އެކްސްޕީޑިއާގެ އެހީގައި ރާއްޖެ އިޝްތިހާރުކުރަނީ

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޓްރެވެލް އެޖަންސީ ކަމުގައިވާ އެކްސްޕީޑިޔާގެ އެހީގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި ކެމްޕޭނުގައި ރާއްޖެ ޕްރޮމޯޓުކުރުމަށް ހަމަޖެހިފައިވަނީ ހަތަރު މަންޒިލެއްގައެވެ. އެކްސްޕީޑިޔާ މެދުވެރިކޮށް، ރަޝިޔާއާއި އިންޑިޔާއާއި މެދުއިރުމަތީގައާއި ޗައިނާގައި ރާއްޖޭގެ ޤުދުރަތީ ރީތިކަން ފަތުރުވެރިންނަށް އަމާޒުކޮށް އިޝްތިހާރުކުރާނެ ކަމުގައި އެމްއެމްޕީއާރުސީން ބުނެފައިވެއެވެ.
މި ކެމްޕެއިނުގެ އެއް އަމާޒަކީ ރާއްޖޭގެ ރަށްރަށް ވަކިން ހުންނަ ހުރުން ބުނެދީ ރާއްޖެއަކީ އަމާން މަންޒިލެއްކަން ފަތުރުވެރިންނަށް ބުނެދިނުން ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ.
އެމްއެމްޕީއާރުސީން ލަފާކުރާ ގޮތުގައި މި ކެމްޕޭނުގައި 23 މިލިއަން މީހުންނާ ހަމައަށް ރާއްޖެއާ ބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.
މިއަހަރު ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމަށް އެމްއެމްޕީއާރުސީން މާކެޓިންގެ ގިނަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވެއެވެ. އެގޮތުން ޓްރެވަލް ޓްރޭޑް ފެއާތަކާއި، ރޯޑް ޝޯތަކުގައި ބައިވެރިވުމާއި، ސޯޝަލް މީޑިޔާގެ އިންފުލުއެންޒަރުންނާއި މަޝްހޫރު މީހުން ރާއްޖެ ގެނައުމަކީ މިކަންކަމުގެ ތެރެއިން ބައެއް ކަންކަމެވެ.
މިހާތަނަށް މި އަހަރު ރާއްޖެއަށް ފަތުރުވެރިން އައި އަދަދަކީ 57،000 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ