނީ ޖަޕާނުގެ ލަނޑު ޖަހައި ލީޑު ހޯދައިދީފަ އެވެ. 
އެކަމަކު، މާ ގިނައިރެއްނުވެ، ޖަޕާނަށް ލީޑުގެއްލި ސްވިޑެން އިން ނަތީޖާ ހަމަހަމަކުރި އެވެ. މިއީ، މެޗުގެ 62 ވަނަ މިނިޓްގައި ވިކްޓަ ޔޯކެރޭޝް ދިން ބޯޅައަކުން އެންތަނީ އެލަންގާ ޖެހި ގޯލެކެވެ. މިއީ، އެލަންގާ މި ފަހަރުގެ ވޯލްޑް ކަޕްގައި ޖެހި ދެ ވަނަ ގޯލެވެ. 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ